އިނގިރޭސިވިލާތުގެ ޝާހީ މަގާމުން ދޫކޮށްލަން ނިންމާފައިވާކަން އިއުލާން ކުރުމަށްފަހު ޑިއުކް އެންޑް ޑަޗަސް އޮފް ސަސެކްސްގެ ދެމަފިރިން ކެނެޑާއަށް ހިނގައްޖެއެވެ.

ޕްރިންސް ހެރީގެ ދެމަފިރިންނާ ދަރިފުޅު އާޗީ ކެނެޑާއަށް ގޮސްފައި މިވަނީ، ޝާހީ އާއިލާގެ އިސް މަގާމުތައް ދޫކޮށްލުމަށް އެދެމަފިރިން ނިންމި މައްސަލައަށް ހައްލެއް ހޯދުމަށް، އިނގިރޭސިވިލާތުގެ ރާނީ އަދި ޕްރިންސް ހެރީގެ މާމާފުޅު، މަސައްކަތް ފައްޓަވާފައިވާ ދަނޑިވަޅެއްގައެވެ.

މިމަސައްކަތުގައި ރާނީއަށް އެއްބާރުލުން ދެމުންދަނީ އިނގިރޭސިވިލާތުގެ ވަލީއަހުދު ޕްރިންސް އޮފް ވޭލްސް (ޗާލްސް)އާއި ޑިއުކު އޮފް ކޭމްބުރިޖު (ޕްރިންސް ވިލިއަމް)އެވެ.

ޝާހީ އާއިލާގެ އިސް މަގާމުތައް ދޫކޮށްލުމަށް ޕްރިންސް ހެރީގެ ދެމަފިރިން ނިންމުމާއެކު 'ފުން އަސަރެއް' ކޮށްފައިވާކަމަށް އިނގިރޭސިވިލާތުގެ ޝާހީ އާއިލާއިންވަނީ ހާމަކޮށްފައެވެ. ހެރީގެ ދެމަފިރިން މިކަން ކޮށްފައިވަނީ ޝާހީ އާއިލާގެ އެއްވެސް މެމްބަރަކާ މަޝްވަރާކުރުމަކާ ނުލައެވެ.