އުމުރުން 13 އަހަރުގެ ކުޑަ ކުއްޖާ ވިހެއި މައްސަލައިގައި އެކުއްޖާ "ކައިވެނި" ކުރިކަމަށް ބުނާ ރ. މަޑުއްވަރި، ފެހިއަލި، އިސްމާއީލް ހައްމާދު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓައި، ޝަރުތުތަކަކާއެކު އެކުއްޖާގެ މައިންބަފައިން ދޫކޮށްލަން ކްރިމިނަލް ކޯޓުން މިއަދު އަމުރު ކޮށްފިއެވެ.

ހައްމާދުގެ މައްޗަށް ދައުލަތުން ކުރަނީ، ޖިންސީ ނިޔަތެއް އޮވެގެން ކުޑަ ކުއްޖެއްގެ ހަށިގަނޑުގައި އަތްލުމުގެ ކުށުގެ ދައުވާއެވެ. 13 އަހަރުގައި ބަލިވެ އިނދެ އެ ކުއްޖާ ވިހެއިކަން ހާމަވީ ހައްމާދު ލަނޑާ ނަގާ ދޯންޏެއްގައި ވަޅިން ހަމަލާދީ މަރާލަން އުޅުނު މައްސަލަ މީޑިއާތަކަށް ތިލަވުމާއި އެކުގައެވެ.

އެ ކުއްޖާއާއި ހައްމާދު ކައިވެނިކޮށްފައިވަނީ ކޯޓުން ބޭރުގައެވެ. އެކުއްޖާ ވިހެއި ދަރިފުޅަކީ އެ ޒުވާނާގެ ދަރިއެއްކަން ޑީއެންއޭއިން ވަނީ ކަށަވަރުވެފައެވެ. މިއާއެކު ކޯޓު އަމުރެއްގެ ދަށުން އޭނާ ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ހައްމާދު އަކީ މީގެ ކުރިންވެސް ޓެރަރިޒަމްގެ މައްސަލައެއް ޝަރީއަތަށް ސާބިތުވެ، ހުކުމް ތަމްފީޒުކޮށް ކުށުގެ ރިކޯޑް އޮންނަ ފަރާތެއް ކަމަށެވެ.

އަދި 13 އަހަރުގެ އަންހެންކުއްޖާގެ މައްސަލައާ ގުޅިގެން މިހާރު 14 ފަރާތަކާ ސުވާލުކޮށް ފޮރެންސިކް ހެކިތައް ހޯދާފައިވާއިރު، 13 އަހަރުގެ ކުއްޖާ ވިހާފައިވާ ކުއްޖާގެ ޑީއެންއޭއާއި ހައްމާދުގެ ޑީއެންއޭއާއި ދިމާވާ ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވިއެވެ.