ނޫސްތަކުގެ ސުރުހީން އަބަދުވެސް ޖާގަ ހޯދަމުންދާ އެއް ވާހަކައަކީ މަސްތުވާތަކެތީގެ ވާހަކައަށް ވާނެއެވެ. މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބަޔަކު، އެ ތަކެތި ރާއްޖެ އެތެރެކުރަން އުޅުނު ބަޔަކު ނުވަތަ މަސްތުވެގެން އުޅޭ ބަޔަކު ހައްޔަރު ކުރާ ހަބަރެވެ. ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރާ ތަންތަން ފުލުހުން ރެއިޑް ކުރާ ހަބަރެވެ. ހަމަ އެ ހަބަރުތަކާ ވިދިގެން އަންނަނީ ހައްޔަރު ކުރާ މީހުންގެ ބަންދަށް 5 ދުވަސް ނުވަތަ 15 ދުވަހުގެ މުއްދަތެއް ޖަހާފައިވާ ކަމަށް ބުނާ ހަބަރެވެ.

މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރު ކުރާ ގިނަ މީހުންނަކީ ހައްޔަރު ކުރާތާ މާ ގިނަ ދުވަހެއް ނުވެ އަނބުރާ މުޖުތަމައަށް ދޫކޮށްލެވޭ މީހުންނެވެ. ޑްރަގް ކޯޓުން މީހެއްގެ މައްޗަށް ރިހިބިލިޓޭޝަންގެ ފަރުވާ ހޯދުމަށް އަމުރެއް ނެރުނަސް، ހައްޔަރުގައި ނުބަހައްޓާ އޭނާ އަނެއްކާވެސް ދޫކޮށްލަނީ މުޖުތަމައަށެވެ. ދިގު ކިއުއެއްގައި ޖެހިގެން ރިހިބިލިޓޭޝަން ފަރުވާ ހޯދުމުގައި އޭނާއަށް ފުރުސަތު ލިބުމުގެ ކުރިން ފެންނަނީ މަސްތުވުމުގެ ވަބާގައި ޖެހި އޭނާ އަނެއްކާވެސް ބިތްޖެހިފައި ހުންނަ މަންޒަރެވެ.

ރިހިބިލިޓޭޝަން ފަރުވާ ހޯދުމަށް ކިއުގައި ހުރި އުމުރުން އެންމެ 21 އަހަރުގެ ޒުވާނަކު މަސްތުގެ ހާލަތުގައި ހުރެ އަރައިގެންފައިވާ ކުށެއްގެ ވާހަކަ ވާނީ ނޫސްތަކުން ފެނިފައެވެ. ޓެކްސީ ޑްރައިވަރަކު ރަހުމު ކުޑަގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ވާހަކައެވެ. އުމުރުން 59 އަހަރުގެ އދ. މާމިގިލީ، ގާސިމް ހަސަން މަރާލާފައި އޮއްވާ ފެނުނުތާ ތިން ހަފްތާތެރޭ ފުލުހުން އާންމު ކުރި މައުލޫމާތުން ހާމަވާ ގޮތުގައި، ގާސިމް މަރާލި ޅ. ހިންވަރު، ބޮޑުހިޔާގެ، އުމުރުން 21 އަހަރުގެ އަދުހަމް މުހައްމަދަކީ އޭނާގެ މައްޗަށް ޑްރަގް ކޯޓުން ރިހިބިލިޓޭޝަން އަމުރު ނެރެފައިވާ މީހެކެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އަދުހަމް މާލެ ތެރޭގައި އުޅެމުން ދިޔައީ، ރިހިބިލިޓޭޝަން ފަރުވާ ހޯދުމަށް ކިއުގައި ހުރެ ކަމަށެވެ. އަދި އޭނާއަކީ މީހުންގެ އަތުން ފޭރިގެން، އޭނާގެ ބޭނުންތައް ފުއްދަމުންދާ މީހެއް ކަމަށެވެ. އެގޮތުން ގާސިމް މަރާލި ދުވަހުވެސް އަދުހަމް އުޅުނީ، މަސްތުވާތަކެތި ހޯދުމަށާއި، އެހެނިހެން ބޭނުންތަކަށް ފައިސާ ހޯދުމަށް މަސައްކަތް ކުރުމުގައި ކަމަށް ފުލުހުން ބުނެފައިވެއެވެ. އެގޮތުން، އެދުވަހު މެންދުރު ހުޅުމާލެއަށް ގޮސް އޭނާގެ ރައްޓެހިންނާ އެކު މަސްތުވުމަށް ފަހު، މަސް ކަނޑަން ކަމަށް ބުނެ ކެފޭ އަކުން ވަޅިއެއް ހޯދައިގެން، ވަޅިން ބިރުދައްކައިގެން ފޭރުމުގެ ތެރޭގައި އަދުހަމަށް އަރައިގަނެވުނީ މާ ބޮޑު ކުށަކަށެވެ. ފައިސާ ހޯދުމަށް ކުރި މަސައްކަތުގެ ތެރެއިން ގާސިިމްގެ ކަރަށް ވަޅި ހަރައި، އޭނާ މަރާލީއެވެ.

