136 ފަހަރު މަތިން ފިރިހެނުން ރޭޕްކޮށް، ޖުމުލަ 159 ފަހަރު ފިރިހެނުންނަށް ޖިންސީ ގޯނާއާއި ފުރައްސާރަ ކުރި، ރޭންހަރްދް ސިނާގާ،36، އަކީ ދުވަހަކުވެސް ޖަލުން ނެރުމަށް ރައްކާތެރި މީހެއް ނޫންކަމަށް ބުނެ، އޭނާގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހިކުމެއް އިނގިރޭސިވިލާތުގެ ކޯޓަކުން އިއްވައިފިއެވެ.

މިއީ އޭނާގެ މައްޗަށް ކުށް ސާބިތު ކުރެވުނު މީހުންގެ އަދަދެވެ.

އިނގިރޭސިވިލާތުގައި ޕީއެޗްޑީއަށް ކިޔަވަމުންދިޔަ ސިނަގާގެ ޝިކާރައަކަށްވީ މީހުންގެ އަދަދު 190 އަށް އަރާފައިވާއިރު އެއީ އިނގިރޭސިވިލާތުގެ ތާރީހު ދުށް އެންމެ ނުރައްކާތެރި އަދި އެންމެ ހުށިޔާރު ރޭޕިސްޓް ކަމަށް އެގައުމުން ދަނީ ސިފަކުރަމުންނެވެ.

މައްސަލަ ބެލި ފަނޑިޔާރު ވަނީ، އެންމެ މަދުވެގެން 30 އަހަރު ދުވަސް، ސިނާގާ ޖަލުގައި އިންނަންޖެހޭނެ ކަމަށް ހުކުމުގައި ބަޔާންކޮށްފައެވެ. ސިނާގާގެ މައްޗަށް ހުކުމް ކުރުމަށް މެންޗެސްޓާގެ ކްރައުން ކޯޓުގައި ހޯމަ ދުވަހު ކުރިއަށް ގެންދިޔަ ސަރިޔަތުގެ މަޖިލީސް ކުރިއަށް ގެންގޮސްފައިވަނީވެސް ނޫސްވެރިންނަށް އާންމުކޮށް ހުޅުވާލައިގެން، ހުރިހާ މައުލޫމާތެއް މީޑިއާގައި ހާމަ ކުރެވޭ ގޮތަށެވެ.

30 އަހަރު ދުވަހުގެ ޖަލު ހުކުމެއް ސިނާގާ މައްޗަށް އިއްވިއިރު އޭނާ އޭރުވެސް ދިޔައީ މިފަދަ 2017 ވަނަ އަހަރު ފެންމަތިވި މިފަދަ މައްސަލަތަކަކާ ގުޅިގެން 2018 ވަނަ އަހަރު ކުރިއަށް ގެންދިޔަ ސަރިޔަތަކުން އޭނާގެ މައްޗަށް އިއްވި 20 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. މިފަދަ 4 ސަރިޔަތެއް ސިނާގާގެ މައްޗަށް ދަނީ ހިންގަމުންނެވެ.

ސިނާގާގެ ޝިކާރައަކަށްވި މީހުންގެ ތެރެއިން ކަމާބެހޭ ފަރާތްތަކަށް، އެއީ ކޮން ބައެއްކަން ދެނެގަނެވިފައިވަނީ އެންމެ 48 މީހުން ކަމަށްވާއިރު، ބާކީ ތިބި 70 އެއްހާ މީހުން ދެނެގަތުމަށް ފުލުހުން ވަނީ އާންމުންގެ އެހީތެރިކަމަށް އެދިފައެވެ. އެގޮތުން ސިނާގާގެ ޝިކާރައަކަށް ވި ކަމަށް ޝައްކު ކުރެވޭ މީހަކު ހުރި ނަމަވެސް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމަށް ވަނީ ގޮވާލާފައެވެ.

ސިނާގާ ވަނީ އޭނާގެ ޝިކާރައަކަށްވި މީހުންނަށް ޖިންސީ ގޯނާއާއި ފުރައްސާރަކޮށް ރޭޕްކުރަމުންދިޔަ މަންޒަރުތައް ވީޑިއޯކޮށް ރައްކާވެސް ކޮށްފައެވެ. އަދި އެމީހުންގެ ކޮންމެވެސް ޒާތެއްގެ އެއްޗެއް ވަގަށް ނަގާ، 'ޓްރޮފީ'އެއްގެ ގޮތުގައި ރައްކާކޮށްފައެވެ. ސިނާގާގެ ޝިކާރައަކަށްވި މީހުން، ކަމާ ބެހޭ ފަރާތްތަކުން ދެނެގަންނަމުންދަނީ މިތަކެތީގެ ބޭނުންކޮށްގެންނެވެ.

ރެއިންހަރްދް ސިނާގާ ދިރިއުޅެމުންދިޔަ ފްލެޓް/ފޮޓޯ: ގްރޭޓާ މެންޗެސްޓާ ޕޮލީސް

ގިނަ އަދަދަކަށް ޔުނިވާސިޓީ ދަރިވަރުން ދިރިއުޅޭ ސަރަހައްދެއްގައި ހުންނަ ނައިޓްކުލަބެއް ކައިރިން ފިރިހެނުން ޝިކާރަކުރި ސިނާގާ އެކަން ކުރަނީ އެމީހުންނަށް އެކި ގޮތްގޮތުން ކުދިކުދި އެހީތެރިކަން ހުށަހަޅާ، އެމީހުންގެ އިތުބާރު ހޯދައިގެން، އޭނާ ދިރިއުޅޭ ފްލެޓަށް ގެންގޮސް، ނުރައްކާތެރި ޑްރަގެއް ދީގެންނެވެ.

މި ޑްރަގްގެ ސަބަބުން ހާދިސާގެ މާ ބޮޑު ހަނދާނެއްވެސް ޝިކާރައަކަށްވާ މީހުންގެ ނުހުންނާނެއެވެ.

އިނގިރޭސިވިލާތުގެ ދާހިލީ ވަޒީރު ޕްރިތީ ޕަޓޭލްވަނީ މިފަދަ ގޮތަކަށް ޑްރަގެއް ބޭނުންކުރަމުން ގޮސްފައިވާތީ އެކަމާ އިންތިހާއަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.