ރެއިންހަރްދް ސިނާގާއަކީ އިނގިރޭސިވިލާތުގެ ތާރީހުވެސް ދުށް އެންމެ 'ހުށިޔާރު' ރޭޕިސްޓްއެވެ. 2017 ވަނަ އަހަރު އޭނާގެ އަމަލުތައް ފަޅާއެރުމާ ހަމައަށް އޭނާ ޝިކާރަކުރަމުންދިޔައީ އިނގިރޭސިވިލާތުގެ ނައިޓްކުލަބުތަކަށް ދާ ފިރިހެނުންނެވެ.
ސިނާގާ ޝިކާރަ ކުރަމުންދިޔަ މައިދާނަކީ ބޮޑު ދެ ޔުނިވާސިޓީއެއް ގުޅޭ ހިސާބުގައި، ގިނަ އަދަދެއްގެ ދަރިވަރުން ދިރިއުޅެމުންދިޔަ ސަރަހައްދެކެވެ.
އުމުރުން 36 އަހަރުގެ މި ފިރިހެން މީހާ ނިސްބަތްވަނީ އިންޑޮނޭޝިއާއަށެވެ. އިނގިރޭސިވިލާތުގައި ދިރިއުޅެމުންދިޔައި ޕޯސްޓްގުރެޖުއޭޓް ދަރިވަރެއްގެ ގޮތުގައެވެ. އޭރު އޭނާ އިނގިރޭސިވިލާތުގައި ދިރިއުޅޭތާ 7 އަހަރުވެއްޖެއެވެ. ދިރިއުޅެމުންދިޔައީ ކުރިން ފާހަގަކުރި ދަރިވަރުންގެ އާބާދީއާއި، ނައިޓްކުލަބާއި މާ ދުރު ނޫން ހިސާބެއްގައެވެ.
4 ދާއިރާއަކުން ޑިގްރީ ހާސިލުކޮށްގެން ހުރި ސިނާގާ ކިޔަވަމުން ދިޔައީ ޕީއެޗްޑީ ހާސިލުކުރުމަށެވެ. އެއީ އޭނާގެ ދުވާލުގެ ޒިންމާއެވެ. ރޭގަނޑު އެއީ ޖިންސީ ގޯނާގެ ޝިކާރަވެރިއެކެވެ. ކަމާބެހޭ ފަރާތްތަކަށް ސިނާގާގެ ވާހަކަ ފަޅާއެރިއިރު މަސްތުވާއެއްޗެއް ދިނުމަށްފަހު ރޭޕް ކުރުމުގެ އިތުރުން 48 ފިރިހެނަކަށް ޖިންސީ ގޯނާ ކުރިކަން އޭނާގެ މައްޗަށް ސާބިތުވިއެވެ. ނަމަވެސް އިނގިރޭސިވިލާތުގެ ފުލުހުން ގަބޫލުކުރާ ގޮތުގައި މިއަދަދު 190 އަށް އަރާނެއެވެ.
މިހާ ތަފްސީލުކޮށް އަދަދެއް ބުނުމަށް ފުލުހުންނަށް ފަސޭހަވީ، އޭނާގެ އަމަލުތަކުގެ ވީޑިއޯ ފުޓޭޖު ޚުދު ސިނާގާ އަމިއްލައަށް ތައްޔާރުކުރަމުން ގޮސްފައި އޮތުމުންނެވެ. އަދި ޖިނާއީ ކުށްވެރިންނަށް ހިތްވަރަކަށްވާ "ޓްރޮފީ" ނުވަތަ 'ތަށީ'ގެ ގޮތުގައި، އޭނާގެ ޝިކާރައަކަށްވީ މީހުންގެ ޒާތީ މައުލޫމާތު ނުވަތަ އެމީހުންނާ ގުޅޭ މާއްދީ ކޮންމެވެސް އެއްޗެއް ފޮރުވާފައި އޮތުމުގެ ސަބަބުންނެވެ.
ސިނާގާގެ ޝިކާރަކަށް އެންމެ ގިނައިން ހަދާފައިވަނީ ފުރާވަރު އުމުރުގެ ދުވަސްތައް ނިންމާ، ހަޔާތުގެ އާ ބާބެއް ފެށުމަށް ތައްޔާރުވަމުންދާ ޒުވާނުންނެވެ. އެ ޒުވާނުންނަކީ މަސްތުގެ ހާލުގައި ތިބޭ ބައެއްކަމަށްވެސްވެއެވެ. އެހެންކަމުން، މި ހާދިސާތައް ތަހުގީގު ކުރުމަށް ހިސާބެއްގެ ގޮންޖެހުންތަކެއްވެސް ވަނީ ކުރިމަތިވެފައެވެ. ބައެއް ޒުވާނުން ބުނާ ގޮތުގައި ސިނާގާގެ ޝިކާރައަކަށް އެމީހުން ވެގެން ދިޔަ ގޮތްވެސް މާ ރަނގަޅަކަށް ހަނދާނެއް ނެތެވެ. ނަމަވެސް، އެނޫން ޒުވާނުން ބުނެފައިވާ ގޮތުގައި، ސިނާގާއާއި ފުރަތަމަ ވާހަކަ ދައްކަން ފެށިއިރު، އޭނާއަކީ ޖިންސީ ގޯނާކޮށް ޝިކާރަކުރަމުންދާ 'ރޭޕިސްޓް'އެއް ކަމުގެ އެއްވެސް އިޝާރާތެއް ލިބިފައެއް ނުވެއެވެ.
