ޗައިނާގެ ބައެއް ހިސާބުތަކުން މިދުވަސްވަރު ގިނަ އަދަދަކަށް ރިޕޯޓް ކުރަމުންދާ ނިއުމޯނިއާ ހުމުގެ ކޭސްތަކަކީ، ނުރައްކާތެރި "ސާސް" އާއިލާގެ ވައިރަހަކުން ޖެހެމުންދާ ރޯގާއެއް ކަމަށް ގަބޫލުކުރެވޭ ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އިން ބުނެފިއެވެ.
ޗައިނާއިން ގިނަ އަދަދަކަށް ރިޕޯޓްކުރަމުންދާ ހުމުގެ ރޯގާއާއި ގުޅިގެން ޑަބްލިއު.އެޗް.އޯއިން އާންމުކުރި ބަޔާނެއްގައި އެ ޖަމިއްޔާއިން ބުނީ، ކޮރޯނާ ވައިރަސްތަކަކީ އާދައިގެ އަރިދަފުސް ރޯގާތަކުން ފެށިގެން ސާސް ފަދަ ބޮޑެތި ރޯގާތައްވެސް ޖައްސާ ވައިރަސްތަކެއް އޮތް އާއިލާއެއް ކަމަށެވެ. ބައެއް ވައިރަހަކީ ފަސޭހައިން އެކެއްގެ ގައިން، އަނެކެއްގެ ގަޔަށް އަރާ ވައިރަސްތަކަކަށްވާއިރު، އަނެއް ބައި ވައިރަހަކީ މިފަދަ ވައިރަސްތަކެއް ނޫންކަމަށްވެސް އެބަޔާނުގައިވެއެވެ.
ޗައިނާގައި ފެތުރެމުންދަނީ އާދަޔާ ހިލާފު ހުމެއްކަން ޑިސެމްބަރު މަހުގެ ފަހުކޮޅު އާންމުވި ހިސާބުން، ސާސްގެ ބިރުވެރިކަން ދުނިޔޭގެ އެކި ހިސާބުތަކަށް ވަނީ ފެތުރިފައެވެ. 2002-2003 އަހަރާ ދެމެދު ޗައިނާއިން ފެތުރިގެން އައި ސާސް ރޯގާގައި ދުނިޔޭގެ އެކި ހިސާބުތަކުން އެތައް ސަތޭކަ ބަޔަކު ވަނީ މަރުވެފައެވެ.
މިމަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ހަދާފައިވާ ދިރާސާތަކަށް ބަލާއިރު ޗައިނާއިން މިހާރު ފެންނަމުންދަނީ ސާސް އައިލާގެ އާ ރޯގާއެއް ކަމަށާ، މިކަމާ ގުޅޭ އިތުރު ތަހުލީލުތައް ހަދާ، ދިރާސާތައް ކުރަންޖެހިފައިވާކަމަށް ޗައިނާގެ ދައުލަތުގެ މީޑިއާއިން ވަނީ ރިޕޯޓްކޮށްފައެވެ.