ރައްޔިތުންގެ މަޖިލިސް ޗުއްޓީގައި އޮއްވާ ޗައިނާގެ ދަރަނި މަޅިތައް މި ސަރުކާރަށް ރަނަށް ވެފައިވާ ކަމަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި ބައިނަލް އަގްވާމީ ސްޓޭޑިއަމް އަޅާ ޗައިނާގެ ޗައިނީސް މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ)ގެ އިސް ވެރިން ރައީސްއާ ބައްދަލު ކުރެއްވި ހަބަރު ޓްވީޓް ކުރައްވައި ސައީދު ވިދާޅުވީ ޗައިނާގެ އެންމެ ކުންފުންޏަކާއި ދިވެހިސަރުކާރާއި ދެމެދު ނެގުނު ފޮޓޯގައި މަދީ ކޯލިޝަން ތިން ޕާޓްނަރާއި މަޖިލިސް ރައީސް އެކަނި ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން ސުވާލު އުފައްދާ ސައީދު ވިދާޅުވީ ޗައިނާ އިން މިހާރު ބިން ފޭރުން ހުއްޓާލީތޯއެވެ. އަދި ޖަޒީރާވެ ނިމި ކޮންކްރީޓާއި ދުރަށް ޖެހި ދަރަނި ދަންތުރައިން ވީއްލުނީތޯ ސައީދު ސުވާލު އުފެއްދިއެވެ.

ސައީދު ވިދާޅުވީ މަޖިލިސް ޗުއްޓީގައި އޮއްވާ މި ސަރުކާރަށް ޗައިނާގެ ދަރަނި މަޅިތައް ރަނަށްވެ، ބިން ފޭރޭ މީހުނަށް ހިތްޖެހި، ބަލައިގަނެ ކޮންކްރީޓުތައް މަޑު މުރަކަތަކާއި މުތްތަކަކަށް ބަދަލުވެފައިވާ ކަމަށެވެ.

ޗައިނާއިން ދީފައިވާ ލޯންތަކާއި ދައްކަން ޖެހޭ ދަރަނިތައް ބޮޑުވެ، އެންމެ ބޮޑަށް ފާޑު ކިޔަމުން ދަނީ މިއަދުގެ ސަރުކާރުންނެވެ. ހާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދަނީ ޗައިނާގެ ދަރަންޏާއި ގުޅޭ ގޮތުން ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އަދި އެކަމުގެ ސަބަބުން ޗައިނާގެ ސަފީރާއި ދެމެދު ބަހުގެ ހަމަލާތައްވެސް މަދުން ނަމަވެސް ދަނީ ބަދަލު ކުރެވެމުންނެވެ.