ޑިކޯ ވެގެން 26 އަހަރުގެ ޒުވާނެއް ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފިއެވެ.

އެމްއެން ޑީއެފުން ބުނީ، ގދ. ކޮނޮއްޓާ މޯލްޑިވްސް ރިސޯޓު ކައިރީގައި މަސްވެރިކަން ކުރަން އުޅުނު "ހުދު ހުދު" ނަމަކަށް ކިޔާ ދޯނިން ފީނަން ފޭބި މީހަކު ޑިކޯ ވެގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓް ގާޑް ސްކުއެޑްރޮންގެ އެހީތެރިކަމާއެކު ސީ އެމްބިއުލަންސްގައި މިރޭ 6:10 ގައި ވަނީ ގދ. ތިނަދޫއަށް ގެންގޮސްފައި ކަމަށެވެ. ޑިކޯ ވެފައިވަނީ 26 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް އެފަރާތުން ބުނެއެވެ.

އެމްއެންޑީއެފުން މައުލުމާތު ދޭ ގޮތުގައި ފުޅިއަޅާއިގެން ފީނަން ފެށިފަހުން ކުއްލިއަކަށް އަތުގައި ރިއްސަން ފަށައިގެން އަވަސް ފަރުވާ ދިނުމަށް އޭނާ ތިނަދޫއަށް ގެންދެވިފައިވާ ކަމަށެވެ.

މި ފަހަކަށް އައިސް މަސްވެރިކަން ކުރާ ފަރާތްތަކުގެ ތެރެއިން ފީނަން ދާ ޒުވާނުން ޑިކޯވުމުގެ މައްސަލަ އަންނަނީ ފެންމަތިވަމުންނެވެ. އެގޮތުން މިދިޔަ ޖުލައި މަހުގެ ތެރޭގައި ގދ. ގައްދޫއަށް އުފަން ޒުވާނަކު ވވަނީ 57.7 މީޓަރު ފުނަށް 51 މިނެޓް ވާންދެން ޑައިވްކޮށްގެން ޑިކޯ ވެފައެވެ. އެ ޒުވާނާއަކީވެސް އުމުރުން 26 އަހަރުގެ ޒުވާނެކެވެ. އެ ޒުވާނާ ޑައިވްކުރިތާ ބައިގަޑިއިރު ފަހުން ވާތު ކޮނޑުގައި ކުއްލިއަކަށް ރިއްސަން ފަށައި ގައިގެ ހަކަތަ ދަށްވެ، އުނަގަނޑުން ތިރި ވާގިދޫވާގޮތްވެ ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ.