އިންސާނަކަށް ލިބޭނެ އެންމެ ހިތާމަވެރި ހަބަރަކީ އޭނާ މި ދުނިޔެއާ ވަކިވާން ޖެހޭ ސަބަބެއް މެދުވެރި ވެއްޖެ ކަމުގެ ހިތްދަތި ހަބަރެވެ. ކިޑްނީގެ ބައްޔަށް ބޭސްފަރުވާ ހޯދާ ފަރާތްތައް ރާއްޖޭގައި އާންމުވެފައިވާ އިރު، ކިޑްނީ ހޯދުމަށް އެދި ބައެއް ފަރާތްތަކަށް ޖެހެނީ ފުރާނަ އަތް މައްޗަށް ލައިގެން ސަލާން ޖާހާށެވެ. އެފަދަ ހިތްދަތި ދިރިއުޅުމެއްގެ އިހުސާސް ކުރެވޭނީ އެކަން ތަޖުރިބާ ކުރެވުނީމައެވެ. އެފަދަ ހިތްދަތި ކަމެއް ދިމާވެފައިވާ އާއިލާއެއްގެ އިހުސާސްތައް އެނގޭނީ އެމީހުންގެ ހާލަތުގެ އަޑު އަހާލީމައެވެ.

ކިޑްނީ ފެއިލްވެ ކިޑްނީ ބަދަލު ކުރަން ޖެހިފައިވާ އިނާސް މިއޮއް ހުރިހާ ދުވަހު ދިޔައީ އޭނާއަށް ކިޑްނީއެއް ހަދިޔާ ކުރާނެ ފަރާތެއް ހޯދަމުންނެވެ. އަމިއްލަ ދަރިފުޅު މި ބަލީގައި ހަނގުރާމަ ކުރާތަން ބަލަން އެއްވެސް މަޔަކަށް ކެތެއް ނުވާނެއެވެ.

މިއަދު އިނާސަށް ކިޑްނީ ދިނުމަށް އޭނާގެ މަންމަ ހުރީ އަތުކުރި އޮޅާލައިގެންނެވެ. އުއްމީދު ގެއްލިފައިވާ އިނާސްގެ ހަޔާތަށް އަލިކަމެއް ލިބިގެން ދިޔައީ އޭނާގެ މަންމަގެ ލޭގެ ގްރޫޕް މެޗްވެ އޭނާގެ މަންމަ ކިޑްނީ ދޭން އެއްބަސްވި ހިސާބުންނެވެ.

އިނާސް ހޮސްޕިޓަލުގައި އެޑްމިޓްކުރެވިފައި

ފޮނަދުއަށް އުފަން އުމުރުން 26 އަހަރުގެ އިބްރާހިމް އިނާސަކީ ކިޑްނީގެ ބައްޔަށް ފަރުވާ ކުރަމުންދާތާ 5 އަހަރު ވެފައިވާ ޒުވާނެކެވެ. ދެ ކިޑްނީ ފެއިލްވި ހަބަރާ އެކު އޭނާ އުޅެމުން އައި އުފާވެރި ދިރިއުޅުމަށް އަނދިރިކަމެއް ވެރިވިއެވެ. ނަމަވެސް އިނާސް އުއްމީދު ކަނޑައެއް ނުލައެވެ.

ފުރަތަމަ ކަންތައް ވީ ގޮތް "ދަ ޕްރެސް" އާ ހިއްސާ ކުރަމުން އިނާސް ބުނީ، އެއް ދުވަހު ދުވަން ގޮސްފައި ގެއަށް އައި އިރު އޭނާގެ ފައި ވަރަށް ބޮޑަށް ދުޅަވެފައި ހުރިކަމަށް ފާހަގަކުރެވުނު ކަމަށެވެ. އެއީ 2015 ވަނަ އަހަރު ތެރޭގައި އޭނާ ރިސޯޓުގައި ވަޒީފަ އަދާކުރި އިރު ކަމަށް އިނާސް ބުނެއެވެ. ޗުއްޓީއަށް ރަށަށް ގޮސް ހުރި އިރު ކަންތައް މިހެން ދިމާވުމުން ލ.ގަން ހޮސްޕިޓަލަށް ދެއްކި ކަމަށާއި ނަމަވެސް އެހެން ދިމާވާންވީ ސަބަބު ނޭނގޭކަމަށް ހޮސްޕިޓަލުން ބުނި ކަމަށް އޭނާ ބުނެއެވެ.

