"ރަށު މީދާ ރަށަށް ގަދަވާނެ" މިއީ ދިވެހިން ބޭނުންކުރާ މުސްކުޅި ބަހެކެވެ. މި ބަސް ބޭނުންކޮށް އުޅެނީ ބީރައްޓެއްސަކަށް ވުރެ ރަށުގެ އަހުލުވެރިއަކު ރަށަށް ފަރިތަވެފައި ބަސްވިކިފައި ބާރުގަދަވާނެކަން އެންގުމުގެ ގޮތުންނެވެ. ބަހުގެ މާނައަށް ބަލާލިއަސް މިއީ ބަރުދަން ހުރި މާނަ ފުން ބަހެކެވެ. އަމިއްލަ ވަޒަނަށް ގައުމުގެ ދަރިންގެ ބާރު ގަދަވުމާ ގުޅޭ ގޮތުން އަޑަށް ބާރުލަމުން މި ބަސް ބޭނުންކުރެވޭ ހިސާބަށްވުރެ މިހާރު މިވަނީ ކަންތައް މާ މައްޗަށް ގޮސްފައެވެ. އެއީ ދިވެހިންނަށް ވުރެ ގައުމުގެ އެތައް މަސައްކަތެއްގައި ބިދޭސީން އަތްގަދަވާން ފެށުމުންނެވެ.
ރާއްޖޭގައި މިހާރު ވިޔަފާރި ކުރާ ދިވެހިންނަށް ވުރެ ވިޔަފާރި ކުރާ ބިދޭސީން އަންނަނީ ގިނަވަމުންނެވެ. އަންދާޒާކޮށް 250،000 އަށް ވުރެ ގިނަ ބިދޭސީން ރާއްޖޭގައި މިހާރު އުޅެއެވެ. އޭގެތެރެއިން އެމީހުންގެ ހުނަރުތަކާއި އެމީހުންގެ ޖާދޫގައި ގިނަ ދިވެހިންތަކެއް ވަނީ ޖެހިފައެވެ.
ބަލާލި ކޮންމެ ދިމާއަކުން ފެންނަނީ ބިދޭސީން:
މީގެ 20 ވަރަކަށް އަހަރު ކުރިއަށް ބަލައިލާ އިރު، ހުކުރު ދުވަސްތަކުގައި މާލޭގެ ހިތްފަސޭހަ މައިޒާންތަކުން ބިދޭސީން ޖާގަ ހޯދަން ފެށުމުން މީހުން ކަންބޮޑުވުން ފާޅެއް ނުކުރެއެވެ. އެމީހުންގެ އަދަދު ދުވަހެއް ދުވަހެއް ގިނަވަމުން އައި ކަން އޭރު ފާހަގަ ނުވީ ހެއްޔެވެ. އެކަމަށް ފިޔަވަޅެއް ނޭޅި ބިދޭސީން ރާއްޖެއަށް ގެނައުން ނުހުއްޓި ދިޔައީ އެމީހުން އެތެރެވާ މިންވަރު އިތުރުވަމުންނެވެ. އަދި އެމީހުން ގިނަ މަސައްކަތްތަކެއްގައި ޝާމިލްވެ ހުރިހާ ދިމާއަކުން މިހާރު ބިދޭސީން ނޫން ބަޔަކު ނުފެނެއެވެ.
ކުރިން ދިވެހިން ގަބޫލުކުރާ ގޮތުގައި ބިދޭސީންގެ ތެރެއިން ބަންގާޅުން މަސައްކަތްތެރިންގެ ގޮތުގައި ރާއްޖެއަށް އެތެރެ ކުރަނީ "ލޭބަރު" މަސައްކަތް ކުރުމަށެވެ. ނުވަތަ އެމީހުން މަސައްކަތް ކުރަނީ ހަމައެކަނި މަގުތަކުގައި ގާ އެތުރުމަށާއި ކޮންސްޓަރަކްޝަން ސައިޓުތަކުގައި ކުރާ ބުރަ މަސައްކަތްތަކުގައި ކަމަށް ގަބޫލު ކުރެއެވެ. ނަމަވެސް މީ ކުށް ހީއެކެވެ.
