އިންޑިއާގެ ގާނޫނު އަސާސީއިން މާއްދަ 370 އުވާލުމާ ދިމާކޮށް، ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅިން އިންޓަނެޓްގެ ހިދުމަތް މެދުކަނޑާލަފައި އޮންނަ އޮތުން، ހަފުތާއެއްގެ ތެރޭގައި މުރާޖައާ ކުރުމަށް، އިންޑިއާގެ ސުޕްރީމް ކޯޓުން އެގައުމުގެ މައި ސަރުކާރަށް ގޮވާލައިފިއެވެ.

ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅިން އިންޓަނެޓް ކަނޑާލާފައި އޮންނަތާ 100 ދުވަސް ވުމުން ނޫސްވެރިންތަކެއް އިހުތިޖާޖު ކުރަނީ/ފޮޓޯ: ގެޓީ އިމޭޖަޒް

ކަޝްމީރު ސަރަހައްދުން އިންޓަނެޓްގެ ހިދުމަތް މެދުކަނޑާލާފައި އޮންނަތާ މިހާރު 150އަށްވުރެ ގިނަ ދުވަސްވެފައިވާއިރު، މިއީ އިންޑިއާގެ ތާރީހުގައިވެސް ވަކި ސަރަހައްދަކުން މިހާ ދިގު މުއްދަތަކަށް އިންޓަނެޓްގެ ހިދުމަތް މެދުކަނޑާލި ފުރަތަމަ ފަހަރެވެ.

2019 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 5 ވަނަ ދުވަހުން ފެށިގެން ކަޝްމީރުން އިންޓަނެޓްއާއި މޯބައިލް ފޯނު އަދި ލޭންޑްލައިން ފޯނުތަކުގެ ހިދުމަތްތައް މެދުކަނޑާލާފައިވާއިރު، މިކަން މުރާޖައާ ކުރުމަށް ސުޕްރީމް ކޯޓުން ގޮވާލާފައި މިވަނީ، މިމައްސަލަ ބަލައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ޕެޓިޝަންތަކަށް ޖަވާބުދާރީ ވުމުގެ ގޮތުން ކަމަށް ޚަބަރު ލިބެއެވެ.

ސުޕްރީމް ކޯޓުގެ ބަޔާން އިއްވަވާ ދެއްވަމުން ފަނޑިޔާރު އެން.ވީ ރާމަނާ ވިދާޅުވީ، އެކީ އެކައްޗަކަށް ސްޓޭޓްއަކުން އިންޓަނެޓްގެ ހިދުމަތް މެދުކަނޑާލާފައި އޮންނަ އޮތުމަކީ އާދަޔާ ހިލާފު ފިޔަވަޅެއް ކަމަށެވެ. އަދި އިންޓަނެޓްގެ ހިދުމަތް ލިބުމަކީ، ގާނޫނުން ކަށަވަރުކޮށްދީފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގާ ގުޅިފައިވާ ކަމެއް ކަމަށްވެސް ފަނޑީޔާރު ވަނީ ފާހަގަކުރައްވާފައެވެ.

އިންޑިއާގެ ސަލާމަތީ ބާރުތަކުން ކަޝްމީރުގައި ފޯރިމަރަނީ/ފޮޓޯ: ޝުއައިިބު ބަޝީރު

3 ފަނޑިޔާރުންގެ ބެންޗުން މިމައްސަލާގައި އިއްވި ބަޔާން ބުނާ ގޮތުގައި، ވަކި މުއްދަތެއް ނެތް ގޮތަށް އިންޓަނެޓްގެ ހިދުމަތް މެދުކަނޑާލުމަކީ ހުއްދަ ކުރެވޭނެ ކަމެއް ނޫނެވެ. މިފަދަ ފިޔަވަޅެއް އެޅެން އޮންނަނީ ވަގުތީ ގޮތުން ކަމަށްވެސް އިންޑިއާގެ ސުޕްރީމް ކޯޓުގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

މޯބައިލްއާއި ލޭންޑްލައިން ފޯނުތަކުގެ ހިދުމަތް ކޮންމެވެސް ވަރަކަށް ކަޝްމީރަށް ދޫކޮށްފައި އޮތް ނަމަވެސް، އިންޓެނެޓް ނުލިބުމުގެ ސަބަބުން އެސަރަހައްދުގެ އާންމު ދިރިއުޅުމާ، މީޑިއާގެ މަސައްކަތްތަކާ ވިޔަފާރިތައްވެސް ހުއްޓުމަކަށް އައިސްފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.