ރިސޯޓް މުވައްޒަފުންގެ ކަންބޮޑުވުން ހައްލުކުރެވޭނެ ކަމަށާއި ސަރުކާރު ވަނީ އިހުމާލު ވެފައި ކަމަށް ލޭބާ ޕާޓީގެ ސްޕޯކްސް ޕާސަން މައުރޫފު ޒާކިރު (މަޓޭ) ބުނެފިއެވެ.

"ދަ ޕްރެސް" އަށް މަައުލޫމާތު ދެމުން މަޓޭ ބުނީ ސާވިސް ޗާޖުގެ މައްސަލަ އާއި ހޮނޑާފުށި ރިސޯޓު މުވައްޒަފަކު ވަޒީފާއިން ވަކިކުރި މައްސަލައިގައި ލޭބާ ޕާޓީން ކަންބޮޑުވުން ފާޅުކޮށްފައި ވާނެ ކަމަށެވެ.

މީގެ އިތުރުން އޭނާ ބުނީ މިހާ ބޮޑު މައްސަލައަކަށް މި މައްސަލަ ވެގެން ދާއިރު ސަރިކާރުގެ އަޅާލުން ލިބެނީ ކުޑަކޮށް ކަމަށާއި މިކަމަށް ސަރުކާރުން އިހުމާލުވެފައި ވާ ކަމަށެވެ. އަދި ސާވިސް ޗާޖުގެ މައްސަލައަކީ ރާއްޖޭގެ މެޖޯރިޓީ ރިސޯޓުތަކަށް ދިމާވެފައި ވާ މައްސަލައެއް ކަމަށެެވެ.

މި މައްސަލައަކީ އެންމެންނަށް އެނގޭ މައްސަލައެއް ނަމަވެސް ސަރުކާރުން ދިފާއު ކުރަނީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކަމަށެވެ.

އަދި މިކަމަށް ހައްލެއް ގެނައުމަށް މަސައްކަތް ކުރާތަން ނުފެންނަ ކަމަށާއި މިއީ ހައްލުކުރަން މަސައްކަތް ކޮށްފި ނަމަ ކުރެވޭނެ ކަމެއް ކަމަށްވެސް އޭނާ ބުނެއެވެ.

ރާއްޖޭގެ ބައެއް ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުން "މިނިމަމް ވޭޖް" ކަނޑައެޅުން އަވަސް ކުރުމަށް ގޮވާލައި އަޑުއުފުލަން ފަށާފައި ވާއިރު މިހާރު ސޯޝަލް މީޑިއާގައި ވީޑިއޯއެއްވެސް ވަނީ ދައުރުވާން ފަށާފައެވެ.

ރިސޯޓުތަކުގެ މުވައްޒަފުން ކުރަމުންދާ މުޒާހަރާގެ ތެރެއިން / ފޮޓޯ: ސޯޝަލް މީޑިއާ

އެ ވީޑިއޯގައި ފަސް ރިސޯޓެއްގެ މުވައްޒަފުން ބައިވެރިވެފައި ވާ ކަމަށް އޭނާ މައުލޫމާތު ދެއެވެ. އަދި މި ކަމުގައި ބައިވެރިވެފައި ވަނީ ބ އަތޮޅުގެ ރިސޯޓުތަކުގެ މުވައްޒަފުން ކަމަށާ، އަޑުއުފުލުމުގައި ބައިވެރިވި ރިސޯޓުތަކުގެ ތެރޭގައި އަނަންތާރާ އާއި ކިހާދު މޯލްޑިވްސާއި ރީތި ބީޗާއި އަމިއްލަ ފިނޮޅުގެ އިތުރުން ސޮނެވާގެ މުވައްޒަފުން ހިމެނޭ ކަމަށެވެ.

ރިސޯޓުތަކުގެ މުވައްޒަފުން ގޮވާލަމުން ދަނީ އެމީހުންގެ ހައްގުތަށް ހޯދައި ދިނުމަށެވެ. އެގޮތުން "މިނިމަމް ވޭޖް" ނުމަތަ އެންމެ ކުޑައުޖޫރަ ކަނޑައެޅުމަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެއް ކަމަށާއި ވައުދު ފުއްދުން އަވަސް ކުރުމަށްވެސް ވަނީ ގޮވާލާފައެވެ. މީގެ އިތުރުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ އިސްތިއުފާއަށްވެސް ވަނީ ގޮވާލާފައެވެ.

ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރާއްޖޭގައި ޓޫރިޒަމްގެ ހިދުމަތްދޭ ފާހަގަކޮށްލެވޭ ކުންފުނިތަކުން ސާވިސް ޗާޖު ދޭ ގޮތް ރަނގަޅު ކަމަށް ވިދާޅުވުމާ ގުޅިގެން ޓޫރިޒަމްގެ ސިނާއަތުގައި މަސައްކަތް ކުރާ ބައެއް މީހުންގެ ފާޑުކިޔުން އަލީ ވަހީދަށް ވަނީ އަމާޒުވެފައެވެ.