ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު މިހާރު ބަންދުގައި ހުންނެވީ ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވާ 7 ދައުވާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރަކަށް ކަމަށް އޭނާގެ ވަކީލު މަހްފޫޒް ސައީދު ވިދާޅުވެއްޖެއެވެ.

އަދީބުގެ މައްޗަށް ދައުލަތުން ކުރަނީ މަނީ ލޯންޑްރިންގެ ދެ ދައުވާއާ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ ދެ ދައުވާއާއި ހިޔާނާޔްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ އެކެވެ. 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން މަހްފޫޒް ވިދާޅުވީ، މި 7 ދައުވާގެ މިހާރު ކުރިއަށް ދަނީ އިބްތިދާއީ އަޑުއެހުންތައް ކަމަށެވެ.

މި 7 ދައުވާގެ މައްސަލާގައި އަދީބު ބަންދުގައި އިންނެވިއިރު، އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަށް ސުޕްރީމް ކޯޓުން އަމުރެއް ނެރެފައި ވަނިކޮށް، ފިއްލަވައިގެން އިންޑިއާ އަށް ވަޑައިގެންނެވި މައްސަލާގައި އޭނާގެ މައްޗަށް ކުރި 3 މަހާއި 18 ދުވަހުގެ ޖަލު ހުކުމް ވަނީ ރޭ 12:00 އަށް ތަންފީޒުކޮށް ނިންމާފައެވެ. އަދި މި ހުކުމް ތަންފީޒުކޮށް ނިންމުމަށްފަހު އަދީބު ބަންދުގައި ހުންނެވީ ސުޕްރީމް ކޯޓުން ޅ. މާބިންހުރާ މައްސަލާގެ ޝަރީއަތް ނިމެންދެން ކޮށްފައިވާ ހުކުމަކަށް ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވެއެވެ. ނަމަވެސް، ސުޕްރީމް ކޯޓުގައި އޮތް އެ މައްސަލަ ޕީޖީ އޮފީހުން ވަނީ އަނބުރާ ގެންގޮސްފައެވެ.

މީގެކުރިން ކްރިމިނަލް ކޯޓުން ވަނީ އަދީބުގެ މައްޗަށް ދެ މައްސަލައެއްގައި ހުކުމް ކޮށްފައެވެ. އެއީ ފިސްތޯލައެއް ގެންގުޅުނު މައްސަލައިގައި އިއްވި 10 އަހަރުގެ ހުކުމަކާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ދަތުރުކުރެއްވި ފިނިފެންމާ ލޯންޗްގައި އެއްޗެއް ގޮއްވާލި މައްސަލައިގައި އިއްވި 15 އަހަރުގެ ޖަލު ހުކުމެވެ. ނަމަވެސް އެ ދެ ހުކުމް އިސްތިއުނާފުގެ މަރުހަލާގައި ސުޕްރީމް ކޯޓުން ވަނީ ބާތިލްކޮށްފައެވެ.

އެމްއެމްޕީއާރުސީގެ 3.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ ތަހުގީގަށް އަދީބާއެކު ހެދި ތަހުގީގަށް އެއްބާރުލުން ދިނުމުގެ އެއްބަސްވުގެ ދަށުން 7 ދައުވާއަށް އޭނާއަށް އަންނާނީ 20 އަހަރުގެ ހުކުމެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި އެއްބަސްވުމުގެ ސަބަބުން ޅ. މާބިންހުރާ ކުއްޔަށް ދޫކުރުމުގައި ހިޔާނާތްތެރިވެފައިވާ ކަމަށް ބުނެ އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އިސްތިއުނާފު މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ވަނީ ބުނެފައެވެ.