އެމްއެންޑީއެފްގެ ވެހިކަލެއްގެ މަތީގައި ބިދޭސީއެއް އިށީނދެއިން ފޮޓޯއަކީ މީގެ ތިން އަހަރު ކުރީގެ ފޮޓޯއެއް ކަމަށް އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސާ މޭޖާ އިބްރާހީމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް ވިދާޅުވީ އެ ފޮޓޯއަކީ މީގެ ތިން އަހަރު ކުރިން 2016 ވަނަ އަހަރު، ލ.ފޮނަދޫގައި ހިނގާފައިވާ ކަމެއްގެ ފޮޓޯއެއް ކަމަށެވެ.

މީގެ އިތިރުން އޭނާ ވިދާޅުވީ އެމްއެންޑީއެފްގެ ފޯސް ޕްރޮޓެކްޝަންގެ އާ ނިޒާމުގެ ދަށުން މިހާރު މިފަދަ ކަންކަން ވިޔަ ނުދިނުމަށްޓަކައި ދަނީ ހަރުދަނާ މަސައްކަތްތަކެއް ކުރެވެމުން ކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އެ ފޮޓޯގައި ފެންނަނީ ބިދޭސީއަކު އެމްއެންޑީއެފްގެ ވެހިކަލެއްގެ މަތީގައި އިށީނދެ އިންނަ ތަނެވެ. އިށީނދެ އިންނަ ގޮތުން ހީވަނީ ފޮޓޯއެއް ނެގުމަށް ތައްޔާރުވެގެން އިންހެނެވެ. އޭނާގެ އަތުގައި ފެންފުޅިއެއްވެސް އޮތެވެ.

ބިދޭސީއަކު، ސަލާމަތީ ބާރުތަކުގެ ވެހިކަލެއްގެ މަތީގައި އެގޮތަށް އިށީނދެ އިނުމުން ގިނަ ބައެއްގެ ފާޑުކިއުން ވަނީ އަމާޒުވެފައެވެ. ބައެއް މީހުން ބުނެފައި ވަނީ އެއީ މިނިވަންކަން ކަމަށެވެ. އަދި އަނެއް ބަޔަކު ބުނަމުން ދަނަި އެއީ ގައުމުގައި މިހާރު ވެރިކަން ކުރަމުންދާ ބަޔަކީ ބިދޭސީން ކަމަށް ވާތީ ވާގޮތް ކަމަށެވެ.

އަނެއްބަޔަކު ބުނަނީ އެއީ ވަރަށް ބޮޑު ސެކިއުރިޓީ މައްސަލައެއް ކަމަށެވެ.

ދާދި ފަހުން ބިދޭސީއަކު ވަނީ ޕިކަޕެއްގައި އެމްއެންޑީއެފްގެ ބަނޑޭރިގެއަށްވެސް ހުއްދަ ނެތި ވަދެފައެވެ. ބަނޑޭރިގޭގެ ދޮރުވާނުންނަށް ނޭނގި ވަދެވުމަކީ ސެއުރިޓީ ގާއިމު ކުރެވިފައިވާ މިންވަރާ މެދު ސުވާލު އުފެދޭ ކަމެކެވެ.