އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން ދޫކުރި ރާއްޖެއާ ނުގުޅޭ ކަންތައްތަކެއް ހުރި ފޮތްތައް އިސްލާހު ކުރުމަށް އަނބުރާ އެ ސްކޫލަށް ގެންގޮސްފިއެވެ.

އަހްމަދިއްޔާ ސްކޫލުން ބުނީ، މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮތުގެ ގަނޑުތަކަކީ އެ ސްކޫލުން ދޫކުރާ ފޮތެއްގެ ތެރޭގައި ހުރި ސަފްހާ ތަކެއް ކަމަށެވެ. މި ފޮތްތަކަކީ ބެލެނިވެރިންނަށް ދޫކުރުމުގެ ކުރިން މިފޮތުގައި ހުރި ރާއްޖެއާ ނުގުޅޭ ބައިތައް ހުރި ސަފްހާތައް ނަގާ އޭގެ ބަދަލުގައި ދިވެހި ގައުމީ ސަލާމާއި ދިވެހިދިދަ އާއި ދިވެހި ރާއްޖޭގެ ނިޝާން އަދި ދިވެހި ސަގާފަތް ދައްކުވައިދޭ ތަސްވީރުތައް ހިމެނޭ ސަފްހާތަކެއް އެ ސަފްހާތަކުގެ ބަދަލުގައި ހިމަނައިގެން ދޫކުރެވޭ ފޮތްތަކެއް ކަމަށް އެ ސްކޫލުން ބުނެއެވެ.

އަހްމަދިއްޔާ ސްކޫލުން ބުނީ، މި ފޮތްތައް ދޫކުރުމުގައި ސަފްހާތަކަށް ބަދަލުގެނެސްފައި ނުވާ ފޮތްތައްކެއް ދޫކުރެވިފައިވާތީ އެފޮތްތައް އަނބުރާ އެ ސްކޫލަސް ގެންގޮސްފައިވާ ކަމަށެވެ.

މި ފޮތްތަކަކީ މިނިސްޓްރީ އޮފް އެޑިއުކޭޝަން އަދި އިންޑިއާ ސަރުކާރުން އެ ސްކޫލަށް ދީފައިވާ ފޮތްތަކެއް ނޫން ކަމަށް އަހްމަދިއްޔާ ސްކޫލުން ބުނެއެވެ. އެ ސްކޫލުން ބުނީ މި ފޮތްތަކަކީ އެ ސްކޫލުން އިންޑިއާގެ ކޭމްބްރިޖް ޔުނިޗާސިޓީ ޕްރެސްއާ ގުޅިގެން ރާއްޖެ ގެނެސް މިދިޔަ އަހަރުން ފެށިގެން ބޭނުން ކުރަމުންދާ ފޮތްތަކެއް ކަމަށެވެ.

މީގެ އިތުރުން މިކަމުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަނުގެ ދައުރެއް އަދި އިންޑިއާ ސަރުކާރުގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށް އަހްމަދިއްޔާ ސްކޫލުން ބުނެއެވެ. އަދި މިކަން މިގިތަށް ހިނގާދިއުމުގެ ހުރިހާ ޒިންމާއެއް އެ ސްކޫލުން ނަގާނެ ކަމަށް ބުނެ އެ ސްކޫލުން ވަނީ ބެލެނިވެރިންގެ އަރިހުން މައާފަށް އެދިފައެވެ.