ބަލާބެލުމާ، އުޅޭ އުޅުމުންވެސް ސިނާގާއަކީ އެހާ ނުރައްކާތެރި 'ރޭޕިސްޓް'އެއްކަން އެއްވެސް މީހަކަށް ހީއެއް ނުވެއެވެ. އޭނާއަކީ އޭނާ ގަބޫލުކުރާ ދީނުގެ ކަންކަމަށް ފަރުވާތެރި މީހެއްކަމަށް ބުނެވެއެވެ. ޖިސްމާނީ ހެދިބޮޑުވުމަށް ބަލާއިރުވެސް އޭނާގެ ފުށުން މާ ބޮޑު ނުރައްކަލެއް އައިސްދާނެ ކަމުގެ އިހުސާސް، އެހެން މީހުންނަކަށް ނުކުރެވޭ ކަމަށްވެއެވެ. ސިނާގާގެ ޝިކާރައަކަށްވި ބައެއް މީހުން ކިޔައިދީފައިވާ ގޮތުގައި އޭނާއަކީ އާދަޔާ ހިލާފު ގިނައިން ހިނިތުންވެފައި ހުންނަ މީހެކެވެ.
އޭނާގެ ޝިކާރައަކަށްވާ މީހުންނާ އޭނާ ފުރަތަމަ ބައްދަލުކުރަނީވެސް އެކުވެރި މީހެއްގެ ގޮތުގައެވެ. ސިނާގާގެ ޝިކާރައަކަށްވި ޒުވާނަކު ކިޔައިދީފައިވާ ގޮތުގައި ސިނާގާގެ ޝިކާރައަކަށް އޭނާ ވީ، އޭރު އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު އަންހެން ކުއްޖާގެ އިންތިޒާރުގައި މަޑުކޮށްގެން ހުއްޓާއެވެ. އަންހެންކުއްޖާގެ އިންތިޒާރުގައި ހުއްޓާ، 'އޭޝިއާ ނަސްލު'ގެ މީހަކު އޭނާއާއި އަރާ ހަމަކޮށް، ލޯބިވެރިޔާ އަންނަންދެން އޭނާގެ ފްލެޓްގައި މަޑުކޮށްލުމަށް އެދި މަރުހަބާ ކީ ކަމަށްވެއެވެ. އެމީހާގެ ފުށުން ނުރައްކަލުގެ އެއްވެސް ނިޝާނެއް ފެންނަން ނެތުމުން މި ޒުވާނާވެސް ސިނާގާގެ ފަހަތުން އޭނާގެ ފްލެޓަށް ގޮސް މަޑުކޮށްލިއެވެ. މެހެމާން ދާރީ އަދާކުރުމުގެ ގޮތުން ސިނާގާ ބުއިމެއް ދިން ކަމަށާ، އޭގައި އެއްވެސް ކުލައެއް ނެތް ހަނދާން ހުންނަ ކަމަށާ، އެނޫން އެއްވެސް ކަމެއް ހަނދާނުގައި ނެތް ކަމަށް އެ ޒުވާނުންވެސް ވަނީ ބުނެފައެވެ.
އަނެއް މީހަކު ސިނާގާގެ ޝިކާރައަކަށް ހަދާފައިވަނީ ޓެކްސީއެއް ނުލިބިގެން އުޅުނު ވަގުތެއްގައި، ފޯނުން ޗާޖު ގޮސްފައި އޮތުމުން ސިނާގާގެ ފްލެޓަށް ވަދެ ފޯނު ޗާޗުކޮށްގެން ދިއުމަށް ފުރުސަތު ދިން ހިސާބުންކަމަށް ބުނެފައިވެއެވެ. އޭނާވެސް ސިނާގާގެ ފްލެޓަށް ދިޔައީ ސިނާގާގެ ފަރާތުން ނުރައްކަލުގެ އެއްވެސް ނިޝާނެއް ފެންނަން ނެތުމުންނެވެ. އޭނާއަށްވެސް ސިނާގާ ބުއިމެއް ދިން ކަމަށާ، ހަމަ ހޭވެރިކަންވީ އަނެއް ދުވަހުގެ ހެނދުނު ކަމަށް ބުނެފައިވެއެވެ.
