ކައިވެނީގެ ގުޅުމުން ދެ މީހަކު ގުޅިގެން ލޯބިން އަހަރުތަކެއް ހޭދަކުރުމަށްފަހު އެ ދެމަފިރިއަކު ދެން އެންމެ އަވަހަށް ދެކެން ބޭނުންވާނެ އެއް ދުވަހަކީ އެ އާއިލާގެ ފަޅުކަން ފިލުވާލަދޭނެ ލޯބި ތުއްތު ކުއްޖެއް ލިބުމުގެ ނަސީބެވެ. ޝުރެއިހް މުހައްމަދާއި ރިޝްމާ އަބްދުﷲގެ ކައިވެންޏަށް ދެއަހަރު ފުރުނު އިރު އެ ދެމަފިރިންނަށް ވަނީ ލޯބި ތުއްތު އަންހެންކުއްޖަކު ލިބިފައެވެ. އެއީ މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހެވެ.
އެ ދެމަފިރިންނަށް ލޯބި އަންހެން ކުއްޖަކު ލިބި އެ ކުއްޖާއަށް ސާރާ ޝުރެއިހް މުހައްމަދު ކިއީ ނުހަނު ލޯބިންނެވެ. ނަމަވެސް އެ ދަރިފުޅަށް އެއް މަހާއި މަދު ދުވަސްކޮޅެއް ވީ ތަނުން އެ ތުއްތު ކުއްޖާގެ އުނަގަނޑުން ތިރި ވަނީ ވާގި ދޫވެފައެވެ.
"ދަ ޕްރެސް" އަށް ދަރިފުޅުގެ ހާލަތު ހިއްސާކުރަމުން ސަރާގެ ބައްޕަ ޝުރެއިހް ބުނީ، މިހާރު ސާރާ، އެޑްމިޓު ކޮށްގެން އޭޑީކޭ ހޮސްޕިޓަލުގައި އުޅޭތާ ދެ ދުވަސްވެފައިވާ ކަމަށެވެ. ކުއްޖާ މިވަގުތު އޮތީ އޭޑީކޭގެ ނިއޮނެޓަލް އިންޓެންސިވް ކެއާ ޔުނިޓް (އެންއައިސީޔޫ) ގައި ކަމަށް އޭނާ ކިޔައިދިނެވެ.
ފުރަތަމަ ކަންތައް ވީ ގޮތް ހިއްސާ ކުރަމުން ޝުރެއިހް ބުނީ، އޭނާގެ އަންހެނުން ޑޮކްޓަރަށް ދައްކަން އޭނާ ދިޔައީ ކުއްޖާގެ މާމަ (އަންހެން ކުއްޖާގެ މަންމަ) އާ ކުއްޖާ ހަވާލުކޮށްފައި ކަމަށެވެ. ދެން ކުއްޖާ ފެންވަރުވާ ރީތިކޮށް ހެދިއިރު މާމައަށް ކުއްޖާގެ ފައިގެ އެއްވެސް ހަރަކާތެއް ނެތްކަން އެނގުމުން އެވާހަކަ އެ ދެމަފިރިންނަށް އެންގި ކަމަށާއި އެމީހުން ބެލިއިރު ވެސް ކުއްޖާގެ ފައިގައި ހަރަކާތެއް ނެތްކަން އެނގުމުން އަވަހަށް ހޮސްޕިޓަލަށް ދިޔައީ ކަމަށެވެ.
އޭޑީކޭއިން ފުރަތަމަ ދެއްކީ އެމަޖެންސީއަށް ކަމަށާއި، ކުއްޖާގެ ސްކޭނެއް ހެދުމަށްފަހު އެއްވެސް މައްސަލައެއް އެއިން ފެންނަން ނެތުމުން ދެން ސީޓީ ސްކޭނެއް ހެދި ކަމަށާއި އެއަށް ފަހު ޑޮކްޓަރުގެ ލަފާގެ މަތިން ސާރާގެ ސިކުނޑީގެ އަދި މައިބަނދައިގެ އެމްއާރްއައި ސްކޭނެއް ހެދި ކަމަށް ޝުރެއިހް ކިޔައިދިނެވެ.