މަސައްކަތުގެ މާހައުލުން ބިދޭސީންނަށް އައީ އެތައް ދާއިރާތަކަކުން ޖާގަ ދެމުންނެވެ. ކެއްކިއަސް، ފެހިއަސް، ބޯ ކޮށިއަސް، ވިޔަފާރި ކުރިއަސް ބިދޭސީން ނުފެންނަ ދާއިރާއެއް ނެތޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ރާއްޖޭގައި އިގްތިސޯދީ ގޮތުން ފުޅާ ދާއިރާއެއްގައި ކުރާ މަސައްކަތްތަކުގެ ތެރެއިން މަސްވެރިކަމާއި، ފަތުރުވެރިކަމާއި ދަނޑުވެރިކަމުގައި ވެސް ގިނަ އަދަދެއްގެ ބިދޭސީން މިހާރު މަސައްކަތް ކުރެއެވެ. ގެސްޓް ހައުސް ވިޔަފާރިއާއި، ވަޑާން ކުރުމާއި، ކެއްކުމާއި، ފެހުމާއި، ލޮރީ ދުއްވުމާއި، ލޯންޗު އަދި ބޯޓު ފަހަރުގައި ފަޅުވެރިކަން ކުރުމުގައި ވެސް ބިދޭސީން ފެންނަލެއް ދަނީ އިތުރުވަމުންނެވެ. މީ ކަންބޮޑުވާން ޖެހޭ ކަމެކެވެ.
ލާން ގެންގުޅޭ އަންނައުނެއްގައި ފައްޗެއް ޖަހާލަން ވިޔަސް ކައިރީގައި ހުންނަ ފަހާ ތަނަކަށް ދެވެނީ ދިވެހިންގެ ތެރޭގައި މިފަދަ މަސައްކަތް ދަންނަ މީހުން ނެތުމަކުން ނޫނެވެ. ގޭގައި ލައިގެން ކާއެއްޗެއް ހެދުމުގެ ބަދަލުގައި ކައިރި ހޮޓަލަކުން ނުވަތަ ޓޭކްއަވޭ ތަނަކުން އޯޑަރު ކޮށްލާ އިރު މިފަދަ ގިނަ ތަންތަނަކީ ވެސް ބިދޭސީން ހިންގާ ތަންތަން ކަން ބަލައިލާ ދިވެހިންނެއް ނޫޅެއެވެ. ކާބޯތަކެތީގެ ސާފު ތާހިރުކަމާ މެދު ވިސްނާލުމެއް ނެތި އަގުހެޔޮކޮށް ލިބޭ ކާއެއްޗެއް ގަތުމަށް ވިސާނާލަނީ އަތަށާއި ޖީބަށް ލުއިކޮށްލުމުގެ ނިޔަތުގައެވެ. ބަޖެޓަށް ފައްތާލައިގެން ހަރަދުތައް ހަމަޖައްސާލުމުގެ ބޭނުމުގައެވެ. އެހެންކަމުން ބިދޭސީންނަށް މި ފުރުސަތުގެ ބޭނުން ހިފުމަށް މަގުފަހި ކޮށްދިނީ ދިވެހިން ނޫން ހެއްޔެވެ.
ބައެއް ވިޔަފާރިތަަކަށް ބިދޭސީން އަތްގަދަ ކުރުން!
ބިދޭސީން ގްރޫޕް ހަދައިގެން މަސައްކަތް ކުރާ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. ކޮންމެ ދާއިރާއަކަށް ބަލާލިއަސް ބިދޭސީންގެ ހުނަރު މިކަމުން ވަނީ ފެނިގެން ގޮސްފައެވެ. އެގޮތުން ދާދި ފަހުން ވަނީ ބިދޭސީން ކައްކާ ކާބޯތަކެތި ހަދާ ތަނެއް ފެނިފައެވެ. މިތަންތަން ފެނިފައި ވަނީ އިމިގްރޭޝަނުން ހިންގި ރޫޓިން އިންސްޕެކްޝަންތަކެއްގައެވެ.