ޑްރައިވަރު ގާސިމްގެ ޖަނާޒާ ބޭއްވުން/ ފޮޓޯ: ހަސަން އަތޫފް

އަޅުގަނޑުމެންގެ މުޖުތަމައުގައި މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ މިފަދަ ކިތައް ޒުވާނުން ތިބޭނެބާއެވެ. ޑްރަގް ކޯޓުން 'ދަ ޕްރެސް' އާ ހިއްސާކޮށްފައިވާ މައުލޫމާތު ތަކަށް ބަލާއިރު، މިއަހަރު މިހާތަނަށް 556 މީހުންގެ މައްޗަށް ވަނީ ރީހިބިލިޓޭޝަން ފަރުވާ ފެށުމުގެ އަމުރު ޑްރަގް ކޯޓުން ކޮށްފައެވެ. އަދި މީގެ ތެރެއިން 437 މީހުންނަކީ ޒުވާނުން ކަމަށް ޑްރަގް ކޯޓުގެ ރިކޯޑްތަކުން ދައްކާއިރު، މިއީ އަޅުގަނޑުމެން ވިސްނާލަންވީ ކަމެއް ނޫންބާއެވެ. މަސްތުވާތަކެތީގެ ވަބާގައި ޖެހި މި ގައުމުގެ މުސްތަގުބަލު މިއޮށްގެން ނެތިދަނީއެވެ. 437 ޒުވާނުންގެ މައްޗަށް ރިހިބިލިޓޭޝަންގެ ފަރުވާ ފެށުމުގެ އަމުރު ނެރެފައި ވާއިރު، ކަމާ ގުޅޭ މުއައްސަސާތަކާއި ފަރާތްތަކަށް ނޭނގި މި ވަބާގައި ޖެހި، ހަލާކުވެފައިވާ ކިތައް ޒުވާނުން ތިބޭނެ ބާއެވެ.

ޑްރަގް ކޯޓުން 'ދަ ޕްރެސް' އާ ހިއްސާ ކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އެ ކޯޓުން ކުރި އަމުރާ އެއްގޮތަށް ރިހިބިލިޓޭޝަން ފަރުވާ ފުރިހަމަ ކުރުމަށް ފަހު 2640 މީހުން ވަނީ އަނބުރާ މުޖުތަމައަށް ނުކުމެފައެވެ. އޭގެ ތެރެއިން 596 މީހުންނަކީ މިއަހަރު ދޫކޮށްލާފައިވާ މީހުންނެވެ. ފަރުވާ ފުރިހަމަ ކުރުމަށް ފަހު ދެވަނަ ފަހަރަށްވެސް މަސްތުވާތަކެތި ބޭނުން ކޮށްގެން ޑްރަގް ކޯޓަށް މައްސަލަތައް ހުށަހަޅައެވެ. އެގޮތުން 332 މީހުންގެ މައްސަލަ ދެވަނަ ފަހަރަށް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ކޯޓުން ބުނެއެވެ. މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް އެންމެ އެކަށީގެންވާ ފަރުވާ ނުދެވޭނަމަ، މި އަދަދު އިތުރުވާނެ ކަމަށް ބެލެވެއެވެ.

