ޗައިނާގެ ބައެއް ހިސާބުތަކުގައި މިހާރު ފެތުރެމުންދާ ގަދަ ހުމަކީ މީގެ އަހަރުތަކެއް ކުރިން ދުނިޔެ ސިއްސުވާލި ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް (ސާސް) ރޯގާ ނޫންކަމަށް އެގައުމުގެ ސިއްހަތާ ބެހޭ އޮފިޝަލުން ވިދާޅުވެއްޖެއެވެ.

ވާނުވާއެއް ނޭނގި ޗައިނާގެ ބައެއް ސަރަހައްދުގައި ގަދަ ހުމެއް ފެތުރެމުންދާއިރު، މިއީ ދޫނި ރޯގާއާއި މިޑްލް އީސްޓް ރެސްޕިރޭޓަރީ ސިންޑްރީމް ނޫންކަމަށްވެސް އެގައުމުން ވަނީ ބުނެފައެވެ.

ޗައިނާގެ ސިޓީއެއް ކަމަށްވާ ވޫހާންއިން މި ގަދަ ހުން ޖެހިގެން 59 ކޭހެއް ރިޕޯޓްކޮށްފައިވާއިރު 7 މީހަކު އޮތީ ކްރިޓިކަލް ހާލެއްގައި ކަމަށް މައުލޫމާތު ލިބެއެވެ.

ވާނުވާ ނޭނގޭ ގަދަ ހުމެއް ޗައިނާގައި ފެތުރެމުންދާއިރު، އެކި ގައުމުތަކުން ވަނީ ޗައިނާއިން އެ ގައުމުތަކަށް އެތެރެވާ ފަތުރުވެރިންނާ އެނޫންވެސް މީހުން ސްކްރީން ކުރުމުގެ މަސައްކަތް ފަށާފައެވެ.

ޗައިނާއިން އުފެދިގެން އައި ސާސް ރޯގާގައި 2002-2003 އާއި ދެމެދު ދުނިޔޭގެ އެކި ކަންކޮޅުތަކުން 700 އަށްވުރެ ގިނަ މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ.