މިދިޔަ މަހުގެ 24 ވަނަ ދުވަހު ގައުމީ ދިފާއީ ބާރު، އެމްއެންޑީއެފުން މަތިކޮށްފައިވާ އެލާޓް ލެވެލް ސްޓޭޓަސް "ޔެލޯ 2" ދައްކޮށް، އާންމު ހާލަތަށް ބަދަލުކޮށްފައިވާ ކަން އެމްއެންޑީއެފުން އިއުލާން ކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ގައުމީ ދިފާއީ ބާރުން ހިންގަމުން ގެންދިޔަ އޮޕަރޭޝަން މިއަދު ހެނދުނު 6:00 އަށް ނިންމާލާފައިވާ ކަމަށެވެ. އަދި އެމްއެންޑީއެފްގެ އެލާޓް ސްޓޭޓަސް މިހާރު އާންމު ހާލަތަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އެމްއެންޑީއެފްގެ އެލާޓް ސްޓޭޓަސް "ޔެލޯ 2" އަށް ބަދަލުކުރަނީ ގައުމުގެ ސުލްހަ މަސަލަސްކަމާއި އަމަންއަމާންކަމަށް ބުރޫއަރާފަދަ ކަމަކާ ކުރިމަތިވާނެ ކަމަށް ބެލެވުން ނުވަތަ އެފަދަ މައުލޫމާތެއް ލިބުމުންނެވެ.

އެލާޓް މަތިކުރުމަށްފަހު ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ސިފައިން ހަތިޔާރާ އެކު ވަނީ ހަރަކާތްތެރި ވެފައެވެ. މިގޮތުން ކަނޑުމަތީގެ އުޅަނދުފަހަރު ހުއްޓުވައި ޗެކް ކުރުމުގެ އިތުރުން އެއާޕޯޓްގެ ސެކިއުރިޓީ ވެސް ވަރުގަދަކުރިއެވެ.

މި މަސައްކަތަށް ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައި ވާތީ އެމްއެންޑީއެފުން ވަނީ ޝުކުރު ދަންނަވާފައެވެ.

އެމްއެންޑީއެފްގެ އެލާޓް ސްޓޭޓަސް "ޔެލޯ 2" އަށް ބަދަލުކުރަނީ ގައުމުގެ ސުލްހަ މަސަލަސްކަމާއި އަމަންއަމާންކަމަށް ބުރޫއަރާފަދަ ކަމަކާ ކުރިމަތިވާނެ ކަމަށް ބެލެވުން ނުވަތަ އެފަދަ މައުލޫމާތެއް ލިބުމުންނެވެ. ނަމަވެސް ސިފައިންގެ އެލާޓް ދަރަޖަ މަތިކުރީ ވަކި ނުރައްކަލެއް އޮވެގެން ނޫން ކަމަށް އެމްއެންޑީއެފްއިން ވަނީ ކުރިން ބުނެފައެވެ.