މި ތަންތަނުގައި ސްކޫލަށް ދާ ކުދިންގެ އިންޓަވަލަށް ގެންދިއުމަށް ބެލިވެރިން ގަންނަ، ހޮޓްޑޯގް، ސަބްމެރިން، ސޭންޑްވިޗް އަދި ބާގާ ފަދަ ތަކެތި އެމީހުން އައީ ތައްޔާރުކޮށް ލޭބަލްކޮށް ޕެކް ކުރަމުންނެވެ. އެ ތަންތަނުގައި ސާފުތާހިރުކަމަށް އެއްވެސް ސަމާލުކަމެއް ނުދޭ ތަނުގައި އެ ތަކެތި ތައްޔާރު ކުރި ތަނުގައި ތިބި މީހުންނަށް ބަލާލިއަސް އެއީ ކާން ހެޔޮވާވަރުގެ އެއްޗެއް ނޫން ކަން އެނގެއެވެ. މިތަންތަނުގައި އުފައްދަމުން ދިޔައީ ހަމައެކަނި މި ތަކެއްޗެއް ނޫނެވެ. އޭގެތެރޭގައި ހަވީރަށް ބައެއް ގެތަކުގެ ސުފުރާ މައްޗަށް ނުވަތަ އޮފީސްތަކުގައި ތިބޭ ކުދިން ސައި ބޯލަން ގަނެ ހަދާ މަސްރޮއްޓާއި، ކަވާބާއި، ގުޅަ އަދި ބަޖިޔާ ފަދަ ހެދިކާތައް ވެސް ހިމެނެއެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތާކާއި އެފަދަ ބިދޭސީން ކުރާ މަސައްކަތްތަކުގެ ވާހަތަކަކީ މިދިޔަ އަހަރުގެ އެކި ހިސާބުތަކުގައި ފެންމަތިވެފައިވާ ހަބަރުތަކެވެ. އެގޮތުން ޕަބަލިކް ޓޮއިލެޓް ބަރިއެއް ހުރިތަނެއްގައި ބިދޭސީން ފެންވަރުގެ ސެލޫނެއް ހިންގަމުން ދިޔަ މައްސަލައަކާއި، ގެއެއްގެ ވައިގޮޅި ތެރޭގައި ފޯއް ކޮށާތަނެއް ހިންގަމުން ދިޔަ މައްސަަލައެއް ވެސް ވަނީ ފެނިފައެވެ.
ގާނޫނާ ގަވާއިދާ ހިލާފަށް ކުރާ ވިޔަފާރިއާއި އެފަދަ އެހެނިހެން މަސައްކަތްތައް ބިދޭސީން ކުރަމުންދާ ތަން ފެނިފައިވާ އިރު މިދިޔަ އަހަރު އެންމެ ހޫނުގަދަކޮށް ދެކެވިފައިވާ އެއް ވާހަކައަކީ ދެ ބަންގާޅުން ތިބެގެން ހިނގަމުން ދިޔަ ރިސޯޓެއްގެ ވާހަކައެވެ. ބަންގްލަދޭޝް ދެމީހަކު ބައިތިއްބައިގެން ގެސްޓުން އަރުވައިގެން އދ. ފުށިދިއްގާގައި ފުޅާ ދާއިރާއެއްގައި ކުރަމުންދިޔަ ވިޔަފާރީގެ ހަގީގަތް ފެންމަތިވުމުން މައްސަލަ ބަލައި އެ މަސައްކަތް ވަނީ ހުއްޓުވާފައެވެ.
އެ ރަށުގައި ފަތުރުވެރިކަމުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން މިދިޔަ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު ޓުއަރިޒަމް މިނިސްޓްރީގެ ތަހުގީގު ޓީމަކާއި ފުލުހުން ވަނީ އެރަށަށް ގޮސް، ބަލާ ފާސްކޮށްފައެވެ. އެ ރަށުގައި އޭރު ތިބި ދެ ބިދޭސީންނަކީ ވޯކް ޕާމިޓް ނެތް ބައެއް ކަމަށާއި އެތަނުން އެކަކަކީ ފިލައިގެން އުޅޭ ބިދޭސީއެއް ކަން ވެސް ވަނީ އެނގިފައެވެ.