އޭގެފަހުން މާލެއަށް އައިސް އޭޑިކޭ ހޮސްޕިޓަލަށް ދެއްކި ކަމަށާއި، ނަމަވެސް މިކަމުންވެސް އަސްލު ވީގޮތް ނޭނގޭ ކަމަށާއި ޑރ.ޝިހާމަށް ދެއްކުމުން ކިޑްނީގެ މައްސަލައެއް ހުރިކަން އެނގުނު ކަމަށް އޭނާ ބުނެއެވެ. އިންޑިއާއަށް ދިޔައީ އެހިސާބުންކަމަށް އިނާސް ކިޔައިދިނެވެ.

ޑައިލެސިސް ހެދުމަށް އެޑްމިޓްކުރެވިފައި

2015 ވަނަ އަހަރު އިންޑިއާއަށް ގޮސް ހޯދި ފަރުވާއަށް ފަހު އެފަރާތުން އެދުނީ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށެވެ. ނުވަތަ އިންޖެކްޝަނެއް ޖަހައިގެން އިނާސަށް ވަމުން ދިޔަ އުނދަގޫތަކަށް ހައްލެއް ހޯދިދާނެކަމަށްވެސް އިންޑިއާގެ އެންޔޫ ހޮސްޕިޓަލުން ބުނި ކަމަށް އޭނާ ބުނެއެވެ. ކިޑްނީ ޓްރާންސްޕްލާންޓް ކުރުމުގެ ބަދަލުގައި ފުރަތަމަ އެ އިންޖެކްޝަން އޭނާ ޖެހީ ވަރަށް އުންމީދާ އެކުގައެވެ. ނަމަވެސް އިންޖެކްޝަން ޖަހައިގެން ހޯދި ފަރުވާ ކާމިޔާބު ނުވި ކަމަށް އޭނާ ބުނެއެވެ.

އެންމެ ފުރަތަމަ އެހެން ބުނީމަ ޑްޕްރެޝަނަކަށް ދިޔަ. އެހީސާބުން ދެން މީހާ އެއްކޮށް ޗޭންޖްވީ. އެއްވެސް ކަމެއް ކުރާހިތެއް ނުވޭ. ވަރަށް ލޯންލީ ލައިފެއް އުޅުނީ. މީހުންނާ އެހާ ބޮޑަށް ޝެއާއެއް ނުކުރަން.
އިނާސް

އިނާސްގެ މުޅި ދިރިއުޅުން ބަނަވެގެން ދިޔައީ އެހިސާބުންނެވެ. އުމުރުން 26 އަހަރުގައި އިނާސްގެ ދެ ކިޑްނީ ފެއިލްވަމުންދާ ކަމުގެ ހަބަރު އެންމެ ފުރަތަމަ ލިބުމުން އެއީ ކިހާ ވަރެއްގެ ކަމެއް ކަން އަންދާޒާކުރަން ވެސް އޭނައަކަށް ނޭނގުނެވެ. މިއަދު އޭނާގެ ބަލި ހާލަތު ވެފައިވަނީ ހިތްދަތި ވޭނަކަށެވެ. ދެ ކިޑްނީ ފެއިލްވުމުގެ ހަބަރާ އެކު އިނާސް ޑިޕްރެޝަނަށް ދިޔަކަމަށް ވެސް ކިޔައިދިނެވެ.

