ނ. މާފަރުގައި ތަރައްގީ ކޮށްފައިވާ މާފަރު އިންޓަނޭޝަނަލް އެއާޕޯޓް (އެމްއައިއޭ) އަށް ވެލައެއް އަރަން އުޅެނިކޮށް ސަލާމަތްކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވާން ފަށައިފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯ އިން ފެންނަ ގޮތުގައި، އެއާޕޯޓުގެ މުވައްޒަފުން ވަނީ ރަންވޭ މައްޗަށް އަރަން އުޅުނު ވެލައެއް އަނބުރާ މޫދަށް ފޮނުވާލާފައެވެ. މާފަރު އެއާޕޯޓް ރަސްމީކޮށް މިމަހު ފުރަތަމަ ދުވަހު ހުޅުވާފައި ވާއިރު، އެއާޕޯޓު ހުޅުވުމުގެ ކުރިން ވެސް އެއާޕޯޓުގެ ރަންވޭ މައްޗަށް ވެލައެއް އަރައިގެން އުޅުނު ހާދިސާއެއް ވަނީ ފެންމަތިވެފައެވެ.

މާފަރު އެއާޕޯޓުގެ ރަންވޭ މައްޗަށް ވެލައެއް އަރައި، ރަންވޭ މައްޗަށް ބިސް އެޅި ހާދިސާއެއް ފެންމަތިވެފައި ވަނީ މިދިޔަ އޭޕަރިލް މަސްތެރޭގައެވެ.

ރަންވޭ މައްޗަށް ވެލާ ބިސް އެޅި ހަބަރު ބައިނަލްއަގްވާމީ ނޫސްތަކަށް ވެސް އަރާފައި ވާއިރު، އެކަމާ މެދު ބައެއް ގައުމުތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ފަހުން މި ވެލާ މަރުވެފައި އޮތްވާ ވެސް ވަނީ ފެނިފައެވެ.

މާފަރު އެއާޕޯޓް ތަރައްގީ ކޮށްފައިވާ ސަރަހައްދަށް ވެލައެއް އަޅާފައިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، އެ އެއާޕޓް އިތުރު 1000 މީޓަރަށް ދިގު ކުރުމަށް ހުއްދަ ނުދޭނެ ކަމަށް ބުނެ އެންވާރަމެންޓް ޕްރޮޓެކްޝަން އެޖެންސީން ވަނީ މިއަދު ބަޔާނެއް ވެސް ނެރެފައެވެ.

އީޕީއޭ އިން ބުނީ، މާފަރަކީ ވެލާ ބިސްއަޅުމުގައި މަޝްހޫރު ރަށެއް ކަމަށާއި ނަމަވެސް އެ މަޝްރޫއުގެ ސަބަބުން އެ ކަމަށް ސީދާ ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ. އަދި އެ މަޝްރޫއުގެ ދަށުން ރަށުގައި ހުރި 22،000 ގަހަށް އަސަރު ކުރާނެ ކަމަށް ވެސް އެ އެޖެންސީން ބުނެއެވެ. އީޕީއޭއިން ހެދި އެންވާރަމަންޓަލް އިމްޕެކްޓް އެސެސްމަންޓުގެ މައްޗައް ބިނާކޮށް އެ އެޖެންސީން ނެރުނު ބަޔާނުގައި ބުނީ، މާފަރު އެއާޕޯޓު ބޮޑު ކުރުމަށް ހިންގާ ބިން ހިއްކުމުގެ މަސައްކަތުން މާފަރު ފަޅުގެ ބޮޑު ބައެއް ދާއިމީކޮށް ގެއްލިގެންދާނެ ކަމަށެވެ. އަދި އޭގެ ސަބަބުން ވަށައިގެންވާ އީކޯ ސިސްޓަމްއަށް އަސަރު ކުރާނެ ކަމަށް ވެސް އީޕީއޭއިން ބުނެއެވެ.

އެއާބަސް އޭ 320 މަރުކާގެ މަތިންދާބޯޓު ޖެއްސޭގޮތަށް، 2200 މީޓަރުގެ ރަންވޭ އަކާއެކު، ތަރައްގީ ކޮށްފައިވާ މާފަރު އެއާޕޯޓަކީ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އަބޫދާބީ ފަންޑުން ސިންގަޕޫރުގެ 'ޓަފް އޮފްޝޯ' ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. މާފަރު އެއާޕޯޓް ހުޅުވުމަށްފަހު އަލުން 1000 މީޓަރު އިތުރުކޮށް، އޭ 380 މަރުކާގެ މަތިންދާބޯޓު ޖެއްސޭގޮތަށް އެއާޕޯޓް ބޮޑު ކުރުމަށް މި ސަރުކާރުން ވަނީ ނިންމާފައެވެ.