ބިދޭސީން މިފަދައިން ހިންގާ ވިޔަފާރިތަކަކީ ވިޔަފާރި ކުރުމުގެ އެއްވެސް ހުއްދައެއް ނެތި ހިންގާ ތަންތަނެވެ. ނަމަވެސް ގަވާއިދާ ހިލާފަށް ކުރާ މި މަސައްކަތްތައް ބަލައިގަންނަ ބަޔަކު ތިބެއެވެ. އެމީހުންގެ އުފެއްދުންތައް ގަނެ ވިއްކާ ކުދި ވިޔަފާރިވެރިންނަކީ އެމީހުންނަށް ލިބޭ ކުރިއެރުމެކެވެ. ސަބަބަކަށް ވެގެން ދަނީ މިފަދަ ބިދޭސީންގެ ނެޓްވޯކް ވަރުގަދަ ކަމެވެ. އެމީހުން ތިބެނީ ފިހާރަތައް ހިންގަން ތިބޭ ބިދޭސީ ސޭޓުންނާއި ޑީލް ހަދައިގެންނެވެ.
ކުށްކުރާ ބިދޭސީން ވެސް ދަނީ އިތުރުވަމުން!
ކުށުގެ ރެކޯޑަށް ބަލައިލި ކަމުގައި ވިޔަސް ބިދޭސީންގެ އެތައް މައްސަލަތަކެއް އަންނަނީ ރިޕޯޓު ކުރެވެމުންނެވެ. ދިވެހިންގެ އާބާދީގެ ދެބައިކުޅަ އެއްބައަށް ވާ އަދަދަކަށް ބިދޭސީން އުޅޭ އިރު އެމީހުންގެ ތެރޭގައި ވެސް ކުށްކުރާ އެތައް ބަޔަކު ތިބުމަކީ ވެސް ކަންބޮޑުވާންޖެހޭ ބޮޑު މައްސަަލައެކެވެ.
ފުލުހުންގެ ތަފާސް ހިސާބުތަކުން 2019 ވަނަ އަހަރު ބިދޭސީންގެ ކުށުގެ ރެކޯޑަށް ބަލާއިރު، ޖުމްލަ 648 މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައި ވެއެވެ. މި މައްސަލަތަކުގެ ތެރޭގައި ޖުމްލަ 853 ބިދޭސީން ބައިވެރިވެފައި ވެއެވެ.
ބިދޭސީންގެ ތެރޭގައި މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ފަރާތްތަކާއި އެފަދަ ތަކެތި ރާއްޖެއަށް އެތެރެކުރުމުގެ މައްސަލަތައް ފާހަގަކޮށްލެވެއެވެ. އެގޮތުން މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ބަންގްލަދޭޝުން ރާއްޖެއަށް އައި ބިދޭސީއެއްގެ ލަގެޖުން 2339 ޕާޓީ ޕިލް ވަނީ ފެނިފައެވެ. އަދި ރާއްޛޭގައި ހިންގާ ފުލުހުންގެ ހާއްސަ އޮޕަރޭޗަންތަކުގައި ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކާއެކުވެސް ބިދޭސީން ފެނިފައިވާ މައްސަލަތައް އަންނަނީ އިތުރުވަމުންނެވެ.
ހަމައެއާއެކު މި އަހަރުތެރޭގައި ބިދޭސީއެއް ދިރިއުޅޭ ގެތަކުން ބަނގުރާ ކައްކާ ސާމާނާ އެކު ވެސް ބިދޭސީންތަކެއް ވަނީ ފެނިފައެވެ. އެގޮތުން މާލެއިންނާއި ކާށިދޫން މިފަދަ ތަންތަން ފެނިފައިވެއެވެ.
މިދިޔަ އަހަރު ތެރޭގައި ގަވާއިދާ ހިލާފަށް ބިދޭސީން ރެކްރޫޓު ކޮށް، ގަވާއިދާ ހިލާފަށް ފުޅާދާއިރާއެއްގައި ވިޔަފާރި ކުރަމުންދިޔަ ބިދޭސީއަކު ވަނީ ޑީޕޯޓުކޮށްފައެވެ. މި މައްސަލައިގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް ޑީޕޯޓްކޮށްފައި ވަނީ އެމްޑީ ޝަފީގުލް އިސްލާމް (އާންމު ނަމުން ނަމަ "މާސްޓާ") ނަމަކަށް ކިޔާ ބަންގުލަދޭޝްގެ 49 އަހަރުގެ ފިރިހެނެކެވެ.