ކިޑްނީ ފެއިލްވަމުންދާ ކަމުގެ ހަބަރު ލިބުނު ހިސާބުން 2019 ވަނަ އަހަރާ ހަމައަށް 15 ފަހަރުމަތިން އިންޑިއާއަށް ފަރުވާ ހޯދުމަށް އިނާސް ގޮސްފައި ވެއެވެ. މި ދަތުރުތަކުގައި އޭނާގެ އާއިލާއިން ވަނީ އެކިއެކި ޑޮކްޓަރުންނާ މަޝްވަރާކޮށްފައެވެ. މިދިޔަ އޮކްޓޯބަރު މަހު އިންޑިއާއަށް ދިޔަ ކަމަށާއި ޑޮކްޓަރުން ލަފާ ދިނީ މިހާރު ދެން ކުރެވޭނެ އިތުރު ފަރުވާއެއް ނެތް ކަމަށެވެ. އިނާސަށް ދިން ހަމައެކަނި ލަފާއަކީ ކިޑްނީ ޓްރާންސްޕްލާންޓް ކުރުން ކަމަށް އޭނާ ބުނެއެވެ. ޑޮކްޓަރުގެ ލިޔުންކިޑްނީ އެއްކޮށް ފެއިލްވެދައި ވަނީ މިއަހަރު ކަމަށާއި ޑައިލެސިސް ހަދަންފެށިތާ އަދި ވީ ތިން މަސް ކަމަށް އިނާސް ކިޔައިދިނެވެ. ދެ ކިޑްނީ ފެއިލްވެ، ހަފްތާއަކު ތިން ދުވަހު ވަނީ ޑައިލެސިސް ހަދަން މަޖުބޫރު ވެފައެވެ.

ޑޮކްޓަރުގެ ލިޔުން

2015 ވަނަ އަހަރު ކުރިމަތިލާންޖެހުނު މާޔޫސްކަމަށް ފަހު ވެސް އާއިލާއިން ކުރަމުން ގެންދާ އުންމީދަކީ މި ޒުވާނާއަށް ކިޑްނީއެއް ދޭނެ މީހަކުވޭތޯ ބެލުމެވެ. އާއިލާއިން އެ މަސައްކަތް ކުރަމުން ދާއިރު، މަންމަގެ ކިޑްނީ ދޭން ނިންމާފައިވާ ކަމަށާއި މިހާތަނަށް ހެދި ޓެސްޓުތަކުން މަންމަގެ ލޭގެ ގްރޫޕް ދިމާވާ ކަމަށާއި ޓިޝޫ ދިމާވެއްޖެ ނަމަ ކިޑްނީ ޓްރާންސްޕްލާންޓް ހެދޭނެ ކަމަށް އިނާސް ބުނެއެވެ.

މިހާރު މަންމަ ޓިޝޫ ދިމާވޭތޯ ބަލަން. ބްލަޑް ގްރޫޕް ދިމާވޭ. ޓިޝޫ ދިމިވާވެއްޖާ މަންމަ ހުރީ ކިޑްނީ ދޭން. ޓްރާންސްޕްލާންޓް ހަދަން.
އިނާސް

މިކަމަށް ހަރަދުކުރާނެ ފައިސާގެ އެހީ ބޭނުންވާ ކަމަށާއި އެ ފައިސާ ހޯދުމަށް އިނާސް އެދެނީ އޭނާގެ ބައްޔަށް އަވަސް ޝިފާއެކެވެ. އެކަމަކީ ބޮޑު ހަރަދެއް ހިނގާނެ ކަމަކަށް ވާތީ، އެ އާއިލާއިން މިވަނީ ތި އެންމެ ބޭފުޅުންގެ ދީލަތި އެހީތެރިކަމަށް ވަރަށް ބޮޑަށް ބޭނުންވެފައެވެ. މިވަގުތު ތިޔަ ބޭފުޅުންގެ ފަރާތުން ދިއްކޮށްލާ ކުޑަ މިންވަރެއްގެ އެހީތެރިކަމަކީ ވެސް އެ އާއިލާއަށް މާލީގޮތުން ވެދެވޭ ބޮޑު އެހީއަކަށް ވާނެއެވެ.

އިނާސަށް އެހީވުމަށް ބޭނުންވާ ފަރާތްތަކުން އިނާސްގެ ނަންބަރު 9658485 އަށް ގުޅައިގެން ނުވަތަ ވައިބާއިން ކުރިއަށް ގެންދެވޭނެއެވެ.

މާތްﷲ އިނާސަށް އަވަސް ޝިފާއެއް މިންވަރު ކުރައްވައި އެ އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އަދި އަހަރެމެން ދިވެހިންނަކީ އެކަކު އަނެކަކަށް އެހީތެރިވާ ބައެއް ކަމުގައި ލައްވާށިއެވެ.