ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްގީކުރާ އާ ސީޕްލޭން ޓާމިނަލް ދައުލަތަށް ގެއްލުންވާ ގޮތަށް ހިންގާތީ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މައްސަލަ ބަލަން ފަށައިފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތުދެމުން އޭސީސީން ބުނީ، ދައުލަތަށް ގެއްލުންވާ ގޮތަށް އާ ސީޕްލޭން ޓާމިނަލް ހިންގާ މައްސަލަ މިމަހު ދެވަނަ ދުވަހު އޭސީސީއަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ މިހާރު އޭސީސީން ބަލަމުންދާ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

މިހާރު ރާއްޖޭގައި ސީޕްލޭންގެ ހިދުމަތް ދެނީ ޓީއެމްއޭ އާއި މޯލްޑިވިއަން އަދި މަންޓާ އިންނެވެ. ފްލައިމީ އިންވެސް ސީޕްލޭންގެ ހިދުމަތް ދޭން ފަށަން އުޅޭކަމަށް ވަނީ ވާހަކަ ދެކެވިފައިވާއިރު، އަލަށް އަޅާ ސީޕްލޭން ޓާމިނަލް ހިންގަން ޓީއެމްއޭ އަށް ހަވާލުކުރަން އުޅޭ ކަމަށް މީގެ ކުރިން ވާހަކަ ދެކެވުނެވެ. ސީޕްލޭން ޓާމިނަލް އޮޕަރޭޓް ކުރުމަށް 4 އޮޕަރޭޓަރުން ތިބި އިރު، ވަކި ބަޔަކަށް ސީޕްލޭން ޓާމިނަލް ދިނުމާއި މެދު ވަނީ ލިޔާލު ތަފާތުވެފައެވެ.

މިދިޔަ ޖުލައި މަސް ތެރޭގައި އެމްއޭސީއެލް އިން ވަނީ ސީޕްލޭން ހިންގާނެ މޮޑެލް އަކާ ބެހޭ ގޮތުން ފުރަތަމަ ފަހަރަށް ހުރިހާ ސީޕްލޭން އޮޕަރޭޓަރުންނާ އެއްކޮށް ބައްދަލު ކޮށްފައެވެ. މިބައްދަލުވުމުގާ އެމްއޭސީއެލްގެ ފަރާތުން ބައިވެރިވީ ބޯޑު މެމްބަރަކާއި ރައީސް އޮފީހުން އެއާޕޯޓް އަޕްގްރޭޑް ޕްރޮޖެކްޓަށް ކަޑައަޅާފައި ހުންނަވާ ބޭފުޅަކާ އެމްއޭސީއެލް ގެ އެކްޓިން މެނޭޖިން ޑިރެކްޓަރާއި ސީޕްލޭން ޓާރމިނަލް ކޮންސްޓްރަކްޝަން ޕްރޮޖެކްޓުގެ ކޮންސަލްޓަންޓެވެ.

އެ ބައްދަލުވުމުގައި މުޅިންހެން ވާހަކަ ދެއްކެވީ ބޯޑު މެންބަރު ކަމަށް 'ދަ ޕްރެސް' އަށް ވަނީ މައުލޫމަތު ލިބިފައެވެ. އޭނާ ވިދާޅުވިކަމަށް ވަނީ އެމްއޭސީއެލް ގެ ވިސްނުމަކީ 3 އަހަރު ވަންދެން ސީޕްލޭން ޓާމިނަލް ހިންގަން ސީޕްލޭން އޮޕަރޭޓަރުންނަށް ދިނުމެވެ. ނަމަވެސް، އިންޓަނޭޝަނަލް ޓާމިނަލް ވެސް ހިންގާ ގޮތަށް، އެއާޕޯޓް އޮޕަރޭޓަރު ނުވަތަ އެމްއޭސީއެލް އިން އާ ސީޕްލޭން ޓާމިނަލް ހިންގުން ވަރަށް މުހިންމު ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި ގިނަ ސީޕްލޭން އޮޕަރޭޓަރުން ހުށަހެޅި ކަމަށް މައުލޫމާތު ލިބިފައި ވެއެވެ. އަދި ސީޕްލޭން އޮޕަރޭޓަރުން ޓާމިނަލް ހިންގުން އެއީ ރަނގަޅު ގޮތެއް ނޫން ކަމަށާއި، އަދި ޚާއްސަކޮށް، ސީޕްލޭން އޮޕަރޭޓަރުން ރިސޯޓް ލައުންޖް ތައް ހިންގަން ނުޖެހޭނެ ކަމަށާއި، އެމްއޭސީއެލް އިން އެކަން ކުރުމަށް، އެތަނަށް ދިޔަ ގިނަ އޮޕަރޭޓަރުން ހުށަހެޅިކަން ވަނީ އެނގިފައެވެ.