މިއަދު ހިނގި 2 ހާދިސާއެއްގައި 2 މީހަކު މަރުވެއްޖެއެވެ. އެއްހާދިސާގައި މަރުވީ މަހަށް ނުކުމެ އުޅުނު މީހެކެވެ. އޭނާ މަރުވީ ކަރުގައި ކަންވާރެއް އޮޅިގެން ކަމަށް ފުލުހުން ބުނެެެވެ.

ދެވަނަ ހާދިސާގައި މަރުވީ ވަޑާންގެއެއްގައި މަސައްކަތް ކުރަން ހުރި މީހެއް ކަމަށް ފުލުހުން ބުނެއެވެ.

އެގޮތުން ށ. ފުނަދޫން ޑިންގީއެއްގައި މަސްވެރިކަމަށް ނުކުމެ އުޅެނިކޮށް މަހެއް ގަނެގެން މޫދަށް ވެއްޓި ކަރުގައި ކަންވާރު އޮޅިގެން ހިނގި ހާދިސާއެއްގައި މަރުވެފައިވަނީ 59 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 11:26 ހާއިރު ކަމަށެވެ. އަދި އެމީހާ ފުނަދޫ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ.

އެމީހާ މޫދަށް ވެއްޓިފައިވަނީ ފެނިފައިވަނީ އެސަރަހައްދުގައި އުޅުނު ދޯންޏަކަށް ކަމަށާއި އެމީހާ މަސްވެރިކަނަށް ގޮސްފައިވަނީ ޑިންގީއެއްގައި އެކަނި ކަމަށެވެ.

ދެވަނަ މީހާއަކީ މަރުވެފައި އޮއްވާ ފެނިފައިވަނީ މ. މުލަކުގެ ވަޑާމުގެ މަސައްކަތް ކުރާ ގެއެއްގެ ތެރޭގައި ވެއްޓިފައި އޮއްވައެވެ. އޭނާ މަރުވެފައިވާ ކަމުގެ މައުލޫމާތު ފުލުހަށް ލިބިފައިވަނީ ރޭ ފަތިހު 4:57 ހާއިރު ކަމަށާއި މަރުވެފައި އޮއްވާ ފެނިފައިވަނީ 44 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އޭނާ ވެއްޓިފައިވާ ސަރަހައްދުގައި ކަރަންޓް ކީސް ޖައްސާފައިވާ ކަަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށާއި އޭނާގެ މޭމަތީގައި ވަރަށް ފުންކޮށް، ގާތްގަނޑަކަށް ނުވަ އިންޗިއަށް ކަފައިގެން ގޮސްފައިވާ ކަމަށް ޑޮކްޓަރުން މައުލޫމާތު ދީފައިވާ ކަމަށެވެ.

މި ދެމަރުގެ މައްސަލަވެސް ފުލުހުން އަންނަނީ ތަހުގީގް ކުރަމުންނެވެ.