ދުނިޔޭގެ އެންމެ ނުފޫޒާ ބާރުގަދަ އިގުތިސޯދުގެ މަގާމު ކަށަވަރު ކުރުމަށް ވަރުގަދަ ހަނގުރާމައެއް ކުރަމުން އަންނަ އެމެރިކާއާއި ޗައިނާއާއި ދެމެދު ވިޔަފާރީގެ ސުލްހައިގެ އެއްބަސްވުމެއް އެކުލަވާލާ، އެ އެއްބަސްވުމުގައި ސޮއިކުރާނެ ތާރީހު، އެމެރިކާއިން އިއުލާންކޮށްފިއެވެ.

ގިނަ ދުވަސްތަކެއް ވަންދެން އިންތިޒާރު ކުރަމުންދިޔަ ޗައިނާ-އެމެރިކާ ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރާނީ މި ފެށިގެންދިޔަ ޖަނަވަރީ މަހުގެ 15 ދުވަހު ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ އިއުލާންކުރައްވާފައެވެ.

މިއީ ދުނިޔޭގެ އެންމެ ވަރުގަދަ އިގުތިސޯދީ 2 ބާރުގެ ގޮތުގައި އޮތް ޗައިނާއައި އެމެރިކާއާއި ދެމެދު އުފެދިފައިވާ އިންތިހާ ނުތަނަވަސްކަމަށް ހިސާބެއްގެ ލުޔެއް ހޯދާދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ފުރަތަމަ މަރުހަލާއެވެ.

ޓްރަމްޕް ވިދާޅުވީ މި އެއްބަސްވުމުގައި ސޮއިކުރެވިގެންދާނީ ޗައިނާގެ މަތީ ފަންތީގެ މަންދޫބުންގެ ކުރިމަތީގައި، ވޮޝިންގްޓަންގައި ކަމަށެވެ. އަދި ދެވަނަ މަރުހަލާގެ މަޝްވަރާތައް ކުރިއަށް ގެންދެވުމަށްޓަކައި ފަހުގެ ތާރީހެއްގައި ޗައިނާއަށް ވަޑައިގަންނަވާނެ ކަމަށްވެސް ޓްރަމްޕް ވަނީ ޓްވިޓާގައި އިއުލާންކުރައްވާފައެވެ.

ޗައިނާއާއި އެމެރިކާއާއި ދެމެދު ކުރަމުންދާ ވިޔަފާރީގެ ހަނގުރާމައިގެ ތެރެއިން، ދޭދޭ ގައުމުގެ މެދުގައި މުދާ ގަނެވިއްކުމުގައި ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިކޮށްފައެވެ. އެގޮތުން އެއްގައުމުން އަނެއް ގައުމަށް އެކްސްޕޯޓްކޮށް އިމްޕޯޓް ކުރާ މުދަލުން ނަގާ ޓެރިފް ބޮޑުކުރުން ފަދަ ވިޔަފާރި އާއި އިގުތިސޯދުގެ އިމުގެ ތެރެއިން ދެވެން އޮތް ވަރުގަދަ ހަމަލާތަކެއް ތަކުރާރުކޮށް ދެގައުމުން ބަދަލު ކުރަމުންދިޔަ މަންޒަރުވެސް 2019 ވަނަ އަހަރުގެ ފަހުކޮޅު ވަނީ ފެނިގެން ގޮސްފައެވެ.