އިނގިރޭސިވިލާތުގެ ތާރީހު ދުށް އެންމެ ހުށިޔާރު އަދި ނުރައްކާތެރި ޓެރަރިސްޓް ރޭންހަރްދް ސިނާގާއަށް އެގައުމުން އިއްވާފައިވަނީ ހައްގު އަދަބެއް ކަމަށް އޭނާގެ ބައްޕަ، އަދި އިންޑޮނޭޝިއާގެ މަޝްހޫރު ވިޔަފާރިވެރިޔާ ސައިބުން ސިނާގާ ބުނެފިއެވެ.

48 ފިރިހެނަކަށް 159 ފަހަރެއްގެ މަތިން ޖިންސީ ގޯނާ ކުރިކަމުގެ ކުށް ސާބިތުވެ، އިނގިރޭސިވިލާތުން ވަނީ ސިނާގާގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އަދި އެންމެ މަދުވެގެން 30 އަހަރު ވަންދެން އޭނާ ޖަލުގައި ހުންނަންޖެހޭނެ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ. ސިނާގާއަކީ އިނގިރޭސިވިލާތުގައި، ޕީއެޗްޑީއަށް ކިޔަވަމުންދިޔަ، އުމުރުން 36 އަހަރުގެ، އިންޑޮނޭޝިއާ މީހެކެވެ.

ރެއިންހަރްދް ސިނާގާ ދިރިއުޅެމުންދިޔަ ފްލެޓް/ފޮޓޯ: ގްރޭޓާ މެންޗެސްޓާ ޕޮލީސް

ސިނާގާއާއިއެކު އިންޑޮނޭޝިއާގައި ކިޔެވި ބައެއް ދަރިވަރުން ބުނި ގޮތުގައި އޭނާއަކީ އެކުގައި އުޅޭއިރު މަޖާ މިޒާޖެއްގެ އެކުވެރިއެއް ކަމަށެވެ. ނަމަވެސް އިނގިރޭސިވިލާތަށް ދިރިއުޅުން ބަދަލުކުރި ފަހުން ސިނާގާއާއި ގުޅުން ކެނޑިފައިވާކަމަށެވެ.

ސިނާގާ އިނގިރޭސިވިލާތަށް ބަދަލުވީ، އޭނާގެ ބުއްދި ގަބޫލުކުރަމުންދިޔަ ދަރަޖައަށް އެއްޖިންސުން ގުޅުން ހިންގުމަށް އިންޑޮނޭޝިއާގައި މިނިވަންކަން ނެތުމުގެ ސަބަބުން ކަމަށްވެއެވެ.

ސިނާގާގެ ބައްޕައަކީ އިންޑޮނޭޝިއާގައި ޕްރައިވެޓް ބޭންކުތަކެއް ހިންގަމުން އަންނަ މުއްސަނދި ވިޔަފާރިވެރިއެއްކަމުން، ސިނާގާ އިނގިރޭސިވިލާތުގައި ދިރިއުޅުމަށް އެއްވެސް ވަރެއްގެ ދައްޗެއް ކުރިމަތިވެފައެއް ނުވެއެވެ. އޭނާ ދިރިއުޅެމުންދިޔަ ފްލެޓަށްވެސް ފައިސާ ޚަރަދު ކުރަމުންދިޔައީ އެ ބައްޕައެވެ.

އިނގިރޭސިވިލާތުގެ ފުލުހުން ބުނާ ގޮތުގައި ސިނާގާގެ ޝިކާރައަކަށް 190 އަށްވުރެ ގިނަ ފިރިހެނުން ވަނީ ވެފައެވެ. ނަމަވެސް މިހާތަނަށް ދެނެގަނެވިފައިވަނީ މީގެ ތެރެއިން މަދު ބައެކެވެ.

އިނގިރޭސިވިލާތުގެ ދުށް އެންމެ ނުރައްކާ ޖިންސީ ޝިކާރަވެރިއާ ނިސްބަތްވަނީ އިންޑޮނޭޝިއާއަށްކަން ހާމަވުމާއެކު މުޅި އިންޑޮނޭޝިއާގައިވަނީ ނުތަނަވަސްކަން އުފެދިފައެވެ. ބައެއް މީހުންނަށް ސިހުން ގެނުވިއިރު، އަނެއް ބަޔަކު ރުޅިގަދަވެފައެވެ. އިނގިރޭސިވިލާތުގެ ކަމާބެހޭ ފަރާތްތަކުން ސިނާގާ ހައްޔަރުކުރީ 2017 ވަނަ އަހަރުގެ ތެރޭގައި ނަމަވެސް، އޭނާގެ އައިޑެންޓިޓީ އާންމުކޮށް، ދުނިޔޭގެ އެކި ހިސާބުތަކަށް އޭނާގެ ވަނަވަރު އާންމުވެގެންދިޔައީ އޭނާގެ މައްޗަށް ހުކުމް އިއްވުމަށް މިދިޔަ ހޯމަ ދުވަހު އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ޝަރީއަތާ ގުޅިގެންނެވެ.

ސިނާގާގެ ސަބަބުން އިންޑޮނޭޝިއާއަށް ލަދުވެތިކަން ލިބިފައިވާކަމަށް ބުނެ، ގިނަ ބަޔަކު ދަނީ އޭނާގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރުމަށް ޑިމާންޑް ކުރަމުންނެވެ. ނަމަވެސް 1965 ވަނަ އަހަރުން ފެށިގެން އިނގިރޭސިވިލާތުން ވަނީ މަރުގެ ހުކުމް ތަންފީޒު ނުކުރުމަށް ނިންމާފައެވެ.

އިންޑޮނޭޝިއާގެ ކަމާބެހޭ ފަރާތްތަކުން ބުނީ، އިނގިރޭސިވިލާތަށް ދިރިއުޅުން ބަދަލު ކުރުމުގެ ކުރިން އޭނާގެ ފަރާތުން ޖިންސީ ފުރައްސާރައާއި ގޯނާ، އެއްވެސް މީހަކަށް ލިބުނު ކަމުގެ ރެކޯޑެއް ނެތް ކަމަށެވެ.