ދީނީ އިލްމުވެރިޔާ އަދި އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައާ ގުޅިގެން، އޭރުގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ މައްސަލަ އަލުން ތަހުގީގު ކުރަން ފަށައިފިއެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މަރު ކޮމިޝަނުން ޑރ. ޝަހީމްގެ މައްސަލަ ތަހުގީގު ކުރުމަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މިހާރު އެ މައްސަލައިގެ ތަހުގީގު ކުރިއަށް ދާ ކަމަށާއި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދާއިރ އިތުރު މައުލޫމާތު ހާމަ ނުކުރެވޭނެ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހަށް މައްސަލަ ހުށަހަޅާފައިވަނީ ކޮން ދުވަހަކު ކަން އަދި ސާފުވާ ގޮތެއް ނުވެއެވެ.
މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފައްދަވާފައިވާ ކޮމިޝަނުން، ޑރ. ޝަހީމްގެ މައްސަލަ ތަހުގީގު ކުރުމަށް މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ވަނީ ފޮނުވާފައެވެ. މި މައްސަލަ މަރު ކޮމިޝަނުން ޕީޖީއަށް ފޮނުވާފައި ވަނީ އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގައި އެ ކޮމިޝަނުން ހިންގި ތަހުގީގުގައި، ޑރ. ޝަހީމް އެ ކޮމިޝަނަށް ދޮގު މައުލޫމާތު ދެއްވައި، ތަހުގީގަށް ހުރަސް އަޅުއްވާފައިވާތީ ކަމަށް މަރު ކޮމިޝަނުން ބުނެފައި ވެއެވެ.
ޑރ. އަފްރާޝީމްގެ މައްސަލާގައި މަރު ކޮމިޝަނުން ތައްޔާރު ކުރި ރިޕޯޓުގައި ބުނީ، ޑރ. ޝަހީމް އެ ކޮމިޝަނަށް ލިޔުމުން ފޮނުއްވާފައިވާ މައުލޫމާތުގައިވާ ގޮތުން އަފްރާޝީމް އޭނާއާ 2012، އޮކްޓޯބަރު އެއްވަނަ ދުވަހު ބައްދަލު ކުރެއްވުމަށް އިސްލާމިކް މިނިސްޓްރީއަށް ވަޑައިގެންނެވީ އެއްވެސް ގޮތަކަށް އެދިވަޑައިގެން ނޫން ކަމަށެވެ. ނަމަވެސް، އެދުވަހު މެންދުރު 1:00 އަށް އިސްލާމިކް މިނިސްޓްރީއަށް ވަޑައިގަތުމަށް ޝަހީމް ދެންނެވި ކަމަށް ދެމީހުންގެ ދެމެދުގައި ބަދަލު ކުރައްވާފައިވާ މެސެޖުތަކުން އެނގޭ ކަމަށެވެ.
އޮކްޓޯބަރު 2، 2012 ގައި ޑރ. އަފްރާޝީމް އަލީ އަވަހާރަ ކޮށްލި ހާދިސާ ހިނގި ރޭ ޓީވީއެމުން ފޮނުވި ދީނީ ދަރުސް ޕްރޮގްރާމަށް ވަޑައިގަންނަވަން ޑރ. އަފްރާޝީމަށް އެންގެވީ ޑރ. ޝަހީމްކަމަށް މަރުކޮމިޝަނުގެ ރިޕޯޓުގައި ބުނެފައި ވާއިރު، ޑރ. އަފްރާޝީމަށް އެރޭ ޓީވީ ޕްރޮގްރާމަށް ވަޑައިގެންނެވޭނެ ކަމާއި، އެ ޕްރޮގްރާމަށް ވަޑައިގަތުމުގެ ޔަގީން ކަން ދީފައި ވަނީ ކޮން ފަރާތަކުން ކަން ނޭނގޭ ކަމަށް ޑރ. ޝަހީމް ވަނީ މަރު ކޮމިޝަނަށް މައުލޫމާތު ދެއްވާފައެވެ.
އަދި އެ ޕްރޮގްރާމަށް އަފްރާޝީމް ވަޑައިގަތުމުގެ ވާހަކަ ޝަހީމާ ދެމެދު ދެކެވިފައިވާ ކަމަށާއި އެ ޕްރޮގްރާމަށް އަފްރާޝީމް އެރުއްވުމަށް ޝަހީމް އެދިވަޑައިގެންނެވީ ކުރިން ދެއްކެވި ވާހަކަތަކަށް ތައުބާވެ ވަޑައިގަތުމަށް ކަން އޭނާއަށް އެނގިވަޑައިގަންނަވާ ކަމަށް ރިޕޯޓުގައި ބުނެއެވެ. މީގެ އިތުރުން އެރޭގެ ޕްރޮގްރާމަށް ވަޑައިނުގެންނެވިއްޖެ ނަމަ، އެ ބޭނުމުގައި އިސްލާމިކް މިނިސްޓްރީގައި ނިއުސް ކޮންފަރެންސެއް ބާއްވާ ދެއްވުމަށް ޝަހީމް ވަނީ ހުށަހަޅުއްވާފައެވެ.