ރިހިބިލިޓޭޝަން ފަރުވާދޭ މަރުކަޒުތަކުގައި ޖާގަ ނެތުމުގެ ސަބަބުން، ފަރުވާއަށް އަމުރުކުރާ ގިނަ ފަރާތްތަކެއް ކިއުގައި ގިނަ ދުވަސްތަކެއް ހޭދަކުރަންޖެހި، އެފަރާތްތައް ކިއުގައި ތިބޭ މުއްދަތުގައި މަސްތުވާތަކެތި ބޭނުންކޮށް ކުށަށް އަރައިގަންނަކަން ފާހަގަކުރެވެއެވެ. ޑްރަގް ކޯޓުން ކުރާ އަމުރާ އެއްގޮތަށް ރިހިބިލިޓޭޝަން ފަރުވާގެ ކަންކަން ބަލަހައްޓަނީ ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އިންނެވެ. އެގޮތުން، ޑްރަގް ޓްރީޓްމަންޓް އެންޑް ރިހިބިލިޓޭޝަން ސެންޓަރުގެ ފަރުވާގެ ކިއުގައި ތިބި 572 މީހުންނާއި، ކޮމިއުނިޓީ ފަރުވާގެ ކިއުގައި ތިބި 295 މީހުންނާ އެކު މުޅި ޖުމްލަ 867 މީހުން ފަރުވާ ނުލިބި މިވަގުުތު ކިއުގައި ތިބި ކަމަށް އެންޑީއޭއިން މައުލޫމާތު ލިބިފައިވެއެވެ.

ރިހިބިލިޓޭޝަން ފަރުވާއަށް އަމުރުކުރުން

ޑްރަގް ކޯޓަށް ހުށަހެޅޭ ކޮންމެ މައްސަލައަކާ ގުޅިގެންވެސް އެމީހެއްގެ މައްޗަށް ރީހިބިލިޓޭޝަން އަމުރު ކުރާނީ އެމީހެއްގެ އިންޑިކޭޓިވް އެސެސްމަންޓް ހެދުމަށްފަހު ކަމަށް އެ ކޯޓުން ބުނެއެވެ. އިންޑިކޭޓިވް އެސެސްމަންޓަކީ ކުށުގެ ދައުވާ އުފުލިފައިިވާ މީހާ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ ނިސްބަތް ދެނެގަތުމަށާއި، އޭނާއަށް ދޭންޖެހޭ ފަރުވާ ކަނޑައެޅުމުގެ ގޮތުން ހަދާ އެސެސްމަންޓެކެވެ. މި އެސެސްމަންޓު ހަދަނީ ކޯޓުގެ އަމުރަކަށް އެންޑީއޭ އިންނެވެ. އަދި އެސެސްމަންޓު ހެދުމަށް ޑްރަގް ކޯޓުން އެންޑީއޭއާށް 30 ދުވަހުގެ މުއްދަތެއް ދެއެވެ. ނަމަވެސް، އެކި ސަބަބުތަކާއި ހެދި އެސެސްމަންޓު ހެދުމަށް ނަގާ މުއްދަތު އިތުރުވެއެވެ.

ނޭޝަނަލް ޑްރަގް އެޖެންސީގެ ނަން ބޯޑު

އިންޑިކޭޓިވް އެސެސްމަންޓް ހެދުމުގެ މުއްދަތުގައި ދައުވާ އުފުލިފައިވާ ފަރާތާމެދު އަމަލުކުރާނެ ގޮތް މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 63 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައި ވެއެވެ. އޭގެ ތެރޭގައި އިންޑިކޭޓިވް އެސެސްމަންޓް ރިޕޯޓް ކޯޓަށް ހުށަހެޅެންދެން ދައުވާ އުފުލިފައިވާ ފަރާތް ޑްރަގް އޮފެންޑާ ރިމާންޑް ސެންޓަރެއްގައި ބަންދުކުރުން، ކަލާފާތުގެ އުސޫލުން ނުވަތަ ކޯޓުން ކަނޑައަޅާ ޝަރުތުތަކާއެކު ދޫކޮށްލުން ހިމެނެއެވެ.

