މާލެ ޖަލާއި އިންވެގެން އޮތް ހުސްބިމުގައި ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް އެޅުމަށް ނިންމައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ މާލޭ ޖަލާއި އިންވެގެން އޮތް ހުސްބިމުގައި ދަރުމަވަންތަ ސްކޫލުގެ ދެވަނަ ސްކޫލެއް އެޅުމުގެ މަސައްކަތް މިއަހަރު ފެބުރުއަރީ ހިސާބު ފެށޭނެކަމަށެވެ.

އެ އެޑިޔިކޭޝަން މިނިސްޓާ ވިދާޅުވީ ސްކޫލު އެޅުމުގެ މަސައްކަތް ކުރިއަށް ދާނީ ދެ ފިޔަވައްސަކަށް ބަހާލައިގެންކަމަށެވެ.

އެޑިއުކޭޝަން މިނިސްޓަރު މިކަން ހާމަކުރެއްވިއިރު، ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް ގެ ފަރާތުން ވެސް ވަނީ މާލޭ ޖަލު ހުރި ސަރަހައްދު ހުސްކުރާނެކަމަށް ބުނެފައެވެ.

ކުރިން އެމްއީސްއެސް ހިންގި އިމާރާތުގައި މިއަދު ވަނީ އިއްޒުއްދީން ސްކޫލްގެ ނަމުގައި އާ ސްކޫލްއެއް ހުޅުވައިފައެވެ. އަދި މިދިޔަ އަހަރު ހުޅުމާލޭގައި ހުރަވީ ސްކޫލްގެ ނަމުގައި ވަނީ ސްކޫލެއް ހުޅުވައިފައެވެ. އެހެންކަމުން ޖުމްލަ މިހާރު މާލޭ ސަރަހައްދުގައި 16 ސްކޫލް ހުރެއެވެ.

ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ ރާއްޖޭގެ ސްކޫލުތައް އެއް ދަންފަޅިއަކަށް ބަދަލުކުރުމަށެވެ. އެގޮތުން މިހާރު ރާއްޖޭގެ 44 ސްކޫލެއް ވަނީ އެއް ދަންފަޅިއަކަށް ބަދަލުކޮށްފައެވެ. މިއަހަރު ތެރޭގައި އިތުރު ދެ ސްކޫލު އެއް ދަންފަޅިއަށް ބަދަލުކުރާނެކަމަށް އެޑިއުކޭޝަނުން ބުނެއެވެ.