ނ. މާފަރުގައި ތަރައްގީ ކޮށްފައިވާ މާފަރު އިންޓަނޭޝަނަލް އެއާޕޯޓް (އެމްއައިއޭ) ބޮޑު ކުރުމުގެ ހުއްދަ ނުދިނުމަށް އެންވާރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ނިންމައިފިއެވެ.

އީޕީއޭއިން ހެދި އެންވާރަމަންޓަލް އިމްޕެކްޓް އެސެސްމަންޓުގެ މައްޗައް ބިނާކޮށް އެ އެޖެންސީން ނެރުނު ބަޔާނުގައި ބުނީ، މާފަރު އެއާޕޯޓު ބޮޑު ކުރުމަށް ހިންގާ ބިން ހިއްކުމުގެ މަސައްކަތުން މާފަރު ފަޅުގެ ބޮޑު ބައެއް ދާއިމީކޮށް ގެއްލިގެންދާނެ ކަމަށެވެ. އަދި އޭގެ ސަބަބުން ވަށައިގެންވާ އީކޯ ސިސްޓަމްއަށް އަސަރު ކުރާނެ ކަމަށް ވެސް އީޕީއޭއިން ބުނެއެވެ.

މާފަރު އެއާޕޯޓު ބޮޑު ކުރުމަށް ނިންމާފައިވަނީ އޭ 380 މަރުކާގެ މަތިންދާބޯޓު ޖެއްސުމަށެވެ. މާފަރު އެއާޕޯޓް ބޮޑު ކުރުމަށް ހުށަހަޅާފައިވާ ސަބަބުތަކަކީ ދުރު ރާސްތާގައި އެކަމާ ގުޅިގެން ތިމާވެއްޓަށް ދިމާވާނެ ނޭދެވޭ އަސަރުތަކަށް ވިސްނާފައި ހުށަހަޅާފައިވާ ސަބަބުތަކެއް ނޫން ކަމަށް އީޕީއޭއިން ބުނެއެވެ.

އީޕީއޭ އިން ބުނީ، މާފަރަކީ ވެލާ ބިސްއަޅުމުގައި މަޝްހޫރު ރަށެއް ކަމަށާއި ނަމަވެސް އެ މަޝްރޫއުގެ ސަބަބުން އެ ކަމަށް ސީދާ ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ. އަދި އެ މަޝްރޫއުގެ ދަށުން ރަށުގައި ހުރި 22،000 ގަހަށް އަސަރު ކުރާނެ ކަމަށް ވެސް އެ އެޖެންސީން ބުނެއެވެ.

މާފަރު އެއާޕޯޓަށް ބިސްއަޅަސް އެރި ވެލާ / ފޮޓޯ: ސޯޝަލް މީޑިއާ

އީޕީއޭއިން މިހެން ބުނެފައިވާއިރު، މާފަރު އެއާޕޯޓުގެ ރަންވޭ މައްޗަށް ވެލައެއް ބިސް އެޅި ހާދިސާއެއް ވެސް ވަނީ ފެންމަތިވެފައެވެ. ރަންވޭ މައްޗަށް ވެލާ ބިސް އެޅި ހަބަރު ބައިނަލްއަގްވާމީ ނޫސްތަކަށް ވެސް އަރާފައި ވާއިރު، އެކަމާ މެދު ބައެއް ގައުމުތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެއާބަސް އޭ 320 މަރުކާގެ މަތިންދާބޯޓު ޖެއްސޭގޮތަށް، 2200 މީޓަރުގެ ރަންވޭ އަކާއެކު، ތަރައްގީ ކޮށްފައިވާ މާފަރު އެއާޕޯޓަކީ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އަބޫދާބީ ފަންޑުން ސިންގަޕޫރުގެ 'ޓަފް އޮފްޝޯ' ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. މާފަރު އެއާޕޯޓް ހުޅުވުމަށްފަހު އަލުން 1000 މީޓަރު އިތުރުކޮށް، އޭ 380 މަރުކާގެ މަތިންދާބޯޓު ޖެއްސޭގޮތަށް އެއާޕޯޓް ބޮޑު ކުރުމަށް މި ސަރުކާރުން ވަނީ ނިންމާފައެވެ.