ޗައިނާއިން ހުޅުމާލެ ހޮސްޕިޓަލްގައި ގާއިމުކުރި ލޮލުގެ ފަރުވާދޭ ސެންޓަރު ހުޅުވައި، ހިދުމަތްދޭން ފަށައިފިއެވެ.

ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒާން ލިޒޯން ކުރެއްވި ޓްވީޓެއްގައި، ޑރ. ޗެން ވެއިރޮންގްއާ ހަވާލާދީ ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލްގައި ޗައިނާއިން ގާއިމުކުރި ލޮލުގެ ފަރުވާދޭ ސެންޓަރު ވަގުތީ ގޮތުން އިއްޔެ ހުޅުވާފައިވާ ކަމަށެވެ. އަދި އިއްޔެ ލޮލުގެ 30 އޮޕަރޭޝަން ކޮށްފައިވާ ކަމަށާއި ހުރިހާ އޮޕަރޭޝަނެއްވެސް ވަރަށް ކާމިޔާބު ކަމަށެވެ.

ހުޅުމާލޭގައި ގާއިމުކުރި ލޮލުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރުން ލޮލުގެ ތަފާތު ބަލިތަކަށް ފަރުވާދޭނެވެ. އެގޮތުން ލޯފުސްވުމާއި ގުލްކޯމާ އޮކިޔުލާ ސާފޭސް ޑިޒީސްފަދަ ލޮލުގެ ބަލިތަކަށް ފަރުވާ ލިބޭނެއެވެ.

ރާއްޖޭގައި ދެވޭ ލޮލުގެ ފަރުވާގެ ހިދުމަތްތައް ފުޅާކުރުމުގައި އެހީތެރިކަން ފޯރުކޮށް ދިނުމަށް ހެލްތް މިނިސްޓްރީ އާއި ޗައިނާގެ ނޭޝަނަލް ހެލްތު އެންޑް ފެމިލީ ޕްލޭނިން ކޮމިޝަންއާ ދެމެދު މިދިޔަ އަހަރުގެ ޖުލައި މަހުގައި ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ހުޅުމާލޭގައި އިއްޔެ ހުޅުވި ލޮލުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރަކީ މި އެއްބަސްވުމުގެ ދަށުން ހެދި ސެންޓަރެކެވެ.