ޑްރަގް އޮފެންޑާ ރިމާންޑް ސެންޓަރަކީ މަސްތުވާތަކެތި ބޭނުންކުރުމާއި ޕެޑްލްކުރުގެ ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުން އެމީހުންގެ ބަންދުގެ މުއްދަތުގައި އެތާނގައި ބައިތިއްބައިގެން، އެމީހުންނަށް ލިބެންވާ އަސާސީ ފަރުވާ ދެވެމުންދާ ގޮތަށް ހާއްސަކުރެވޭ މަރުކަޒުތަކެކެވެ. ނަމަވެސް، 2011 ވަނަ އަހަރު ޑިސެމްބަރު 31 ވަނަ ދުވަހުން ފެށިގެން މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ވުޖޫތަށް އައި ފަހުން މިއަދާ ހިސާބަށް މި ރިމާންޑް ސެންޓަރު ގާއިމް ކުރެވިފައެއް ނުވެއެވެ. އެހެންކަމުން އެސެސްމެންޓް ހެދުމުގެ މަރުހަލާގައި ކުށުގެ ދައުވާ އުފުލިފައިވާ ފަރާތްތަކަށް ބޭނުންވާ އަސާސީ ފަރުވާ ނުލިބި އެ ފަރާތްތައް މުޖުތަމައުގައި ތިބޭއިރު، އިތުރު ކުށްތަކަށް އަރައިގަތުމާއި މަސްތުވާތަކެއްތި ބޭނުންކުރުމުގެ މައްސަލަތައް ދިމާވެއެވެ. މީގެ އިތުރުން ކުޑަކުދިންނަށް ހާއްސަ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހިބިލިޓޭޝަން ސެންޓަރެއް ގާއިމް ކުރަން ވާނެ ކަމަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 46 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި ވީ ނަމަވެސް، މިހާތަނަށް އެ އިންތިޒާމު ވެސް ހަމަޖެހިފައެއް ނުވެއެވެ.

ނިޒާމުތައް ހަރުދަނާ ކުރުން

ރިހިބިލިޓޭޝަން ފަރުވާދޭ ނިޒާމުތައް ވަރުގަދަ ކުރުމަކީ މަސްތުވާތަކެތީގެ ވަބާއިން ޒުވާނުން ސަލާމަތް ކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ. އެގޮތުން، ޑްރަގް ކޯޓުން ފަރުވާއަށް އަމުރުކުރާ މީހުންނަށް ފަރުވާދިނުމަށް އެކަށީގެންވާ ވަރަށް ސެންޓަރުތަކުގައި ޖާގަ ނެތުމަކީ ވެސް ފަރުވާގެ ނިޒާމުތައް ވަރުގަދަ ކުރަން ޖެހޭ ކަމުގެ އަލިގަދަ ހެތްކެކެވެ. ރިހިބިލިޓޭޝަން ފަރުވާދޭ ސެންޓަރުތަކުގެ ތެރެއިން ކ. ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހިބިލިޓޭޝަން ސެންޓަރުގައި އެއްފަހަރާ 172 މީހުންނަށް ފަރުވާ ފުރިހަމަ ކުރެވޭ އިރު، 572 މީހުން ފަރުވާ ނުފެށި މިވަގުތު ކިއުގައި އެބަތިއްބެވެ. އަދި ކޮމިއުނިޓީ ފަރުވާގެ ކިޔުގައި ވެސް 295 މީހުން އެބަތިއްބެވެ. މިއީކީ މަދު އަދަދެއް ނޫންތާއެވެ.

