ބަލިވެ އިންނަތާ ކުރީކޮޅު ދަރިފުޅު ބައިގެން ދިއުމުގެ ހިތްދަތިކަން އިހުސާސްކުރަންޖެހޭ ކޮންމެ 6 އަންހެނަކުން 1 އަކީ، ޕޯސްޓް-ޓްރޯމެޓިކް ސްޓްރެސް (ޕީޓީއެސް)އާއި ކުރިމަތިލާ، އެކަމުގެ ތަކުލީފުތައް އުފުލަންޖެހޭ ކަމަށް އިނގިރޭސިވިލާތުގައި ކުރި ދިރާސާއަކުން ދައްކައިފިއެވެ.
ކަންމިހެން އޮތްއިރު، ދަރިފުޅު ބައިގެން ދިއުމުގެ ތަކުލީފު އުފުލަންޖެހިފައިވާ އަންހެނުންނަށް، މިހާރަށްވުރެ ބޮޑަށް ސިއްހީ އެހީތެރިކަމާ، ވަކިވަކި ދާއިރާތަކުން ހައްސާސީ ފަރުވާއެއް ބޭނުންވާ ކަމަށް ދިރާސާކުރި ފަރާތްތަކުން ވަނީ ފާހަގަވެސް ކޮށްފައެވެ.
ޓޯނީ އެޑްވަޑްސް-ބޭއިޓަން،36، ބުނި ގޮތުގައި، 2016 ވަނަ އަހަރުގެ ތެރޭގައި ދަރިފުޅު ބައިގެން ދިއުމުގެ ސަބަބުން، ހަމަބުއްދި ފިލާދާކަމުގެ އިހުސާސް އޭނާއަށް ކުރެވެން ފެށިއެވެ.
"އެކަމާ (ދަރިފުޅު ބައިގެން ދިއުމުން) ހިތާމަ ކުރެވެން ފެށި. އެކަމަކު އެއީ ރަނގަޅު ގޮތެއް ނޫންކަމަށް ހީވި. އެއީ، އަސްލު އެ ދަރިފުޅަކީ، (ދުނިޔެއަށް) ނޭވާ ލި ދަރިއަކަށް ނުވާތީ، ހަގީގަތުގައި ދަރިއަކަށް ނުވާނޭ ބޮލުތެރޭގައި ބުނަން ފެށުމުން. އެކަމަކުވެސް އަހަރެން ހުރީ ޝޮކެއްގަ" ޓޯނީއަށް ކުރެވެމުންދިޔަ އިހުސާސްތައް ހިއްސާކުރަމުން އޭނާ ކިޔައިދިނެވެ.
ޓޯނީއާއި އޭނާގެ ފިރިމީހާ، މެޓްގެ ދަރިފުޅުގެ ހިތުގެ ވިންދު ނެތްކަން އެ ދެމަފިރިންނަށް އެނގުނީ ބަނޑަށް 12 ހަފުތާގައެވެ. އެ ދަރިފުޅު ބައިގެން ދިޔައީ ގޭގައި ފާހާނާގައި ހުއްޓާއެވެ. 8 ދުވަސްވަންދެން ހަށިގަޑުން އެހާ ގިނަ އަދަދަކަށް ލޭ ބޭރުވެ، ރިހުމުގެ ގަދަ ވޭންވަރުތަކެއް އިހުސާށްކުރަންޖެހިދާނެ ކަމަށް އޭނާ ފަހަރެއްގައިވެސް އޭރު ހީކޮށްފައެއް ނެތެވެ. އެކަހަލަ އެއްވެސް މައުލޫމާތެއްވެސް އޭރު އޭނާއަށް ލިބިފައެއް ނެތެވެ. އަދި ދަރިއަކު ބައިގެން ދިއުމުން ދެން ކަންތައް ވެގެންދާނެ ގޮތާ ބެހޭ މާ ބޮޑު ވާހަކަތަކެއްވެސް އޭރު އޭނާއަށް ނޭނގޭ ކަމަށް ޓޯނީ ބުންޏެވެ.
