ޕާސްޕޯޓް ހިފައްހައްޓަން ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާ 2 ބިދޭސީއަކު ފުރުވާލި މައްސަލަ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ހުށަހަޅައިފިއެވެ.

ޕީޖީ އޮފީހުން ކުރި ޓްވީޓެއްގައި ބުނީ، ކުރިމިނަލް ކޯޓުގައި އޮތް، މަސްތުވާތަކެތި އެތެރެ ކުރުމުގެ 2 މައްސަލައެއްގައި ހިމެނޭ ބަންގްލަދޭޝްގެ ދެމީހެއްގެ ޕާސްޕޯޓު ހިފެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވަނިކޮށް، އެ ދެމީހުން ފުރުވާލި މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި އެންއައިސީއަށް ހުށަހަޅާފައިވާ ކަމަށެވެ.

މިކަމާ ގުޅިގްނ ޕްރޮސެކިއުޓާ ޖެނެރަލް، ހުސެއިން ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގައުމުގައި ހަަމައަކަށް އެޅެންޖެހޭ މުހިންމު ބައެއް ކަންކަން އެބަހުރި ކަމަށެވެ.

2 ބީދޭސީން ފުރުވާލި މައްސަލަ ބެލުމަށް އެންއައިސީއަށް ހުށަހަޅާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވާއިރު، މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް އެ އޮފީހުން ހާމަކޮށްފައެއް ނުވެއެވެ. އަދި މިއީ ކޮން އިރަކު މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ބަޔަކު ކަމެއް ވެސް ޕީޖީ އޮފީހަކުން ހާމައެއް ނުކުރެއެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުމުގެ ތެރޭގައި އަތުލަިއގެންފައިވާ ބިދޭސީންގެ އަދަދު ގިނައެވެ.