އައްޑޫސިޓީ މަރަދޫފޭދޫގައި ހުންނަ ދަމަނަވެށިން ގެއްލުނު އެ ސެންޓަރުގެ ރަސްމީ ތައްގަނޑު ގދ. އަތޮޅުގެ ފަޅު ރަށަކުން ފެނިއްޖެއެވެ.
ފުލުހުން ބުނީ މި މަހު ހަތަރު ވަނަ ދުވަހު ހެނދުނު 10:30 ގައި، އެ ތައްގަނޑު ގދ. ކުރިކޭމާހުއްޓަ ނަމަކަށް ކިޔާ ފަޅު ރަކަށަކުން ފެނިފައިވާ ކަމަށް މިއަދު ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ބެހޭ އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.
އައްޑޫ ސިޓީ މަރަދޫގައި ހުންނަ ދަމަނަވެށިން ވެކްސިން ތައްގަނޑެއް ވަގަށް ނަގައިގެން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުގައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި މަރަދޫފޭދޫގެ ދަމަނަވެށިން ތިން ފަހަރެއްގެ މަތިން ވަނީ ވައްކަންކޮށްފައެވެ. ވެކްސިން ޖެހިކަން އަންގައިދޭން ޖަހާ ތައްގަނޑުގެ އިތުރުން ރަސްމީ ލިޔެކިޔުންތައް ބަލަހައްޓާ ކޮމްޕިއުޓަރުގެ ސީޕީޔޫ ވެސް ވަނީ ވަގަށް ނަގާފައެއެވެ.
އައްޑޫގެ ދަމަނަވެށިން ވެކްސިން ތައްގަނޑެއް ވަގަށް ނަގައިފައި ވާކަން އާންމުވީ، ވެކްސިން ނުޖަހައި ކުދިން ވައްދާ ސްކޫލެއް އައްޑޫގައި ހުރި ކަމަށް، ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
މިކަމާ ގުޅިގެން އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވީ، ވެކްސިން ނުދޭ ކުދިން ވައްދާ ސްކޫލެއް އައްޑޫގައި ހުރިނަމަ އެކަން ބައްލަވައި ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. އަދި އުސޫލެއްގެ ގޮތުން ވެކްސިން ނުދޭ ކުދިން ސްކޫލަށް ނުވައްދާ ކަމަށާއި، އެފަދަ ކުދިން ސްކޫލަށް ވައްދާނަމަ، އެއީ ގާނޫނާ ހިލާފަށް ކުރަމުންދާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ސޯބެ ވިދާޅުވީ، ގާނޫނާ ހިލާފަށް އެފަދަ ކަމެއް ކުރަމުންދާނަމަ އެކަން ބައްލަވައި ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. އަދި ކައުންސިލާއި އެޑިއުކޭޝަނާ ގުޅިގެން ވެސް އެކަން ބައްލަވާނެ ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު އަލީ ވަނީ ވެކްސިން ނުދޭ ކުދިން ވައްދާ ސްކޫލޭއް އެނގޭނަމަ އެ ސްކޫލެއްގެ މައުލޫމާތު އެޑިއުކޭޝަން މިނސިްޓްރީއާ ހިއްސާކުރުމަށް ގޮވާލައްވާފައެވެ.