ބަންގްލަދޭޝް މީހެއްގެ އަތުން ފައިސާ އާއި ވޯކް ޕާމިޓް ފޭރެން އުޅެނިކޮށް ހައްޔަރުކުރި ފުލުސް މީހާ ދޫކޮށްލައިފިއެވެ.

އިއްޔެ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ބަންގްލަދޭޝް ރައްޔިތެއްގެ އަތުން ފައިސާ އާއި އޭނާގެ ވޯކް ޕާމިޓް ފޭރެން އުޅުނު ކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފައިވެއެވެ. ފުލުސް މީހާގެ އިތުރުން ހައްޔަރު ކޮށްފައިވަނީ 28 އަހަރުގެ ބަނގުލަދޭޝްގެ ރައްޔިތެކެވެ.

ފުލުހުން ބުނީ ފޭރެން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ފުލުސް މީހާ އާއި ބަންގްލަދޭޝް މީހާ ކުރިމިނަލް ކޯޓުން ޝަރުތުތަކަކާއެކު ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ.

ފުލުހުން ވަނީ އޭނާ ފުލުހުންގެ ވަޒީފާގެ މަސްއޫލިއްޔަތުން ދުރުކޮށްފައެވެ. އަދި އަދި އޭނާގެ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުންވެސް ދަނީ ތަހުގީގު ކުރަމުންނެވެ. ހައްޔަރު ކުރެވުނު ބަންގްލަދޭޝް މީހާއަކީ އިމިގްރޭޝަނުގެ ގާނޫނާއި ހިލާފަށް ރާއްޖޭގައި ދިރިއުޅޭ މީހެއްކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައިގެ ޖިނާއީ ތަހުގީގުވެސް ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.