މީލާދީ އާ އަހަރުގެ ފެށުމާއެކުހެން އިންޑޮނޭޝިއާއަށް ކުރަމުންދާ މޫސުމީ ގަދަ ވިއްސާރާގައި މަރުވި މީހުންގެ އަދަދު 47 އަށް އަރައިފިއެވެ.

ވެރިރަށް ޖަކާޓާއަށް ކުރަމުންދާ ގަދަ ވިއްސާރައިގެ ސަބަބުން އެތައް ހާށް ބަޔަކު ހާލުގައި ޖެހިފައިވާއިރު، އެމީހުންނަށް ހިޔާވަހިކަން ފޯރުކޮށްދެމުންދަނީ ވަގުތީ ހިޔާތަކުގައި ކަމަށް ޚަބަރު ލިބެއެވެ. އެމީހުން އަދިވެސް މަޑުކޮށްގެން ތިބީ ބޮޑުވެފައިވާ ފެންގަނޑުތައް ހިނދެން ދެކަށް ކަމަށް މައުލޫމާތު ލިބެއެވެ.

ޖަކާޓާއާއި ޖަކާޓާ ވަށައިގެންވާ ހިސާބުތަކުގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ހިނގަން މެދުވެރިވީ މޫސުމީ ގަދަ ވިއްސާރައިގެ ސަބަބުން ކޯރުތަކުގެ ފެންގަނޑު ބޮޑުވެ، ބަންޑުން ވުމުގެ ސަބަބުން ކަމަށް ޚަބަރު ލިބެއެވެ.

އިންޑޮނޭޝިއާގެ ވެރިރަށަށް ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ ކާރިސާއަކީ، 2007 ވަނަ އަހަރަށްފަހު ކުރިމަތިވި އެންމެ ބޮޑު ހާދިސާކަމަށް މައުލޫމާތު ލިބެއެވެ.