އިންޑިއާގެ އެންމެ ގަދަރުވެރި ޔުނިވާސިޓީތަކުގެ ތެރޭގައި ހިމެނޭ ޖަވާހަރްލާލް ނެހްރޫ ޔުނިވާސިޓީ (ޖޭއެންޔޫ)ގެ އިމާރާތުގެ ކެމްޕަސް ތެރެއަށް، މޫނު ނިވާކޮށްގެން ތިބި ފިރިހެނުންތަކެއް ވަދެ، ދަރިވަރުންނަށް އަނިޔާ ކުރަމުންދާ ކަމުގެ ރިޕޯޓްތައް ލިބުމާއެކު، އިންޑިއާ ފުލުހުން އެ ޔުނިވާސިޓީ ތެރެއަށް ވަދެއްޖެއެވެ.

ވެރިރަށް ނިއު ދިއްލީގައި ހުންނަ ޖޭއެންޔޫ ކެމްޕަސް ތެރެއަށް ވަތް މީހުން، ދަރިވަރުންނަށް އަމާޒުކޮށްގެން ދިން ހަމަލާތަކުގައި 30 ދަރިވަރަކު ޒަހަމްވެފައިވާކަމަށް މައުލޫމާތު ލިބެއެވެ. މި ހަމަލާތައް 3 ގަޑިއިރެއް ހާއިރު ވަންދެން ދެމިގެން ދިޔަ ކަމަށް މައުލޫމާތު ލިބެއެވެ.

މޫނު ނިވާކޮށްގެން ތިބި ބަޔަކު އިންޑިއާގެ ޖަވާހަރްލާލް ނެހްރޫ ޔުނިވާސިޓީއަށް ވަދެ ދަރިވަރުންނަށް ހަމަލާ ދިން ހާދިސާގެ ތެރެއިން/ފޮޓޯ: ދި އިންޑިއަން އެކްސްޕްރެސް

އިންޑިއާގެ މީޑިއާއިން އާންމުންކޮށްފައިވާ ބައެއް މަންޒަރުތަކަށް ބަލާއިރު، މޫނު ނިވާކޮށްގެން ތިބި މީހުން ދަރިވަރުންނަށް ހަމަލާ ދެމުންދިޔައި ލަޓިބުރި ބޭނުންކޮށްގެންނެވެ. މި ހަމަލާތަކުގައި ޖޭއެންޔޫ ސްޓޫޑަންޓް ޔޫނިއަންގެ ރައީސްގެ މަގާމުގައި ހުރި ދަރިވަރުގެ ބޮލަށްވެސް ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަން މަންޒަރުތަކުން ހާމަވެއެވެ.

ޖޭއެންޔޫ އަކީ އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނަށް ދާދިފަހުން ގެނައި އިސްލާހާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ކުރި ޔުނިވާސިޓީއަކަށްވީ ނަމަވެސް، މި ފަހަރުގެ ހަމަލާތަކާ އެ ކަމާ ގުޅުމެއް އޮތްކަމެއް ނުވަތަ ނޫންކަމެއް އަދި ސާފުވާ ގޮތެއް ނުވެއެވެ. އަދި ދަރިވަރުންނަށް ހަމަލާ ދެމުންދިޔަ މަގުސަދެއްވެސް އަދި ހޯދިފައެއް ނުވެއެވެ.

މޫނު ނިވާކޮށްގެން ތިބި ބަޔަކު އިންޑިއާގެ ޖަވާހަރްލާލް ނެހްރޫ ޔުނިވާސިޓީއަށް ވަދެ ދަރިވަރުންނަށް ހަމަލާ ދިން ހާދިސާގެ ތެރެއިން/ފޮޓޯ: އޭއެންއައިއި

ކަންމިހެން އޮތްއިރު، މި ހަމަލާތަކަކީ އިންޑިއާގައި ނުފޫޒުގަދަ ވެރިކަމެއް ކުރަމުން އަންނަ ބާރްތިޔާ ޖަނާތާ ޕާޓީއާއި ގުޅުން އޮންނަ، ކަނާތު ފިޔައިގެ ދަރިވަރުންގެ އިއްތިހާދެއް އެކަމުގެ އަޑީގައި އޮވެގެން ދިން ހަމަލާތަކެއް ކަމަށް ޖޭއެންޔޫގެ ގިނަ ދަރިވަރުންތަކެއް ދަނީ ތުހުމަތު ކުރަމުންނެވެ. ނަމަވެސް ކަނާތު ފިޔައިގެ ދަރިވަރުންގެ އިއްތިހާދު (އޭބީވީޕީ)އިން ބުނީ އެ ދަރިވަރުންނަށް ހަމަލާ ދިނީ ވާތު ފިޔައިން ކަމަށާ، މި ހަމަލާތަކުގައި އެ ފިޔައިގެ ދަރިވަރުންނަށް އެކި ވަރުގެ ޒަހަމްތައް ލިބިފައިވާކަމަށެވެ.