ވީ އެއްވެސް ގޮތެއް ހަނދާން ނެތްއިރު، މިއިން ކޮންމެ މީހަކީވެސް ރޭޕްގެ ޝިކާރައަކަށްވެފައިވާ މީހެއްކަން އެނގެނީ، އެމީހުން ހޯދަން ފުލުހުން އަންނަ ހިސާބުންނެވެ.
އޭރު ނޭނގުނު ނަމަވެސް، ސިނާގާ، އޭނާގެ ޝިކާރައަކަށް ހަދާލި ޒުވާނުންނަށް ދީފައިވަނީ ޖީއެޗްބީ ޑްރަގްއެވެ. މިއީ އެއްވެސް ކުލައެއް އަދި ވަހެއްވެސް ނުހުންނަ ޑްރަގްއެކެވެ. ދިޔާ މާއްދާއެއްގެ ގޮތުގައްޔާ، ފެނަށް ގިރުވައިގެން ބޭނުންކުރާ ޕައުޑަރެއްގެ ގޮތުގައިވެސް މި ޑްރަގް ހުރެއެވެ. އާންމުކޮށް މި ޑްރަގްގެ ނާޖާއިޒު ފައިދާ ނަގަނީ ޖިންސީ ފުރައްސާރައާއި ގޯނާ ކުރަމުންދާ މީހުންނެވެ. މި ޑްރަގްގެ ޝިކާރައަކަށްވެގެން ހޮސްޕިޓަލުން ފަރުވާ ހޯދާ މީހުންގެ އަދަދުވެސް މަދެއް ނޫނެވެ. މިއީ މާގިނައިން ބޭނުންކޮށްފިނަމަ ފުރާނައަށް ނުރައްކާވެ، ފުރާނަ ގެއްލިދާ ހާލަތް މެދުވެރިކުރާ ބާރުގަދަ ޑްރަގްއެކެވެ.
މި ޑްރަގް ބޭނުންކޮށްގެން ހަމަހޭ ގެއްލުވާލުމަށްފަހު ސިނާގާ ޖިންސީ ފައިދާތަކެއް ހާސިލުކުރަމުންދަނިކޮށް ކޮންމެވެސް ވަރަކަށް ހޭވެރިކަންވި މީހަކުވެސް ވަނީ ސިނާގާއާއި ދެކޮޅަށް ހެއްކެތްގެ ގޮތުގައި ވާހަކަދައްކާފައެވެ. ނަމަވެސް އޭމީހާއަށްވެސް ސަލާމަތަށް މާ ބޮޑު ކަމެއް ނުކުރެވި އުޅެނިކޮށް އަނެއްކާވެސް ހެއަށް ގޮތްވިކަމަށްވެއެވެ.
ސިނާގާއާއި ދެކޮޅަށް އިނގިރޭސިވިލާތުގެ ފުލުހުން ކުރިއަށް ގެންދާ ތަހުގީގަކީ، އެގައުމުގެ ތާރީހުގައިވެސް ކުރިއަށް ގެންދާ މިފަދަ އެންމެ ބޮޑު ތަހުގީގެވެ. އިނގިރޭސިވިލާތުގެ ފުލުހުންވަނީ ސިނާގާގެ ޝިކާރައަކަށް ވެފައިވާކަމަށް ބެލެވޭ މީހުންނާ ޝައްކު ކުރެވޭ މީހުންވެސް ފުލުހުންގެ އެހީތެރިކަން ހޯދުމަށް ގޮވާލާފައެވެ.
ސިނާގާ ނިސްބަތްވަނީ އިންޑޮނޭޝިއާގެ ތަނަވަސް އާއިލާއަކަށެވެ. 4 މެމްބަރުންގެ މައްޗަށް އެކުލެވޭ އެ އާއިލާގެ ބައްޕައަކީ ވިޔަފާރިވެރިއެކެވެ. އާއިލާގެ މުއްސަނދިކަމާއެކު ސިނާގާގެ ވަޒީފާގެ ލިސްޓުގައި މާ ބޮޑު ތަޖުރިބާއެއް ނެތެވެ.
އިނގިރޭސިވިލާތުގެ ފުލުހުން ލަފާކުރާ ގޮތުގައި 2015 ވަނަ އަހަރުގެ ކުރިންވެސް ސިނާގާ ވަނީ މި ޖަރީމާ ހިންގަން ފަށާފައެވެ. ފުލުހުން އެއްކޮށްފައިވާ މައުލުމާތަށް ބަލާއިރު ސިނާގާ، އޭނާގެ އެޕާޓްމަންޓްއިން ނިކުންނަތާ އެންމެ 60 ސިކުންތުގެ ތެރޭގައި ޝިކާރައެއް ގޮވައިގެން އޭނާގެ ފްލެޓަށް ވަންނަތަން ފެނެއެވެ.
