އިނގިރޭސިވިލާތުގެ ޝާހީ އާއިލާގެ އިސް މަގާމުތައް ދޫކޮށްލުމަށް ނިންމާފައިވާ ޑިއުކް އޮފް ސަސެކްސް ޕްރިންސް ހެރީއާއި މޭގަން މާކެލްގެ ދެމަފިރިންނަށް، އެ ހައިސިއްޔަތު ބަދަލު ކުރުމަށް ބޭނުންވާ ވަގުތު ނުވަތަ 'ޓްރާންސިޝަން'އަށް ފުރުސަތު ދިނުމަށް، އިނގިރޭސި ރާނީ އެއްބަސްވެވަޑައިގެންފިއެވެ.

ރާނީ ވިދާޅުވީ ޕްރިންސް ހެރީގެ ދެމަފިރިންގެ ނިންމުމަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށާ، ނަމަވެސް ޝާހީ ފުރިހަމަ ޒިންމާއާއި މައްސޫލިއްޔަތު އަދާކުރުން މަތީ އެ ދެމަފިރިން ދެމިތިބޭނެ ކަމަށް އަދިވެސް އުއްމީދުކުރައްވާ ކަމަށެވެ. އަދި ކުރިއަށް އޮތް ކުޑަ ދުވަސްކޮޅުގެ ތެރޭގައި މިކަމަށް ގޮތެއް ނިންމިގެންދާނެ ކަމަށް އުއްމީދު ކުރައްވާކަންވެސް ރާނީ ވަނީ ހާމަކުރައްވާފައެވެ.

ޝާހީ މަގާމުތައް ދޫކޮށްލުމަށް ޕްރިންސް ހެރީގެ ދެމަފިރިން ނިންމާ، އެކަން އިއުލާން ކުރުމާއެކު، އެކަމަށް ހައްލު ހޯދުމަށް އިނގިރޭސިވިލާތުގެ ޝާހީ އާއިލާއިން ދަނީ ކެނޑިނޭޅި މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެންމެ އިސް މަގާމުތަކުގައި ތިއްބެވި އަމީރުންވެސް ވަނީ ރާނީއާއިއެކު މަޝްވަރާތަކެއް ކުރިއަށް ގެންދަވާފައެވެ. މިމަޝްވަރާތަކަކީ ބިނާކުރަނިވި މަޝްވަރާތަކެއް ކަމަށް ރާނީވެސް ވަނީ ވިދާޅުވެފައެވެ.

އާންމު ރައްޔިތުންގެ ލާރީގައި ދިރިއުޅެން ބޭނުން ނުވާކަމަށާ، އުއްމީދަކީ ޝާހީ އާއިލާއާއި ވަކި ދިރިއުޅުމެއް އުޅެ، މާލީ ގޮތުންވެސް މިނިވަން ބަޔަކަށް ވުމަށްކަމަށް ޕްރިންސްގެ ހެރީގެ ދެމަފިރިން އާންމުކުރި ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. އަދި އެ ދެމަފިރިންގެ ވަގުތުތައް ދެން ހޭދަކުރާނީ ހަމައެކަނި އިނގިރޭސިވިލާތުގައި ނޫންކަމަށާ، މޭގަންގެ ހިތުގައި އެގައުމަކަށް ހާއްސަ ގަދަރެއް ދީފައި އޮންނަ ކެނެޑާގައިވެސް ދުވަސްތައް ހޭދަކުރާނެ ކަން މި ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ކަންމިހެން އޮތްއިރު ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވީ، ޕްރިންސް ހެރީގެ ދެމަފިރިން ކެނެޑާއަށް ބަދަލުވުމާ ބެހޭ އެއްވެސް ވާހަކައެއް ކެނެޑާއާއި ރަސްމީކޮށް ހިއްސާކޮށްފައި ނުވާކަމަށާ އެ އާއިލާގެ ސެކިއުރިޓީއާއި ގުޅުންހުރި ކަންކަންވެސް މަޝްވަރާކޮށްފައި ނުވާ ކަމަށެވެ.

އިނގިރޭސިވިލާތުގެ ޝާހީ އާއިލާއާއި ވަކިން، މިނިވަން ދިރިއުޅުމެއް އުޅުމަށް ޕްރިންސް ހެރީ ނިންމާފައިވަނީ ޝާހީ އާއިލާގެ އެއްވެސް މެމްބަރެއްގެ މަޝްވަރާއާއި ނުލައެވެ. މިފަހަކަށް އައިސް މީޑިއާއަށް ތިލަވަމުންދާ ޚަބަރުތަކަށް ބަލާއިރު، ޝާހީ އާއިލާއާއި ޕްރިންސް ހެރީގެ ދެމަފިރިންނާ ދެމެދު ހިޔާލު ތަފާތުވުންތަކާ ދެބަސްވުންތައް އުފެދުނު މަންޒަރު ވަނީ ފެނިފައެވެ.