ޖޭއެންޔޫގެ މުވައްޒަފަކު ބުނީ އާދީއްތަ ދުވަހުގެ ރޭގެ ހަމަނުޖެހުންތަކުގައި، މޫނު ނިވާކޮށްގެން ތިބި މީހުން އޮއްގަލާ ލަޓިބުރި ބޭނުންކޮށްގެން ދަރިވަރުންގެ އިތުރުން ޓީޗަރުންނަށްވެސް ހަމަލާ ދީފައިވާކަމަށެވެ. އެންޑީޓީވީއަށް ދިން އިންޓަވިއުއެއްގައި ޕްރޮފެސާ އަތޫލް ސުއޫދު ވަނީ، އޮއްގަލޭ ބުނާއިރު އެއީ ކުދިކުދި ގާ ނޫންކަމަށާ، އެއީ ބޮލުގެ ނާށިގަނޑަށްވެސް އަނިޔާ ލިބޭ ވަރުގެ ބޮޑެތި ގާބުރިތަކެއް ކަމަށް ވިދާޅުވެފައެވެ.

މޫނު ނިވާކޮށްގެން ތިބި ބަޔަކު އިންޑިއާގެ ޖަވާހަރްލާލް ނެހްރޫ ޔުނިވާސިޓީއަށް ވަދެ ދަރިވަރުންނަށް ހަމަލާ ދިނުމުން ފުލުހުންގެ އިދާރާ ކުރިމަތީގައި ދަރިވަރުން އިހުތިޖާޖު ކުރަނީ/ފޮޓޯ: އޭއެފްޕީ

ހަމަލާ ދޭން ފެށި ވަގުތަކީ ޕްރޮފެސާ ސުއޫދުގެ އިތުރުން 50 ޓީޗަރުންނާ 200 އެއްހާ ދަރިވަރުންގެ ބައްދަލުވުމެއް ކުރިއަށްދިޔަ ވަގުތެއް ކަމަށް މައުލޫމާތު ލިބެއެވެ.

މިފަދަ ހަމަނުޖެހުމެއް ޖޭއެންޔޫގެ ތާރީހުގައިވެސް ހިނގާފައި ނުވާކަމަށް ޕްރޮފެސާ ސުއޫދު ވިދާޅުވިއިރު، އިންޑިއާގެ ތައުލީމާ ބެހޭ ވަޒީރު ރަމޭޝް ޕޮކްރިޔާލް ނިޝާންކް ވިދާޅުވީ، މިއީ އިންތިހާއަށް ކަންބޮޑުވެވަޑައިގަންނަވާ ހާދިސާއެއް ކަމަށެވެ. އަދި ޔުނިވާސިޓީގެ އަބުރާ، ގަދަރާ ސުލްހަ ދެމެހެއްޓުމަށްވެސް ވަޒީރު ވަނީ ޖޭއެންޔޫގެ ދަރިވަރުންނަށް ގޮވާލައްވާފައެވެ.

ވެސްޓް ބެންގޯލްގެ ޗީފް މިނިސްޓަރު މަމާތާ ބެނާރުޖީ ވިދާޅުވީ، މި ހަމަލާތަކަކާ ތަކަކީ ސިއްސައިގެންދާ ވަރުގެ ހަމަލާތަކެއް ކަމަށާ، މިއީ ޑިމޮކްރަސީއަށް އޮތް ލަދެއް ފަދަ ހަމަލާތަކެއް ކަމަށެވެ.

މި ހަމަނުޖެހުންތަކާ ގުޅިގެން، ފުލުހުންގެ އެހީތެރިކަމަށް ޖޭއެންޔޫއިން އެދިފައިވާކަމަށް ޚަބަރު ލިބެއެވެ.