އުނަގަނޑުން ތިރި ޕެރެލައިޒް ވެފައިވާ އުމުރުން އެންމެ މަހެއް ވެފައިވާ ސާރާ ޝުރައިހް މުހައްމަދު އިންޑިއާއަށް ފަރުވާ ހޯދަން ގޮސްފައި ވަނީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިންނެވެ. ރާއްޖެއިން ފަރުވާ ހޯދުމަށް މަސައްކަތް ކުރި ނަމަވެސް އެ ކުއްޖާއަށް އެހެން ދިމާވާން މެދުވެރިވާ ސަބަބު ނޭނގޭތީ އިތުރު ޓެސްޓުތައް ހެދުމަށް ޝުރައިހްމެންގެ ދެމަފިރިން އެ ކުއްޖާއާ އެކު އިންޑިއާއަށް ގޮސް ވަނީ އެކޮޅުން ޓެސްޓުތައް ހަދާފައެވެ. ނަތީޖާ ލިބުނު އިރު ސާރާގެ މައިބަދައިގައި ވަނީ ޓިއުމަރެއް އުފެދިފައެވެ.

މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އުފަން ވި ސާރާއަކީ ޝުރައިހްމެންގެ ދެމަފިރިންގެ އަލަތު ކައިވެންޏަށް ލިބުނު ފުރަތަމަ ދަރިފުޅެވެ. އެ ދެމަފިރިންގެ ހުރި ހަމައެކަނި ދަރިފުޅުގެ މައިބަދައިގެ 5 ބަދައިގެ ދިގުމިން ހުންނަ ވަރުގެ ޓިއުމަރެއް އެބަހުއްޓެވެ.

ކުއްޖާގެ ފައިގެ ހަރަކާތް ދަށްވެފައި ވަނީ އެ ޓިއުމަރުގެ ސަބަބުން މައިބަދައަށް ލޭ އެޅިގެން ކަމަށް އިންޑިއާއިން ބެލި ޑޮކްޓަރުން ބުނެއެވެ. ޓިއުމަރު ނެގުމަށް އޮޕަރޭޝަން ކުރަން ޖެހޭ ކަމަށާއި އެ އޮޕަރޭޝަން އަންނަ ހުކުރު ދުވަހު ކުރުމަށް ވަނީ ނިންމާފައެވެ.

ސާރާ ހެދި ޓެސްޓުތަކުގެ ނަތީޖާއިން މައިބަދައިގައި ވާ ޓިއުމަރު

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ސާރާގެ ބައްޕަ ޝުރައިހް މުހައްމަދު ބުނީ، ރޭ ކުޑަކުދިންގެ ނިއުރޯ ސާޖަން އޭނާއަށް ސާރާގެ ހާލަތު ބަޔާންކޮށް ވާހަކަ ދެއްކި ކަމަށާއި، މައިބަދައިގެ ތެރޭގައި ހުންނަ ހުސް ޖާގައިގަ ތެރޭގައި ޓިއުމަރެއް އިން ކަމަށް ޑޮކްޓަރު ބުނި ކަމަށެވެ.

"އޮޕަރޭޝަނެއް ކުރަން ޖެހެނީ. ހުކުރު ދުވަހު އޮޕަރޭޝަން ކުރާގޮތަށް އިނީ. 6 ގަޑިއިރު ވާނެ ކަމަށް ބުނީ އޮޕަރޭޝަން ކުރަން. ޑޮކްޓަރުން ވިދާޅުވީ 5 ބަދައިގެ ދިގުމިން އެ ޓިއުމަރުގައި ހުރިކަމަށް"
ސާރާގެ ބައްޕަ

އަންނަ ހުކުރު ދުވަހު ސާރާގެ މައިބަދައިގައި އިން ޓިއުމަރު ނަގަން 6 ގަޑިއިރުގެ އޯޕަން ސާޖަރީއެއް ނިންމާފައިވާ ކަމަށް ސާރާގެ ބައްޕަ ކިޔައިދިނެވެ. އޯޕަން ސާޖަރީ ކުރަން ޖެހެނީ މައިބަދަ ވީމައި ރަނގަޅަށް ބަލަން ބޭނުންވާތީ ކަަމަށާއި، ސާރާގެ މައިބަދައިން 5 ވަރަކަށް ބަދަ ކަނޑާލައިގެން މައިބަދައިގެ އެތެރެ ފެންނަގޮތަށް ހުޅުވާލަން ޖެހޭކަމަށް ޑޮކްޓަރު ވިދާޅުވި ކަމަށް ޝުރައިހު ބުނެއެވެ.

ސާޖަރީ ހެދުމުން ދެން ހުރިހާ ކަމެއްވެސް ރަނގަޅު ވާނެ ކަމަށް އިންޑިއާއިން ސާރާ ބަލަމުންދާ ޑޮކްޓަރު ވަނީ ބުނެފައެވެ.

ތުއްތު ސާރާ އޭޑީކެ ހޮސްޕިޓަލުގެ އެންއައިސީޔޫ ގައި

"ޑޮކްޓަރު ވިދާޅުވީ، އެ ޓިއުމާ އެއްކޮށް ނެގޭނެ ކަން އެނގޭނީ އޮޕަރޭޝަން ކުރަމުން ދާ ގަޑީގަ. މިހާރު ފެންނަ ފެނުމަށް ހީވަނީ ޓިއުމަރު ނެގޭނެ ހެންނޯ. ދެން ޓިއުމާ ނަގާފަ ބައޮޕްސީ ހަދަން ފޮނުވާފަ ފަސްވަރަކަށް ދުވަސް ފަހުން ރިޕޯޓް ލިބުނީމަ ރިކަވާ ވާން ނަގާނެ މުއްދަތެއް އިނގޭނީ."
ސާރާގެ ބައްޕަ

ޓިއުމަރު އެއްކޮށް ނެގޭނެކަން އެނގޭނީ އޮޕަރޭޝަން ކުރަމުންދާ ގަޑީގައި ކަމަށާއި މިހާރު ފެންނަ ފެނުމަށް ޓިއުމަރު ނެގޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ޑޮކްޓަރުން ބުނެއެވެ. ޓިއުމަރު ނެގުމަށްފަހު ބައޮޕްސީ ހެދުމަށް ލެބޯޓްރީއަށް ފޮނުވާލެވޭނެ ކަމަށާއި 5 ދުވަސް ފަހުން ނަތީޖާ ލިބޭނެ ކަމަށް ވެސް ޝުރައިހް ބުނެއެވެ. ބައޮޕްސީގެ ނަތީޖާ ލިބުމުން މެނުވީ ސާރާ ރިކަވާ ވާން ނަގާނެ މުއްދަތު ބުނެދޭން ނޭނގޭނެ ކަމަށް ޑޮކްޓަރުން ބުނެފައިވެއެވެ.

ސާރާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރާ ފަރާތްތަކަށް އާއިލާގެ ފަރާތުން ވަނީ ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ. އަދި ސާރާއަށް އަވަސް ޝިފާއެއް މިންވަރުކޮށްދިނުމަށް ދުއާ ކޮށްދިނުމަށް އާއިލާއިން ވަރަށް ބޮޑަށް އެދެއެވެ.

އެ ދެމަފިރިންގެ ލޮލުގެ ނޫރު ހެން ދެކެމުންދާ ދަރިފުޅަށް އަވަސް ޝިފާއެއް ހޯދުމަށް މިވަގުތު ވަނީ ތިޔަ އެންމެހާ ފަރާތްތަކުގެ ދީލަތި އެހީއަށް ބޭނުންވެފައެވެ. ސާރާއަށް އެހީވުމަށް ބޭނުންވާ ފަރާތްތައް ސާރާގެ ބައްޕަ ޝުރެއިހް މުހައްމަދުގެ ނަންބަރު 9699276 އަށް ގުޅައިގެން ނުވަތަ ވައިބާއިން ކުރިއަށް ގެންދެވޭނެއެވެ.

މާތްﷲ ސާރާ ޝުރެއިހް މުހައްމަދަށް އަވަސް ޝިފާއެއް މިންވަރު ކުރައްވައި އެ އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އަދި އަހަރެމެން ދިވެހިންނަކީ އެކަކު އަނެކަކަށް އެހީތެރިވާ ބައެއް ކަމުގައި ލައްވާށިއެވެ.