މީގެ އިތުރުން އަބޫ ހަނީފް ކިޔާ ބަންގްލަދޭޝް މީހަކުވެސް އިމިގްރޭޝަނުން ވަނީ ޑީޕޯޓުކޮށްފައެވެ. އަބޫ ހަނީފްއާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ވަނީ އެތައް ވާހަކަތަކެއް ދެކެވިފައެވެ. އެގޮތުން އޭނާ ކުރާ މަސައްކަތަށް ބަލާފައި އުލެމުންދިޔަ މުއްސަނދި ދިރިއުޅުމަށް މީހުން ވަނީ ސުވާލު އުފައްދާފައެވެ. މި މައްސަލާގައި އެމީހުންގެ މައްސަލަތައް ތަހުގީގު ކުރުމެއް ނެތި އިމްގްރޭޝަނުން އެމީހުން ޑީޕޯޓް ކޮށްފައިވާތީ އެތައް ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ބިދޭސީންގެ ކުށުގެ ރެކޯޑުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ މަސްތުވާތަކެއްޗާއި ގުޅުން ހުރި މައްސަލަތަކެވެ. އެއަށްފަހު ވައްކަމުގެ މައްސަލައާއި، ޖިންސީގޯނާގެ މައްސަލަތަކާއި، މާރާމާރީގެ މައްސަލަަތަކުގައި ބިދޭސީންގެ ރެކޯޑް އޮތް އަދަދު ގިނަ ކަމަކީ ކަންބޮޑުވާން ޖެހޭ ކަމެކެވެ.
2019 ވަނަ އަހަރުގެ ބިދޭސީންގެ ކުށުގެ ރެކޯޑު:
- ޑްރަގްސްގެ މައްސަލަަތައް: 199 މައްސަލައެއް ހުށަހެޅި، 275 ބިދޭސީން ޝާމިލްވޭ
- ވައްކަމުގެ މައްސަލަަތައް: 119 މައްސަލައެއް ހުށަހެޅި، 141 ބިދޭސީން ޝާމިލްވޭ
- ޖިންސީ ކުށުގެ މައްސަލަަތައް: 83 މައްސަލައެއް ހުށަހެޅި، 138 ބިދޭސީން ޝާމިލްވޭ
- މާރާމާރީގެ މައްސަލަަތައް: 62 މައްސަލައެއް ހުށަހެޅި، 95 ބިދޭސީން ޝާމިލްވޭ
- މަކަރާއި ހީލަތުގެ މައްސަލަަތައް: 19 މައްސަލައެއް ހުށަހެޅި، 22 ބިދޭސީން ޝާމިލްވޭ
- މުދަލަށް ގެއްލުން ދިނުމުގެ މައްސަލަަތައް: 7 މައްސަލައެއް ހުށަހެޅި، 16 ބިދޭސީން ޝާމިލްވޭ
- ގެވެށި އަނިޔާގެ މައްސަލަަތައް: 4 މައްސަލައެއް ހުށަހެޅި، 4 ބިދޭސީން ޝާމިލްވޭ
- ފުރައްސާރައިގެ މައްސަލަަތައް: 8 މައްސަލައެއް ހުށަހެޅި، 10 ބިދޭސީން ޝާމިލްވޭ
- ގެއްލިފައިވާ ތަކެތީގެ މައްސަލަަތައް: 7 މައްސަލައެއް ހުށަހެޅި، 7 ބިދޭސީން ޝާމިލްވޭ
- ޓްރެފިކް އެކްސިޑެންޓް މައްސަލަަތައް: 5 މައްސަލައެއް ހުށަހެޅި، 5 ބިދޭސީން ޝާމިލްވޭ
- ފޭރުމުގެ މައްސަލަަތައް: 7 މައްސަލައެއް ހުށަހެޅި، 8 ބިދޭސީން ޝާމިލްވޭ
- ސައްހަ ލިޔެކިޔުމަށް ބަދަލު ގެނައުމާއި ނަކަލު ކުރުމުގެ މައްސަލަަތައް: 5 މައްސަލައެއް ހުށަހެޅި، 7 ބިދޭސީން ޝާމިލްވޭ
- އެހެނިހެން މައްސަލަަތައް: 123 މައްސަލައެއް ހުށަހެޅި، 149 ބިދޭސީން ޝާމިލްވޭ