ހާސްވެ ނުތަނަވަސްވުން (ޕެނިކް/އެންޒައިޓީ)
އެތައް ދުވަހަކު އެ ވޭނުގައި އުޅުމަށްފަހު އަތްތިލައެއް ވަރުގެ 'އެއްޗެއް' ޓޯނީގެ ހަށިގަނޑުން ބޭރުވިއެވެ. އެއީ ދަންވަރުގެ ވަގުތެވެ. ހޮސްޕިޓަލަށް ގުޅީ ޖެހިގެން އައި ދުވަހުގެ ހެނދުނުއެވެ. ހޮސްޕިޓަލުން ބުނީ 'ޕްރެގްނެންސީ ޓިޝު'ކޮޅު ހޮސްޕިޓަލަށް ގެނެސްދިނުމަށާ، ހޮސްޕިޓަލުން އެ 'ޓިޝޫ'ކޮޅު ނައްތާލަ ދޭނެ ކަމަށެވެ.
"އަހަރެންނަށް އެއީ އެއްވެސް ހާލެއްގައި ޕްރެގްނެންސީ ޓިޝޫއެއް ނޫން. އެއީ އަހަރަމެންގެ ދަރިފުޅު" ޓޯނީގެ އިހުސާސްތައް ބޭރުކޮށްލިއެވެ.
ޖެހިގެން އައި ހަފުތާތައްވީ ވަކިން އުނދަގޫ ދުވަސްތަކަކަށެވެ. ދިރިއުޅުމުގެ ކޮންމެ ކަމަކާ ނުތަނަވަސްވެ، ހާސްވާން ފެށިއެވެ. ވަކިން ހާއްސަކޮށް، އޭރު އުމުރުން 4 އަހަރު ފުރިފައި އިން ދޮށީ އަންހެންދަރިފުޅުގެ ކަންކަމާއެވެ.
"އެ ދަރިފުޅު މަރުވެދާނެ އަބަދު ހިތަށް އަރަނީ. ބިންމައްޗަށް ވެއްޓޭތަންވެސް އަހަރެންނަށް ފެނ" ބައިގެން ދިޔަފަހުން، ނަފްސާނީ ގޮތުން ކުރިމަތިވަމުންދިޔަ ނުތަނަވަސްކަން ހިއްސާކުރަމުން ޓޯނީ ކިޔައިދިނެވެ.
ޓޯނީ ތަހައްމަލުކުރަމުންދަނީ ޕޯސްޓް-ޓްރޯމެޓިކް ސްޓްރެސް ޑިސްއޯޑާ (ޕީޓީއެސްޑީ)ކަން ދެނެގަނެވުނީ އޭގެ މަސްތަކެއް ފަހުންނެވެ. ނަމަވެސް އޭނާ ކައުންސިލިންގްއަކަށް ނުދެއެވެ. އެއީ އޭރު އޭނާ އަލުން ބަލިވެއިނުމުގެ ސަބަބުންނެވެ. މިއަދު ޓޯނީގެ ދެމަފިރިންނަކީ 2 އަންހެން ދަރިންގެ މަންމައާއި ބައްޕައެވެ.
ދިރާސާ ބުނީ ކީކޭ؟
އިމްޕީރިއަލް ކޮލެޖް ލަންޑަންއާއި ބެލްޖިއަމްގެ ކޭޔޫ ލިއުވެން ގުޅިގެން ކުރިއަށް ގެންދިޔަ ދިރާސާގެ ހޯދުންތައް ދައްކާ ގޮތުގައި، ދަރިފުޅު ބައިގެންދާ އަންހެނުންގެ ތެރެއިން 29 ޕަސެންޓް މީހުންނަކީ އެ ހިތާމަވެރި ހާދިސާ ހިނގާތާ 1 މަސްދުވަހުގެ ތެރޭގައި ޕީޓީއެސްޑީގެ އަލާމާތްތައް ފެންނަން ފަށާ މީހުންނަނެވެ. ދަރިއަކު ބައިގެންދާތާ 9 މަސްތެރޭގައި މިއަދަދު 18 ޕަސެންޓްއަށް ދަށްވެއެވެ.
