މި އަހަރުގެ ދިރާސީ އާ އަހަރު ފެށުނުއިރު ގުރުއާން މާއްދާ ފިޔަވައި ހުރިހާ މާއްދާއަކަށް ޓީޗަރުން ހަމަވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރު ފާތުމަތު ނަސީރު ވިދާޅުވީ މި އަހަރުގެ ކިޔެވުން ފެށުނުއިރު މުދައްރިސުންގެ ތެރެއިން ހަމަ ނުޖެހި އޮތީ ޤުރުއާން ކިޔަވައިދޭ މުދައްރިސުން ކަމަށެވެ. އަދި އެއީ ހަ ޤުރުއާން މުދައްރިސުން ކަމަށް ފާތިމަތު ނަސީރު ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރު އިތުރަށް ވިދާޅުވީ ސްކޫލްތަކަށް ބިދޭސީ ޓީޗަރުންގެ ގޮތުގައި 251 ޓީޗަރުން ބޭނުންވާ ކަމަށް އެދިފައިވާ ކަމަށާއި އޭގެ ތެރެއިން ގުރުއާން މާއްދާގެ ހަ މަގާމެއް ފިޔަވައި އެހެން ހުރިހާ މަގާމުތަކަށް މި އަހަރު ފެށުމުގެ ކުރިން ޓީޗަރުން ހަމަ ކުރެވުނު ކަމަށެވެ. އަދި އެ ހަ މަގާމަށް ވެސް ލިބުނު އަދަދުން ރަށްރަށަށް މިހާރު ވަނީ ފޮނުވާފައި ކަމަށް ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ފާތިމަތު ނަސީރު ވިދާޅުވީ އަހަރު ރާއްޖޭގެ އެކި ސްކޫލްތަކުން 251 ބިދޭސީ ޓީޗަރުން ހޯދައިދިނުމަށް އެދުނު ކަމަށާއި ދިރާސީ އާ އަހަރު ފެށުނުއިރު އެހުރިހާ ޓީޗަރުން ސްކޫލްތަކަށް ނިކުންނަން ފަށައިފައިވާ ކަމަށެވެ.

އެ މިނިސްޓްރީން މީގެ ކުރިން ބުނެފައި ވަނީ ބިދޭސީ ޓީޗަރުން އެންމެ ގިނައިން މަސައްކަތް ކުރަނީ ސާނަވީ ގްރޭޑްތަކުގައި ކަމަށާއި ފިޒިކްސް ކެމިސްޓްރީ ބައިލޮޖީ ފަދަ މާއްދާތަކުން ދިވެހި ޓީޗަރުން ލިބުމުގައި އަބަދުވެސް ދަތިތައް ހުންނަ ކަމަށެވެ. ހާއްސަކޮށް އެފަދަ މާއްދާތައް އަތޮޅު ތެރޭގެ ސްކޫލްތަކުގައި ކިޔަވައިދޭ ޓީޗަރުން މާލެ ބަދަލުވުން ފަދަ ހާލަތްތައް ކުރިމަތިވެ، ދިވެހި ޓީޗަރުން ހޯދުމުގައި ދަތިތަކެއް ހުރި ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.