ޑްރަގް ކޯޓަށް ހުށަހެޅޭ މިފަދަ މައްސަލަތަކުގައި، ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ބޮޑު އިންސައްތައެއް ހިއްސާ ކުރަނީ އަތޮޅުތަކުގައި ދިރިއުޅޭ މީހުންނަށް ކަމަށް އެ ކޯޓުން މައުލޫމާތުދެއެވެ. މިފަދަ މައްސަލަތަކުގައި ފަރުވާ ހޯދުމަށް ވަޒީފާ ދޫކޮށްލުމަށް ފަހު މާލެ އަންނަން ޖެހުމާއި، މާލެ އައިސް ހުންނާނެ ތަނެއް ނެތުމުގެ ޝަކުވާތައް ޑްރަގް ކޯޓަށް ލިބެއެވެ. އެހެންކަމުން އަތޮޅުތަކުގައި ފަރުވާ ހޯދޭނެ ނިޒާމުތައް ބޭނުންވާ މިންވަރަށް ލިބިފައި ނެތުމަކީ މިއީ ރިހިބިލިޓޭޝަން ފަރުވާގެ އެންމެ އެކަށީގެންވާ ގޮތަށް ފޯރުކޮށްދިނުމުގައި ހުރި ދަތިތަކަށް ވާނެއެވެ. މިފަދަ މައްސަލަތައް ހައްލު ކުރުމަށް އަތޮޅުތަކުގައި ފަރުވާ ހޯދޭނެ ނިޒާމު އިތުރަށް ގާއިމުކޮށް، މިހާރު ހުރި ސެންޓަރުތަކުގެ ޖާގަ އިތުރުކުރަން ޖެހެއެވެ. މިއަހަރުގެ ތެރޭގައި ހދ. ހަނިމާދޫއާއި ގދ. ތިނަދޫގައި ފަރުވާދޭ މަރުކަޒު ގާއިިމް ކުރުމަކީ މިކަން ހައްލު ކުރުމަށް އެޅުނު ފިޔަވަޅެކެވެ.

މިނިސްޓާ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް، ޝިދާތާ ޝަރީފް ތިނަދޫ ޑްރަގް ޑީޓޮކްސިފިކޭޝަން އެންޑް ކޮމިޔުނިޓީ ރިހެބިލިޓޭޝަން ސެންޓަރު ހުޅުވައިދެއްވަނީ / ފޮޓޯ: ޖެންޑާ މިނިސްޓްރީ

ރިހިބިލިޓޭޝަން ފަރުވާ ފޯރުކޮށްދިނުމުގެ ކަންކަން ބަލަމުން ދަނީ އެންޑީއޭއިން ކަމުގައިވީ ނަމަވެސް، ފަރުވާގެ ކަންކަން ހިނގާ ނުހިނގާގޮތް ބެލުން މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 96 މާއްދާއިން ޑްރަގް ކޯޓަށް ލާޒިމުކޮށްފައި ވެއެވެ. ނަމަވެސް އެކަމަށް އެކަށީގެންވާ ފައިސާ ކޯޓަށް ލިބުމުގައި ދަތިކަން ހުރެއެވެ. އެ ކޯޓުން މައުލޫމާތު ދީފައި ވާ ގޮތުގައި، މިއަހަރުވެސް ޑްރަގް ކޯޓުން ސެންޓަރުތަކަށް ދަތުރުކޮށްފައި ވަނީ، ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން އިން ލިބުނު ހާއްސަ އެހީތެރިކަމާ އެކުއެވެ.

ޑްރަގް ކޯޓުގެ ފަރުވާގެ ނިޒާމަކީ، މުޅިން އާ ނިޒާމަކަށް ވުމުން، ކޯޓު ފެށުނުއިރުވެސް ކޯޓުގެ ގާޒީންނާއި މުވައްޒަފުން ތަމްރީނު ކުރުމަށް ނިންމާފައި ވެއެވެ. ނަމަވެސް، މިއަދާ ހަމައަށް ވެސް އެފަދަ ތަމްރީނެއް ލިބުމުގެ ފުރުސަތެއް ކޯޓުގެ މުވައްޒަފުންނަށް ލިބިފައެއް ނުވެއެވެ. މިފަދަ ތަމްރީނުތައް ލިބުމަކީ ބޭނުންތެރިކަމެއް ކަމުގައި ވީއިރު، ފަރުވާ ދޭ މަރުކަޒަށް ބޭނުންވާ ފުރިހަމަ ވަސީލަތްތަކާއި، ތަމްރީނު ލިބިފައިވާ މުވައްޒަފުންނާއެކު މި ސެންޓަރުތައް ގާއިމް ކުރެވިއްޖެނަމަ، ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާވެ، މިކަމަށް ހައްލެއް ލިބޭނެ ކަމަށް ބެލެވެއެވެ.