ދިރާސާގައި ބައިވެރިކުރި ގިނަ މީހުންނަކީ ބަނޑުގައި ދަރިފުޅު ގަރުބަގަތްތާ 12 ހަފުތާ ވުމުގެ ކުރިން އެ ދަރިފުޅު ބައިގެން ދިޔަ މީހުންނެވެ. ދިރާސާގައި ބައިވެރިވި އަންހެންނުންގެ އިހުސާސްތަކުގެ މައްޗަށް ބިނާކޮށް އެކުލަވާލި ތަފާސް ހިސާބުތައް ދައްކާ ގޮތުން ދަރިފުޅު ބައިގެން ދިޔަ ފުރަތަމަ މަސްދުވަހުގެ ތެރޭގައި އެންޒައިޓީގެ އަސަރު ކުރި މީހުންގެ އަދަދު އުޅުނީ 24 ޕަސެންޓްގައެވެ. 11 ޕަސެންޓް މީހުންގެ ކިބައިން ޑިޕްރެޝަންގެ އަލާމާތްތައްވެސް ފެނުނެވެ. 9 މަސްދުވަސް ފަހުން ބެލިއިރު އެންޒައިޓީގެ އަސަރު 17 ޕަސެންޓްއަށް އަދި ޑިޕްރެޝަންގެ އަސަރު 6 ޕަސެންޓްއަށް ދަށްވިކަން ވަނީ ފާހަގަކުރެވިފައެވެ.
ދަރިއަކު ބައިގެން ދިއުމަކީ ހިތްދަތި ބިރުވެރި ތަޖުރިބާއެއް
މިކަމުގެ ހަގީގީ ބިރުވެރިކަމާ ހިތާމަ އިހުސާސްކުރަން އެނގޭނީ އެ ތަކުލީފު އުފުލާފައި ހުރި މީހަކަށެވެ. އެނޫން މީހުންނަށް ކުރެވެމުންދާނީ ފެންނަ އެއްޗަކާ، އިވޭ އަޑެއްގެ މައްޗަށް ބިނާކޮށް ކުރެވޭ އިހުސާސެކެވެ.
ޑޮކްޓަރުން ބުނާ ގޮތުގައި ބަނޑަށް ކިތަންމެ މަދު ހަފުތާކޮޅެއްގެ ތެރޭގައި ކަމަށް ވީ ނަމަވެސް ދަރިއަކު ބައިގެން ދިއުމަކީ އެ އަންހެނެއްގެ މުޅި އުމުރު ދުވަހަށްވެސް އެކަމުގެ އަސަރު އޭނާއަށް ކުރުން އެކަށީގެންވާ ކަމެކެވެ. އަދި ބައިގެންދިޔައީ ބަނޑަށް މާ ގިނަ ދުވަސްވެސް ނުވަނީސް ނޫންހޭ ބުނެ، އެމީހާ ހިތްހަމަޖައްސައިދޭން އުޅުމުންވެސް ކުރާނެ ފައިދާއެއް ނޯންނާނެ ކަމަށްވެސް ތަޖުރިބާކާރު ޑޮކްޓަރުން ބުނެއެވެ.
ދަރިފުޅު ބައިގެންދާ އަންހެނުންނަށް ބޭނުންވާ ނަފްސާނީ އެއްބާރުލުމާ އެހީތެރިކަން މިހާރަށްވުރެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭން ޖެހެއެވެ. ބަލިވެއިނދެ، ދަރިއަކު ވިހެމުން ލިބޭ ޗުއްޓީއާއި އޭނޫން އިނާޔަތްތައްވެސް އެފަދަ އަންހެނުންނަށް ހައްގު ނޫންތޯއެވެ؟ އާއިލާއިން ދޭ އަޅާލުމާ ލޯބިވެސް ހައްގު ނޫންހެއްޔެވެ؟