2020 ވަނަ އަހަރަށް، ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލިސް އެކުލަވާލައިފިއެވެ.
މި މަޖިލީހަކީ ގާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސާވިސް ކޮމިޝަނުގެ) ގާނޫނަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ 2-33 ގެ (ވ) އިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އަށް މަތިކޮށްފައިވާ ޒިންމާގެ ދަށުން އެކުލަވާލަފައިވާ މަޖިލީހެކެވެ. މި މަޖިލީހަށް ހުށަހެޅޭ މައްސަލަތަކުގެ އިދާރީ އެންމެހައި އިންތިޒާމްތައް ހަމަޖައްސައި، އެ މަސައްކަތްތައްކުރާނީ އިދާރީ ގޮތުން މަޖިލިސް ކުރިއަށްދާނެ ގޮތް ކަނޑައަޅާ ޑީޖޭއޭއިން އެކުލަވާލާފައިވާ ގަވާއިދުގައިވާ ގޮތުގެ މަތިންނެވެ.
އެހެންކަމުން ފަނޑިޔާރަކާގުޅޭ ޝަކުވާއެއް ބަލައި، ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމާ ނިންމުންތަކުގެ، ފަނޑިޔާރަކު މަގާމުން ވަކިކުރަން ރައްޔިތުން މަޖިލީހަށް ހުށަހެޅުމަށް ނިންމާ ނިންމުންތައް ފިޔަވައި، އެނޫން ނިންމުންތައް އިސްތިއުނާފު ކުރުމަށްޓަކައި ހުށަހަޅަން ޖެހޭނީ މި މަޖިލީހަށެވެ.
ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީސް އެކުލަވާލާފައިވަނީ ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުގެ ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިންނެވެ. މި މަޖިލިސް އެކުލެވިގެން ވަނީ ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އުއްތަމަފަނޑިޔާރާއި، ޖުޑީޝަލް ސާވިސް ކޮމިޝަނުގައި އެ ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ހިމެނޭ ފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރަކާއި، ރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަނުގައި އެ ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ހިމެނޭ ފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރަކާއި އަދި ސުޕީރިއާ ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެންބަރެއްގެ ގޮތުގައި ނުހިމެނޭ ފަނޑިޔާރެއް ހިމެނޭ ގޮތަށް 3 (ތިނެއް) ފަނޑިޔާރުގެ މައްޗަށެވެ.
2020 ވަނަ އަހަރަށް އެކުލަވައިލި ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުގައި ހިމެނެނީ ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒް އަދި ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީއެވެ.
ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން މި މަޖިލީހަށް މައްސަލަ ހުށަހެޅުމުގެ އިންތިޒާމް މި ޑިޕާޓްމަންޓުގައި ވަނީ ހަމަޖެހިފައެވެ.