ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރުމަށް މިހާރު މާލެ ސިޓީ ކައުންސިލްގެ މޭޔަރުގެ މަގާމުގައި ހުންނެވި ޝިފާ މުހައްމަދު ފޯމު ހުށަހަޅުއްވައިފިއެވެ.
ޝިފާ ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރުމަށް އޭނާ ފޯމު ހުށަހަޅާފައިވާ ކަމަށެވެ. ޝިފާ އަކީ މިހާރު މި ހިނގާ ދައުރުގައި ކައުންސިލަށް ކުރިމަތިލައްވައިގެން މޭޔަރު ކަމަށް ކައުންސިލަރުންގެ މެދުގައި ނެގި ވޯޓުން އިންތިހާބު ކުރައްވާފައިވާ ބޭފުޅެކެވެ.
މީގެކުރީގެ ސަރުކާރުން ކައުންސިލްތަކުގެ ބާރުތައް ނަގާފައިވާތީ އެއްވެސް ތަރައްގީގެ މަޝްރޫއެއް މާލެސިޓީގައި ކުރިޔަށް ނުގެންދެވޭ ކަމަށް ވިދާޅުވެ އަޑު އުފުލާފައިވާ ޝިފާއަށް ގިނަބަޔަކު މިހާރު އަންނަނީ ފާޑުކިޔަމުންނެވެ. އެގޮތުން އެމްޑީޕީގެ ސަރުކާރެއް އައިސް ބާރުތައް ދިނުމުންވެސް އެއްވެސް ކަމެއް މާލެސިޓީ ސަރަހައްދަށް ކުރެވިފައި ނުވާ ކަމަށް ގިނަބަޔަކު އަންނަނީ ބުނަމުންނެވެ.
މާލެ ސިޓީ މޭޔަރު ކަމަށް ވާދަ ކުރައްވާ ފަރާތްތަކުގެ ތެރޭގައި ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީއާ ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު ޝިހާމާއި ޕީޕީއެމްގެ ނައިބު ރައީސް އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އަދި މިހާރު މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފުގެ އިތުރުން އެމްޑީޕީގެ ސެކެޓްރީ ޖެނެރަލް އަދި ގާނޫނީ ވަކީލު އަނަސް އަބްދުއްސައްތާރު ވެސް ހިމެނެއެވެ.