ކަމާބެހޭ މުއައްސަސާތަކުގެ އިހުމާލެއްވޭތޯ؟
ބިދޭސީންގެ މިފަދަ މައްސަލަަތައް އިތުރުވެގެން އައިސްފައިވާ އިރު ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ތިބި މިންވަރު ފެނި ދިވެހިން ވަނީ ފިއްކަނޑައިގެން ގޮސްފައެވެ. ބިދޭސީން ގަނޫނާ ގަވާއިދުގެ ތެރެއަށް ވެއްދުމަށް އިކޮނޮމިކް މިނިސްޓްރީން އެކުލަވައިލައިގެން ކުރިއަށް ގެންދިޔަ ރެގިއުލޭޝަން ޕްރޮގްރާމްގެ ތެރެއިން ގަލޮޅު ފުޓްބޯޅަ ދަނޑު ފުރި ބަނޑުންވި ދުވަސް އެއީ ރެކޯޑު އަދަދަކަށް އެއްތަނަކުން ބިދޭސީން ފެނުނު ދުވަހެކެވެ. މި މަންޒަރުން ދޭހަވެގެން ދަނީ ރާއްޖެއަށް ބިދޭސީން އެތެރެ ކުރި މުއައްސަސާތަކުގެ ތެރޭގައި ކޮރަޕްޝަން އޮތް ކަމާމެދު ޝައްކެއް ނެތެވެ.
ލޭބަރުންގެ ކަންކަން އެނގޭ އޮފިޝަލަކު ނަން ނުޖެހުމަށް ޝަރުތުކޮށް ބުނީ، ފާއިތުވީ ސަރުކާރުތަކުގައި ބިދޭސީން އަތުން ބޮޑު ޑިޕޮސިޓް ނަގައި އެތައް ހާސް ބިދޭސީންނެއް ރާއްޖެ އެތެރެކޮށްދީފައިވާ ކަމަށެވެ. އޭގެތެރޭގައި އިމިގްރޭޝަންގެ ވެރިންގެ ފެންވަރުގެ ބޭފުޅުން ވެސް ޝާމިލުވެފައިވާ ކަމަށް އެފަރާތުން ބުނެއެވެ. ވަގުތީ މަންފާއަކަށް ކުރި ކަންތައްތަކުގެ ހިތި ރަހަ މިއަދު މިވަނީ ހުރިހާ ދިވެހިންގެ ކަރުބުޑުގައި ލާފައި ކަަމަށެވެ. ބިދޭސީން ރަޖިސްޓްރީ ކުރާ ޕްރޮގްރާމާ އެކު ބައެއް ބިދޭސީންނަށް ދިވެހި ރައްޔިތުކަން ދިނުމަށް ވާހަކަތައް ދައްކާފައިވާ ކަމަށާއި މަޖިލިސް މެންބަރުންގެ ތެރޭގައި ވެސް އެވާހަތައް ދެއްކިއެވެ.
ކުންފުނިތަކަށް ގެންނަ ބިދޭސީން ފިލައިގެންދާ މައްސަލައަކީ އަބަދުވެސް ދެކެވޭ ވާހަކައެކެވެ. ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނާއި ބިދޭސީން ގާނޫނާ ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ މައްސަލައާ ގުޅިގެން އިކޮނޮމިކް މިނިސްޓަރު އިސްމާއިލް ފައްޔާޒު ވިދާޅުވެފައި ވަނީ، ބިދޭސީން ރާއްޖޭގައި ވިޔަފާރި ކުރުމަކީ ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. މިހާރު ވެސް ބިދޭސީން ކުދި ވިޔަފާރިތައް ހިންގަމުން ދަނީ ދިވެއްސެއްގެ ނަމުގައި ގާނޫނާ ހިލާފަށް ކަމަށާއި އެކަންކަން މޮނިޓާ ކޮށް، އެކަން ހައްލު ކުރެވޭނެ ގޮތްތައް ހޯދަމުން އަންނަ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.
އާމްދަނީ ހޯދުމަށް ދިވެހިންނަށް ލިބޭ ފުރުސަތުތައް ހަނިވުން!
