އަލަށް އުފަންވާ ކުދިންނަށް "ބޭބީ ބޮކްސް" ނުވަތަ "ހަދިޔާ ފޮށި" ދޭން މިއަދު ފަށައިފާއި ވާ ކަމަށް އެސްޓީއޯއިން ބުނެފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން އެސްޓީއޯ ޕީޕަލްސް ޗޮއިސް މާކެޓިންގް ޑިޕާޓްމެންޓްގެ ސީނިއާ މެނޭޖަރު އައިމިނަތު ޝުރުފާ ބުނީ މިއަދު އެ ހިދުމަތް ފަށައިފާ ވާ ކަމަށެވެ.

ޝުރުފާ ބުނީ އެ ހިދުމަތަކީ އައިޖީއެމްއެޗާ ގުޅިގެން ކުރިއަށް ގެންދާ ހިދުމަތެއް ކަމަށެވެ.

އައިޖީއެމްއެޗްގައި މިއަދުން ފެށިގެން އުފަންވާ ކުދިންނަށް ވައުޗަރެއް ހަވާލު ކުރަމުން ދާނެ ކަމަށްވެސް އޭނާ މައުލޫމާތު ދެއެވެ.

މި ހިދުމަތުގެ އިތުރު ތަފްސީލު ދެމުން ޝުރުފާ ބުނީ އައިޖީއެމްއެޗް އިން ހަވާލު ކުރާ ވައުޗާ ހިފައިގެން އެސްޓީއޯ ބޭސްފިހާރައަށް ދިއުމުން ހަދިޔާ ފޮށި ލިބޭނެ ކަމަށެވެ.

މިއަދު އައިޖީއެމްއެޗާއި އެސްޓީއޯ ގުޅިގެން ފެށި "ބޭބީ ބޮކްސް" ހަވާލު ކުރުމަށްދޭ ވައުޗާ

ރާއްޖޭގެ ކޮންމެ އާއިލާއަކަށް އުފަންވާ ކޮންމެ ކުއްޖަކަށް މި ސަރުކާރުން ދޭން ބުނި "ބޭބީ ބޮކްސް" ދޭން ފަށާފައި ވާއިރު، ރައީސް އިބްރާަހިމް މުހައްމަދު ސޯލިހު ވެރިކަމުގެ ހުވާކުރެއްވުމަށް ފަހު އާންމު ކުރެއްވި އެމަނިކުފާނުގެ ސަރުކާރުގެ 100 ދުވަހު ފުއްދާނެ ވައުދުތަކުގެ ތެރެއިން، އިޖުތިމާއީ ރައްކާތެރިކަމުގެ ދާއިރާގެ އެންމެ މުހިންމު ވައުދެއްގެ ގޮތުގައި އޮތީ، ރާއްޖޭގެ ކޮންމެ ރަށަކަށް ކޮންމެ އާއިލާއަކަށް އުފަންވާ ކޮންމެ ކުއްޖަކަށް ދައުލަތުގެ ފަރާތުން ތަންމަތީ ފޮށްޓަކާއި އުފަންވާ ތުއްތު ކުއްޖާއަށް ބޭނުންވާނެ އަސާސީ ތަކެއްޗާ އެކު، "ބޭބީ ބޮކްސް" ފޯރުކޮށްދޭން ފަށާނެ ކަމަށް ވީ ވައުދެވެ.

ނަމަވެސް 100 ދުވަސް ހަމަވި އިރު އެ ވައުދު ފަށައިގަނެވިފައި ނުވާކަން ފާހަގަ ކުރެވެއެވެ.