މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމުގެ މަޝްރޫއުގެ އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމަންޓު ޕްލޭނިންގް މިނިސްޓްރީން އެންވާރަމަންޓް މިނިސްޓަރު އަރިހުގައި އިސްތިއުނާފު ކޮށްފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީ އިން ބުނީ މާފަރު އެއާޕޯޓުގެ އީއައިއޭ މައްސަލަ ޕްލޭނިން މިނިސްޓްރީ އިން އިސްތިއުނާފު ކުރީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ކަމަށެވެ. އީއައިއޭ ރިޕޯޓު ހެދުމާބެހޭ ގަވާއިދުގައި ވާގޮތުން، ބަންދު ދުވަސް ނުހިމަނައި، އިސްތިއުނާފަށް ހުށަހަޅާތާ 15 ދުވަހުގެ ތެރޭގައި އިސްތިއުނާފާމެދު މިނިސްޓަރު ނިންމި ގޮތް ލިޔުމަކުން އިސްތިއުނާފު ކުރި ފަރާތަށް އަންގަންޖެހެއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީ އިން ބުނީ މާފަރު އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުގެ އީއައިއޭ ރިޕޯޓުގެ އެޑެންޑަމް މުރާޖައާ ކުރުމަށް ފަހު، އެ މަޝްރޫއު ކުރިއަށް ގެންދަން މިހާރު ހުށަހަޅާފައި ވާގޮތަށް ކުރިއަށް ގެންދިއުމަށް ތިމާވެށީގެ ގޮތުން ދޭންޖެހޭ ހުއްދަ ދެވެން ނެތްކަމަށް އީއައިއޭ އިން ނިންމި ނިންމުން ޕްލޭނިންގް މިނިސްޓްރީ އިން އެންވަޔަރަންޓް މިނިސްޓަރު ޑރ. ހުސެން ރަޝީދު ހަސަނަށް އިސްތިއުނާފު ކުރުމާ ގުޅިގެން އެމައްސަލަ ދިރާސާކޮށް ބެލުމަށް މިނިސްޓަރާއެކު ޕްލޭނިން މިނިސްޓްރީގެ ޓީމެއް ނ. މާފަރަށްވެސް ގޮސްފައިވާ ކަމަށެވެ.

މި ދަތުރުގެ ބޭނުމަކީ ހުށައަޅާފައިވާ މައްސަލާއިގައި ގޮތެއް ނިންމުމުގެ ކުރިން ބަލަން ޖެހޭ ކަންކަން ގާތުން ބަލައި، ރަށު ކައުންސިލާއި އަދި ރަށުގެ ރައްޔިތުންނާއި ބައްދަލުކޮށް މަޝްރޫއުގެ މައުލޫމާތު އޮޅުންފިލުވުން ކަމަށް އެންވަޔަރަމަންްޓް މިނިސްޓްރީ އިން ބުންޏެވެ.

މި ދަތުރަށް ފަހު އެންވަޔަރަންމަންޓު މިނިސްޓްރީން ފަންނީ ރިޕޯޓެއް ތައްޔާރުކޮށް އެންވަޔަރަންމަންޓް މިނިސްޓަރު މިކަމުގައި ނިންމެވިގޮތް އީޕީއޭއަށް އަންގަވާނެ ކަމަށާއި މިނިސްޓަރު މިކަމުގައި ނިންމަވާ ގޮތް ތަންފީޒު ކުރާނީ އީޕީއޭއިން ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީ އިން ބުންޏެވެ.

މާފަރު އެއާޕޯޓު މަޝްރޫއު ކުރިއަށް ނުގެންދިޔުމަށް ލަފާދީ އީޕީއޭއިން ބުނެފައިވަނީ މާފަރު އެއާޕޯޓުގެ އެކްސްޕެންޝަން މަޝްރޫއު ކުރިއަށް ގެންދަން ބޭނުންވާ ސަބަބެއް ކަމަށް ބަޔާންކޮށްފައިވާ ބޯއިން 777 ޓްވިން ޖެޓް ލޭންޑުކުރެވޭ ވަރަށް އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމަކީ ދުރު ރާސްތާއަށް ބަލާއިރު ލިބޭނެ ސޯޝިއޯއިކޮނޮމިކް އަދި ތިމާވެށީގެ މައްސަލަތަކާ އަޅާބަލާއިރު، އެކަށީގެންވާ ސަބަބެއް ނޫން ކަމަށެވެ.

މާފަރު އެއާޕޯޓަށް އެ މަރުކާގެ ބޯޓު ޖައްސާނީ ކިހާ ގިނައިންތޯ ޔަގީންނުވާ ކަމަށާއި މިއީ ދުރުރާސްތާއަށް ބަލާއިރު ލަފާކުރަން ނޭނގޭ ކަމެއް ކަމަށް ބުނެފައިވެއެވެ.

އިންޓަނެޝަނަލް އެއާޕޯޓެއްގެ ގޮތުގައި ތަރައްގީ ކޮށްފައިވާ މާފަރު އެއާޕޯޓު ރަސްމީކޮށް ހުޅުވާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު އެވެ.

އަބޫދާބީ ފަންޑުގެ އެހީގައި ތަރައްގީކޮށްފައިވާ މި އެއާޕޯޓަކީ އެއާބަސް އޭ320 އަދި ބޮއިންގް 737 ޖެއްސޭ ފެންވަރަށް ތަރައްގީކޮށްފައިވާ އެއާޕޯޓެކެވެ.

މާފަރު އެއާޕޯޓަކީ އޭ380 ޖެއްސޭ ފެންވަރުގެ އެއާޕޯޓަކަށް ހަދަން އެ އެއާޕޯޓު ތަރައްގީކުރި ކުންފުނިން އެދޭކަން އިއުލާނު ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

މާފަރު އެއާޕޯޓު ބޮޑުކުރުމަށް ބޭނުންވާ ފަންޑު ދޭން ޔޫއޭއީ ސަރުކާރުންވެސް ވަނީ މިހާރު ރުހުން ދީފައެވެ.