ހެދި ޓެސްޓުތައް ބެލުމަށްފަހު ކުއްޖާގެ ސިކުނޑީގެ އެއްވެސް މައްސަލައެއް ހުރިކަމަކަށް ނުދައްކައެވެ. އެހެންކަމުން މައިބަނދައިގެ ޓެސްޓު ހެދިގެން މެނުވީ ކުއްޖާއަށް އެހާ ތުއްތު އިރު އެފަދަ ކަމެއް ދިމާވާން މެދުވެރިވާ ސަބަބު ދެނެގަނެވެން ނެތް ކަމަށް ޑޮކްޓަރުން ވިދާޅުވިއެވެ. ފުރަތަމަ ނިދާ އިންޖެކްޝަން ޖަހައިގެން ނެގުނީ ސިކުނޑީގެ އެމްއާރްއައި އެވެ. ކުއްޖާ ރޯވަރުން މައިބަނދައިގެ އެމްއާރްއައި ނެގޭ ގޮތެއް ނުވިއެވެ. މައިބަނދައިގެ އެމްއާރްއައި އަދި އެއްފަހަރު ހަދަން ޑޮކްޓަރުން އެދުނު ނަމަވެސް ޝުރެއިހް އެދުނީ ރާއްޖެއިން ބޭރަށް ގޮސްގެން އިތުރު ފަރުވާ ހޯދުމަށެވެ.
ރާއްޖެއިން ބޭރަށް ދާން އޭނާ ބޭނުންވި ސަބަބު ހާމަކުރަމުން ބުނީ، ޑޮކްޓަރުން ވިދާޅުވި، ސްޓްރޯކަކަށް ވިޔަސް ނުވިޔަސް "ނިއުބޯން ބޭބީ" އަކަށް މިހެން ވީމަ މިއީ އާދައިގެ ކަމެއް ނޫން ކަމަށެވެ. އަދި ބޭރަށް ގޮސްގެން އަވަހަށް ފަރުވާ ހޯދުމަށްވެސް ޑޮކްޓަރުން އިލްތިމާސްކޮށްފައިވާ ކަަމަށާއި ފަހަރެއްގައި ދިގު މުއްދަތަކަށް ބޭސްފަރުވާކުރަން ޖެހިދާނެ ކަމަށްވެސް ޑޮކްޓަރުން ވިދާޅުވި ކަމަށް ވެއެވެ.
މައިބަދައިން ފެނެއް ނަގައިގެން ހަދާ ޓެސްޓެއް ރާއްޖޭގައި ހެދެން ހުރި ނަމަވެސް އެހާ ތުއްތު ކުއްޖަކަށް އެ ޓެސްޓު ހެދޭނެ ވަސީލަތްތައް ރާއްޖޭގައި މިވަގުތު ނެތް ކަމަށް ޑޮކްޓަރު ވިދާޅުވި ކަމަށް ސާރާގެ ބައްޕަ ބުނެއެވެ. އެ ދަރިފުޅަށް އެހެން ދިމާވި ސަބަބު ދެނެގަނެވޭނީ އެ ޓެސްޓު ހެދިގެން ކަމަށާއި އިންޑިއާއަށް އިން އެ ޓެސްޓު ހެދޭނެ ކަމަށާއި އަދި މި ކޮންޑިޝަންގައި ގޮއްސިއްޔާ އެ ޓެސްޓު އެކޮޅުން ހަދާނެ ކަމަށް ޑޮކްޓަރުން ވިދާޅުވި ކަމަށް އޭނާ ބުނެއެވެ.
ރާއްޖެއިން ބޭރަށް ގޮސްގެން އަވަހަށް ތުއްތު ސާރާއަށް ފަރުވާ ހޯދުމަށް ޑޮކްޓަރުން ލަފާދެއެވެ. އާސަންދަ ހަމަޖެހި އެ އާއިލާ މާދަމާ ފަތިހު ފުރުމަށް ވަނީވެސް ހުރިހާ ކަމެއް ހަމަޖައްސާފައެވެ. އެ ދެމަފިރިންގެ ލޮލުގެ ނޫރު ހެން ދެކެމުންދާ ދަރިފުޅަށް އަވަސް ޝިފާއެއް ހޯދުމަށް މިވަގުތު ވަނީ ތިޔަ އެންމެހާ ފަރާތްތަކުގެ ދީލަތި އެހީއަށް ބޭނުންވެފައެވެ.
ސާރާއަށް އެހީވުމަށް ބޭނުންވާ ފަރާތްތައް ސާރާގެ ބައްޕަ ޝުރެއިހް މުހައްމަދުގެ ނަންބަރު 9699276 އަށް ގުޅައިގެން ނުވަތަ ވައިބާއިން ކުރިއަށް ގެންދެވޭނެއެވެ.
މާތްﷲ ސާރާ ޝުރެއިހް މުހައްމަދަށް އަވަސް ޝިފާއެއް މިންވަރު ކުރައްވައި އެ އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އަދި އަހަރެމެން ދިވެހިންނަކީ އެކަކު އަނެކަކަށް އެހީތެރިވާ ބައެއް ކަމުގައި ލައްވާށިއެވެ.
އާމީން
އެކައުންޓް ނަންބަރު ޖަހާލިނަަމަ!!!! ސިއްރުންވެސް އެހީތެރިކަމެއް ދޭންބޭނުން މީހެއް ހުރިދާނެތާ
އެކައުންޓު ނަންބަރު ޖަހާލުން ރަގަޅު