އެއީ ފުރަތަމަ ގުރޭޑްގައި ތައުލީމު ހާސިލުކުރަމުންދިޔަ ކިޔަމަންތެރި ކުއްޖެކެވެ. އެކުވެރިންގެ މެދުގައިވެސް ލޯބިލިބިފައިވާ ކުއްޖެކެވެ. ނަމަވެސް އެކުއްޖާ ހިފަހައްޓާ ނުލެވޭ ވަގުތުތަކެއް އާދެއެވެ. އޭނާގެ ޓީޗަރަކު ބުނި ގޮތުގައި މޭޒުމަތީގައި ބޯއަޅައިގެން އެކަނިމައިއެކަނި އޮވެ، ރޮއެ ގިސްލަމުން އެ ކުއްޖާދެއެވެ.

އެ ދަރިވަރާ ސުވާލުކުރުމުން، އެއީ އޭނާގެ މަންމަ މަތިން ހަނދާންވުމުން ވާ ގޮތެއް ކަމަށް ބުނިކަމަށްވެއެވެ. މަންމަ ކޮބައިތޯ ބެލިއިރު، އެ މަންމަ ވީ، ޗައިނާގައި ދިރިއުޅޭ ވީގޫރު ދަރިކޮޅުގެ މުސްލިމުންނަށް އަމާޒުކޮށް ޗައިނާގެ ކޮމިއުނިސްޓް ސަރުކާރުން ޝިންޖިއާންގްގައި ހިންގާ 'ޖަލަށް' ބަދަލުކުރެވިފައިކަން ޓީޗަރަށް އެނގުނެވެ. އެ ދަރިވަރުގެ ބައްޕަވެސް މި ދުނިޔޭގައި ނެތެވެ. ޔަތީމުވެ ބިކަ ހާލުގައި ޖެހިފައި ހުރި އެ ކުޑަކުއްޖާގެ އާއިލާ މީހެއްގެ ގާތަށް ފޮނުވާލުމުގެ ބަދަލުގައި، ޗައިނާގެ ސަރުކާރުން ނިންމީ ބޯޑިންގް ސްކޫލަކަށް އޭނާ ފޮނުވާލުމަށެވެ. މިފަދަ އެތައް ބޯޑިންގް ސްކޫލެއް ޝިންޖިއާންގް ސަރަހައްދުގައި ޗައިނާ ސަރުކާރުން މިހާރު ދަނީ ހިންގަމުންނެވެ.

ޗައިނާގައި ދިރިއުޅޭ ވީގުރު މުސްލިމު ކުއްޖަކު ނަމާދު ކުރަނީ/ފޮޓޯ: އޭޕީ ނިއުސް

ޗައިނާއިން އިސްލާމް ދީން ފޮހުލުމަށް އެގައުމުގެ ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ތެރެއިން ފާއިތުވީ 3 އަހަރެއްހާ ދުވަހުގެ ތެރޭގައި މިލިއަނަކަށް ވުރެ ގިނަ މުސްލިމުން ވަނީ ޑިޓެންޝަން ސެންޓަރުތަކުގައި ބަންދުކޮށްފައެވެ. އެ މަރުކަޒުތަކުގައި ބަންދުކުރަނީ ބޮޑެތި މީހުން ކަމަށްވާއިރު، ކުޑަކުދިންނަށްވެސް މިހާރު ސަލާމަތެއް ނެތެވެ.

ޗައިނާގައި ދިރިއުޅޭ ވީގުރު މުސްލިމުންގެ ހައްގުގައި ކުރި މުޒާހަރާއެއްގެ ތެރެއިން/ފޮޓޯ: ޓިބެޓް

ރެކޯޑްތަކުން ދައްކާ ގޮތުގައި ބައި މިލިއަނެއްހާ މުސްލިމު ކުދިން މިހާރު ވަނީ އެކުދިންގެ އާއިލާތަކާ ވަކިކޮށް، ބޯޑިންގް ސްކޫލްތަކަށް ފޮނުވާލާފައެވެ. މިކަން ދިފާއު ކުރަމުން ޗައިނާ ސަރުކާރުން ބުނީ، އެއީ އިންތިހާއަށް ގޮސްފައިވާ ފަގީރުކަމުން ކުޑަކުދިން ސަލާމަތް ކޮށްދިނުމަށް އެޅި ފިޔަވަޅެއް ކަމަށެވެ. ޗައިނާއިން އެކަމަށް ވަކާލާތު ކުރި ކަމުގައި ވީ ނަމަވެސް، މި ބޯޑިންގް ސްކޫލްތަކަކީ ކުދިންގެ ޅަ ސިކުނޑިތައް 'ދޮވެލުމުގެ' މަގުސަދުގައި ޗައިނާއިން ހިންގާ ސްކޫލްތަކެއްކަން އެއްވެސް މީހަކަށް އޮޅިފައެއް ނެތެވެ.

ޗައިނާގައި ދިރިއުޅޭ ވީގުރު މުސްލިމުންގެ ހައްގުގައި ކުރި މުޒާހަރާއެއްގެ ތެރެއިން/ފޮޓޯ: ނޭޝަނަލް އިންޓްރެސްޓް

މުސްލިމު ކުދިންނަށް ޗައިނާ ސަރުކާރުން ހިންގާ ބޯޑިންގް ސްކޫލްތަކަކީ ކޮންމެ ކޮންމެ މީހަކަށް ގާތްވެވޭ ސްކޫލްތަކެއްވެސް ނޫނެވެ. ބެލެވޭ ގޮތުގައި މި ސްކޫލްތަކަކީ ބޮޑުވަމުން އަންނަ މުސްލިމު ޖީލުތައް، ޗައިނާ ސަރުކާރުން ބޭނުންވާ ފިކުރެއްގައި ބޮޑުކުރުން ކަމާ މެދު ދެބަސްވާނެ ޖާގައެއް ނެތެވެ. މި ސްކޫލްތަކުގައި މަސައްކަތްކުރަނީވެސް ޗައިނާ ސަރުކާރުން ބޭނުންވާ ދަރިކޮޅަށް ނިސްބަތްވާ މީހުންނެވެ.