މަސައްކަތުގެ މާހައުލުގައި ބިދޭސީން އެތައް ކަމެއްގައި މަސްއޫލުވުމަކީ ދިވެހިންނަށް އާމްދަނީ ހޯދުމަށް ލިބޭ ފުރުސަތުތައް ހަނިވާން މެދުވެރިވާ ސަބަބެކެވެ. ގޭގައި ތިބޭ އަންހެނުން ފައިސާ ހޯދުމަށް ކުރާ މަސައްކަތްތަކަށް ވެސް ބިދޭސީން މިހާރު ވަނީ އަތްގަދަ ކޮށްފައެވެ.
އާންމު ދިވެއްސެއް އެއްޗެއް ހަދައިގެން ވިއްކާ އަގަށް ވުރެ މި ބިދޭސީން ވިއްކާ އަގު ދަށްކޮށްލައެވެ. މިހާވަރުން ދާނަމަ ރާއްޖޭގައި ވިޔަފާރިވެރިންގެ 100 ޕަސެންޓް ކޮންޓްރޯލް ބިދޭސީން ނެގުމަކީ ދުރުގައި އޮތް ކަމެއް ނޫން ކަން ކަށަވަރެވެ. ގާޑިޔާތަކާއި، ކެފޭ ރެސްޓޯރަންޓުތަކުގައާއި، ފިހާރަތަކުގައި، މިހާރު ބިދޭސީން ގިނައިން އުޅޭތަން ފެންނަ ކަމަކީ ދިވެހިންނަށް ވަޒީފާގެ ފުރުސަތު ހަނިވެގެންދާ މައިގަނޑު އެއް ސަބަބު ވެސް މެއެވެ.
މީގެ އިތުރުން ވަކި ދާއިރާތަަކުގައި ހާއްސަ މަގާމުތަކުގެ ތެރެއިން ޑޮކްޓާރުންނާއި ނަރުހުންނާއި ޓީޗަރުން އަދި އެކައުންޓަންޓުން ފަދަ މަގާމުތަކުގައި ބިދޭސީން މަސައްކަތް ކުރުމަކީ ވަރަށް ކުރިން ފެށިގެން ހަރުލަމުން އައި ސަގާފަތެކެވެ. ޒަމާން ތަރައްގީވެ މިހާރު އެފަދަ ހުރިހާ ދާއިރާތަކަކުން ދިވެހިން ތައުލީމް ހާސިލްކޮށްފައި ތިބި އިރު މި ބުނެވުނު ދާއިރާތަކުން ބިދޭސީން އެތެރެކުރުން ހުއްޓާނުލުމަކީ ވެސް ދިވެހިންނަށް ލިބެން އޮތް ފުރުސަތުތަކަށް އެޅިގެންދާ ހުރަހެކެވެ.
މަސައްކަތުގެ މާހައުލުން ދިވެހިންނަށް އޮތް ބާރު ކެނޑިގެން މިދަނީ ދިވެހިން ހުދު އެތައް ދިވެހިންތަކެއްގެ އިހުމާލުންވާކަމަކީ ހެއްޔެވެ. އެތައް ކަމެއްގައި ބިދޭސީންނަށް ބަރޯސާވެގެން ދިވެހިން ތިބުމަކީ އެ މީހުންނަށް ދެވޭ ބާރެއްކަމާ މެދު ވިސްނާލަނީ ކޮން ދިވެހި ދަރިއެއް ހެއްޔެވެ. ދިވެހިންތަކެއް މަސައްކަތް ކުރަމުން އައި ދާއިރާތަކަށް ބިދޭސީން ބާރުވެރިވުމުގެ ނަތީޖާއަކީ ދިވެހިންނަށް ވަޒީފާގެ ފުރުސަތު ލިބުމަށް އެތައް ގޮންޖެހުންތަކެއް ކުރިމަތިވުމެވެ. ވަޒީފާ ނުލިބި އުޅޭން ޖެހުމުން ދަތި ހާލުގަައި އުޅޭ އާއިލާތައް ގިނަވެގެން ދިއުމެވެ. އެހެންކަމުން މިހާރު ރަށަށް ގަދަވެގެން މިދަނީ ބިދޭސީން ނޫން ހެއްޔެވެ.
ގަދަ ވާނެއްނު...ރާއްޖޭގަ ވެރިކަމުގަޔާ އޮފީސް ތަކުގެ ވެރިިން ތިބެނީ ބިދޭސިންގެ އަތުން ފައިސާނަގައިގެން އެވެރިންގެ ދަށުވެފަ