ސިނާގާއަށް އެންމެ ފަހު މީހާ ޝިކާރަ ކުރެވިފައިވަނީ 2017 ވަނަ އަހަރުގެ ޖޫން މަހުގެ 2 ވަނަ ދުވަހުއެވެ. އެފަހަރުވެސް ސިނާގާ ވަނީ އޭނާގެ ޖިނާއީ ކުށުގެ ރެކޯޑްތަކުގެ އުކުޅުތައް ބޭނުންކޮށްފައެވެ. އޭނާގެ ޝިކާރައަކަށް ހެދި ޒުވާނާއާއި ދެމެދު ހެނދުނު ހިންގި ދެބަސްވުމެއްގައި އެ ޒުވާނާ ވަނީ ސިނާގާއަށް އަނިޔާތަކެއްވެސް ދީފައެވެ. އެއީ އޭނާގެ ސަލާމަތް ހޯދުމަށް ތަޅާފޮޅުމުގެ ތެރޭގައެވެ. އެ ޒުވާނާ ވަނީ ފުލުހުންގެ އެހީތެރިކަން ހޯދާފައެވެ. ސިނާގާގެ އެޕާޓްމަންޓްއަށް ފުލުހުންނަށް އާދެވުނުއިރު، ކުށްވެރިވާ ގޮތްވީ ޒުވާނާއެވެ. ސިނާގާ ބެލީ ދިފާއަށް ކުޅެ، ފުލުހުންގެ އެއްބާރުލުން ހޯދޭތޯއެވެ. އަދި އެކަން ކާމިޔާބުވެސް ކުރިއެވެ. އެހެން މީހަކަށް އަނިޔާ ކުރި ކަމުގެ ކުށުގައި ޒުވާނާވެސް ހައްޔަރުކުރިއެވެ.
ސިނާގާ ގެންދެވުނީ ހޮސްޕިޓަލަށެވެ. ކަމެއް ގޯސްވެގެން އުޅޭކަން ޝައްކުވާންފެށީ އޭނާގެ އެޕާޓްމަންޓްގައި އޮތް މޯބައިލް ފޯނެއް ގެނެސްދިނުމަށް ސިނާގާ އެދެމުންދިޔަ ހިސާބުންނެވެ. އެ ފޯނު ސިނާގާއަށް ދެވެން އޮތީ އޭގެ ޕިން ނަމްބަރު ބުނެގެން ކަމަށް ސިނާގާއަށް އެނގިއެވެ. ނަމަވެސް ސިނާގާއަށް މުޅިންވެސް ދެވުނީ ނުބައި ޕިން ނަމްބަރުތަކެވެ. މި ޝައްކުގެ މައްޗަށް ބިނާކޮށް ފުލުހުން ބެލި ބެލުމުން، ޒުވާނާއަށް ޖިންސީ ގޯނާކޮށް ސިނާގާ އޭނާ ރޭޕްކުރި މަންޒަރު ފޯނަށް ވީޑިއޯކޮށްފައި ހުއްޓާ ވަނީ ފެނިފައެވެ. ވީނުވީއެއް ނޭނގި، ޒުވާނާވެސް ވަނީ ސިނާގާ ގެ ފޯނެއް ހޯދާފައެވެ. މި 2 ފޯނުން 800 ވީޑިއޯއެއް ފެނިފައިވާ މި ވީޑިއޯތަކުގައި ހުރީ ހޭވެރިކަން ނެތް ފިރިހެނުންނަށް ސިނާގާ ޖިންސީ ގޯނާކޮށް ރޭޕްކުރާ މަންޒަރުތަކެވެ.
މިއީ އެހާތަނާ ޖެހެންދެން އިނގިރޭސިވިލާތުގެ ފުލުހުންނަށް ކުރިމަތިލާންޖެހުނު ފަދަ ކޭސްއެއްވެސް ނޫނެވެ. މައްސަލަ ބަލަމުންދާ އޮފިޝަލު ވިދާޅުވާ ގޮތުގައި މި މައްސަލައަކީ، ތަސްވީރު ނުފެނި ޖިގްޒޯ ޕަޒަލްއެއް ރާވަން އުޅުން ކަހަލަ މައްސަލައެކެވެ.
ސިނާގާއާއި ދެކޮޅަށް ކުރިއަށްދާ ދައުވާތަކުގައި އޭނާ ވަނީ ބައެއް ޖަރީމާތަކަށް އިއުތިރާފުވެފައެވެ.