އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި މިމަހުގެ 14 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ 'ރައިޒީނާ ޑައިލޮގް'ގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ރެކޯޑް އަދަދަކަށް ހާރިޖީ ވަޒީރުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އިންޑިއާގެ ޚަބަރުތައް ބުނެފިއެވެ.

ޖިއޮ-ޕޮލިޓިކަލް އަދި ޖިއޮ-އިކޮނޮމިކް ސަމިޓެއްގެ ގޮތުގައި މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ 'ރައިޒީނާ ޑައިލޮގް 2020' އަކީ މި ސިލްސިލާގެ ދަށުން އިންޑިއާއިން ގެންދާ 5 ވަނަ އެޑިޝަންގައި ރަޝިޔާއާއި، އީރާނުގެ އިތުރުން އޮސްޓްރޭލިއާއާއި ދިވެހިރާއްޖޭގެ ހާރިޖީ ވަޒީރުވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ. މިފަހަރުގެ ބައްދަލުވުމުގައި 13 ގައުމަކުން ހާރިޖީ ވަޒީރުން ބައިވެރިވެވަޑައިގަންނަވާ ކަމަށް މައުލޫމާތު ލިބެއެވެ.

އިންޑިއާގެ ހާރިޖީ ވުޒާރާއާއި އެގައުމުގެ އޮބްޒާވާ ރިސާޗް ފައުންޑޭޝަން ގުޅިގެން އިންތިޒާމް ކުރާ 'ރައިޒީނާ ޑައިލޮގް'ގެ ޑެލިގޭޓުންނަށް ބަލާއިރު، ހާރިޖީ ވަޒީރުންގެ ނައިބުންނާ، ކުރީގެ ބޮޑުވަޒީރުންނާ، ކުރީގެ ރައީސުންގެ އިތުރުން ގައުމީ ސަލާމަތާ ބެހޭ މުޝީރުންނާ، އަސްކަރީ އިސްވެރިންގެ އިތުރުން ސިޔާސަތު އެކުލަވާލުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކާ، އިލްމުވެރިންނާ އެނޫންވެސް އެފަދަ އޮފިޝަލުން ހިމެނޭކަން ފާހަގަކުރެވެއެވެ.

105 ގައުމަކުން 180އަށްވުރެ ގިނަ ޑެލިގޭޓުން ބައިވެރިވެވަޑައިގަންނަވާ 'ރައިޒީނާ ޑައިލޮގް'ގެ މިއަހަރުގެ އެޑިޝަންގައި 116 ބޭފުޅަކު ތަގުރީރުކުރައްވާނެއެވެ. މި ޑައިލޮގްގައި މިނިސްޓަރު ޝާހިދު ތަގުރީރުކުރައްވާނީ މިމަހުގެ 15 ވަނަ ދުވަހު ކަމަށް ދިވެހި ހާރިޖިއްޔާއިން މައުލޫމާތު ދެއެވެ.