ދ. ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަބްދުއްރައްޒާގު މުހައްމަދު، ނަކަލު ކުރައްވައިފައިވާ ސޮއިއެއް ބޭނުންކުރެއްވި މައްސަލަ ހުށަހެޅުއްވީ ނިޒާމަށް އިތުބާރު ހޯދާދިނުމަށް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް ވިދާޅުވީ، ސޮއި ނަކަލު ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލަ ޖޭއެސްސީގެ ސަމާލުކަމަށް ގެނައީ ޕީޖީ އޮފީހުގެ ޕްރޮސިކިއުޓަރެއް ކަމަށެވެ. އަދި އެ މައްސަލަ ހުށަހެޅުއްވީ، މަޑުމަޑުން، މުޅި ނިޒާމަށް އިތުބާރު ހޯދައިދޭން ބޭނުންވާތީ ކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ.

ނަޒާހާތްތެރި ޖުޑީޝަރީއެއް ލިބުމަކީ ރައްޔިތުންގެ އަސާސީ ހައްގެއް ކަމަށް ވިދާޅުވެ ޝަމީމް ވަނީ ޖޭއެސްސީއަށް ތައުރީފު ކުރައްވާފައެވެ.

ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުން ބަލަމުންދާ މައްސަލައެއްގެ ޝަރީއަތަށް ދ.ވާނީ، ވިލާޑީހައުސް، އަބްދުއްރައްޒާގު މުހައްމަދު ހުށަހަޅާފައިވާ އެއްބަސްވުމެއްގައިވާ ސޮއި އަކީ ނަކަލުކޮށްފައިވާ ސޮއެއް ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން ދާތީ ކަމަށް ބުނެ ޖޭއެސްސީން އޭނާ ސަސްޕެންޑް ކުރީ އިއްޔެއެވެ.

ޖޭއެސްސީން ބުނީ، ފުލުހުން އެ ކޮމިޝަނަށް ފޮނުވާފައިވާ ސިޓީއާ ގުޅިގެން މެޖިސްޓްރޭޓް އަބްދުއްރައްޒާގުގެ ސުލޫކީ މައްސަލައެއް ބެލުމަށާއި، ޖޭއެސްސީގެ ގާނޫނުގެ ދަށުން އޭނާ ފަނޑިޔާރުކަމުގެ މަސައްކަތުން ވަގުތީގޮތުން ދުރުކުރުމަށް އެ ކޮމިޝަނުން އިއްޔެ ބޭއްވި ޖަލްސާގައި ނިންމާފައިވާ ކަމަށެވެ.