ނ. މާފަރުގައި ތަރައްގީ ކޮށްފައިވާ މާފަރު އިންޓަނޭޝަނަލް އެއާޕޯޓް (އެމްއައިއޭ) ބޮޑުކުރުމުގެ ހުއްދަ އެންވަޔަރަންމަންޓް މިނިސްޓަރު ޑރ.ހުސެއިން ރަޝީދު ދެއްވައިފިއެވެ.
އެންވާރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) މިއަދު ބުނީ މި ހުއްދަ ދީފައި ވަނީ، މަޝްރޫއު ކުރިއަށް ގެންދިއުމުގެ ހުއްދަ މިނިސްޓަރު ދެއްވާފައި ވަނީ 'ތިމާވެށްޓަށް ކުރާ އަސަރުގެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު' ގެ ދަށުން އެ މައްސަލަ ބެއްލެވުމަށް ފަހު ކަމަށެވެ.
އެ މަޝްރޫއު ކުރިއަށްގެންދަން ހުށަހަޅާފައި ވާގޮތަށް ކުރިއަށް ގެންދަން ތިމާވެށީގެ ގޮތުން ދޭންޖެހޭ ހުއްދަ ދެވެން ނެތްކަމަށް އީޕީއޭ ނިންމި ނިންމުން ޕްލޭނިން މިނިސްޓްރީން އެންވަޔަރަންމަންޓް މިނިސްޓަރަށް އިސްތިއުނާފު ކުރުމާ ގުޅިގެން "ތިމާވެށްޓަށްކުރާ އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު" ގެ ދަށުން އެ މައްސަލަ ބެލުމަށް ފަހުގައި ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.
މާފަރު އެއާޕޯޓް ބޮޑު ކުރުމުގެ ހުއްދަ އެންވާރްމެންޓް މިނިސްޓާ މިއަދު ދެއްވާފައިވާއިރު، އެ ހުއްދަ ނުދިނުމަށް އެންވާރަމަންޓް މިނިސްޓްރީން ނިންމާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހެވެ.
އީޕީއޭއިން ހެދި އެންވާރަމަންޓަލް އިމްޕެކްޓް އެސެސްމަންޓުގެ މައްޗައް ބިނާކޮށް އެ އެޖެންސީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މާފަރު އެއާޕޯޓު ބޮޑު ކުރުމަށް ހިންގާ ބިން ހިއްކުމުގެ މަސައްކަތުން މާފަރު ފަޅުގެ ބޮޑު ބައެއް ދާއިމީކޮށް ގެއްލިގެންދާނެ ކަމަށެވެ. އަދި އޭގެ ސަބަބުން ވަށައިގެންވާ އީކޯ ސިސްޓަމްއަށް އަސަރު ކުރާނެ ކަމަށް ވެސް އީޕީއޭއިން ބުނެފައި ވެއެވެ.
މީގެ އިތުރުން އީޕީއޭ އިން ބުނެފައި ވަނީ މާފަރަކީ ވެލާ ބިސްއަޅުމުގައި މަޝްހޫރު ރަށެއް ކަމަށާއި ނަމަވެސް އެ މަޝްރޫއުގެ ސަބަބުން އެ ކަމަށް ސީދާ ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ. އަދި އެ މަޝްރޫއުގެ ދަށުން ރަށުގައި ހުރި 22،000 ގަހަށް އަސަރު ކުރާނެ ކަމަށް ވެސް އެ އެޖެންސީން ބުނެއެވެ.
އީޕީއޭއިން މިހެން ބުނެފައިވާއިރު، މާފަރު އެއާޕޯޓުގެ ރަންވޭ މައްޗަށް ވެލައެއް ބިސް އެޅި ހާދިސާއެއް ވެސް ވަނީ ފެންމަތިވެފައެވެ. ރަންވޭ މައްޗަށް ވެލާ ބިސް އެޅި ހަބަރު ބައިނަލްއަގްވާމީ ނޫސްތަކަށް ވެސް އަރާފައި ވާއިރު، އެކަމާ މެދު ބައެއް ގައުމުތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.