ކުނިވެފައިވާ 7 ގަބުރާއެކު ބޯޓެއް ލައްގާފައިވާކަމަށާ، ބެލެވޭ ގޮތުގައި އެއީ އުތުރު ކޮރެޔާއާށް ނިސްބަތްވާ މަސް ބޯޓެއް ކަމަށް ޖަޕާނުގެ ކޯސްޓްގާޑް އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

އުތުރު ކޮރެޔާއާއި ގާތްގަނޑަކަށް 900 ކިލޯމީޓަރު ދުރުން އޮންނަ ޖަޕާނުގެ އިރުމަތީ އައްސޭރި ފަށުގެ ސާޑޯ އައިލަންޑަށް ލައްގާފައިވާ މި ބޯޓު ފެނިފައިވަނީ ހޮނިހިރު ދުވަހުގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބެއެވެ.

ޖަޕާނުން ވާހަކަދެއްކެވި އޮފިޝަލަކު ވިދާޅުވީ ބޯޓުން ފެނުނު 7 ގަބުރުގެ ތެރެއިން 5 ހަށިގަނޑަކީ ފިރިހެނުންކަން ކަށަވަރު ކުރެވިފައިވާ ކަމަށާ، އަނެއް 2 ގަބުރު ކުނިވެ، ހަލާކުވެފައިވާލެއް ބޮޑުކަމުން ޖިންސް ވަކިކުރަން އަދި ނޭނގޭ ކަމަށެވެ.

ކުނިވެފައިވާ ގަބުރުތަކަކާއެކު ޖަޕާނަށް ލައްގާފައިވާ ބޯޓުގެ ބައެއް/ފޮޓޯ: ސާޑޯ އައިލަންޑް ކޯސްޓް ގާޑް

ހަލާކުވެފައި މަސްބޯޓު ލެއްގުމަކީ ޖަޕާނަށް އާންމު ކަމެއް ނަމަވެސް، މަރުވެފައިވާ އިންސާނުންގެ ހަށިގަނޑުތަކަކާއެކު މިއަހަރު ބޯޓެއް ލެއްގި މިއީ ފުރަތަމަ ފަހަރެވެ. އެގޮތުން މިއަހަރު އެކަނިވެސް މިފަދަ 156 ބޯޓެއް ޖަޕާނުގެ އައްސޭރި ފަށަށް ވަނީ ލައްގާފައެވެ.

ދެބުރިފައިވާ މި ބޯޓުގައި ކޮރެޔާ ބަހުން އަކުރުތަކަކާ ހިސާބު އަދަދުތަކެއް ޖަހާފައިވާކަމަށާ، ބޯޓުން ފެނުނު އެއްވެސް މީހެއްގެ ހަށިގަނޑުގައި އެއީ ކޮން ގައުމެއްގެ މީހެއްކަން އަންގައިދޭނެ އެއްވެސް ނިޝާނެއް ނެތްކަމަށްވެސް ޖަޕާނުން ބުނެއެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި އުތުރު ކޮރެޔާގެ މަސްވެރިންނަކީ އެގައުމުން ސަރުކާރުން ކަނޑައަޅާފައި މެންޑޭޓާ އެއްގޮތަށް ކަން ކުރުމުގެ ނިޔަތުގައި މާ ސިންގާ ކަނޑުގެ ދުރު ހިސާބުތަކަށް ދަތުރުކުރާ މަސްވެރިންތަކެކެވެ. ނަމަވެސް އެމީހުންގެ މަސްބޯޓު ތަކަކީ ފުދޭ ވަރަކަށް ބާ ބޯޓުތަކެއް ކަމަށާ، އެކަށީގެންވާ ވަސީލަތްތަކެއްވެސް އެބޯޓުފަހަރުގައި ނުހުންނަ ކަމަށްވެއެވެ.