ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ކުރައްވާ ކަމެއް ކުރައްވާނީ ގާނޫނީ ގޮތުން އެކަމެއް ކުރެވެން އޮތް ގޮތަކަށްކަން ޔަގީން ކަން ދެއްވާ ކަމަށް ޖުމްހޫރީޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ބައެއް ރިސޯޓުތަކުން، އެ ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެކަށީގެންވާ ސާވިސްޗާޖު ދޭ ކަމަށް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވުމާ ގުޅިގެން، އަލީ ވަހީދަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، ގާސިމްވެސް ވަނީ އަލީ ވަހީދު ދިފާއު ކުރައްވާ ޓުވީޓެއް ކުރައްވާފައެވެ.
އެ ޓުވީޓުގައި ވިދާޅުވެފައި ވަނީ ޓުއަރިޒަމް އިންޑަސްޓްރީއަށް ނުވަތަ މުވައްޒަފުންނާ ބެހޭ ކަމެއް ވިޔަސް، އަލީ ވަހީދު އެކަމެއް ކުރައްވާނީ ގާނޫނީ ގޮތުން އެކަމެއް ކުރެއްވެން އޮތް ގޮތަކަށްކަން ޔަގީން ކަމަށާއި، މުސާރައާއި ސާވިސް ޗާޖު ކަނޑައަޅަނީ މިިނިސްޓަރު ނޫން ކަމަށެވެ.
ގާސިމް، އަލީ ވަހީދު ދިފާއު ކުރައްވާ ޓުވީޓް ކުރައްވާފައި ވާއިރު، ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ އާއި، އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ އަލީ ވަހީދު ދިފާއު ކުރައްވާފައެވެ.
ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރާއްޖޭގައި ޓޫރިޒަމްގެ ހިދުމަތްދޭ ފާހަގަކޮށްލެވޭ ކުންފުނިތަކުން ސާވިސް ޗާޖު ދޭ ގޮތް ރަނގަޅު ކަމަށް ވިދާޅުވުމާ ގުޅިގެން ޓޫރިޒަމްގެ ސިނާއަތުގައި މަސައްކަތް ކުރާ ބައެއް މީހުންގެ ފާޑުކިޔުން އަލީ ވަހީދަށް ވަނީ އަމާޒުވެފައެވެ.
މިނިސްޓަރު އަލީ ވަހީދު މިހެން ވިދާޅުވެފައި ވާއިރު، ސޯޝަލް މީޑިއާގައި ދަނީ ޓުއަރިޒަމް މިނިސްޓަރު އިސްތިއުފާއަށް ގޮވާލައި ބޮޑު ކެމްޕޭނެއް ވެސް ކުރަމުންނެވެ. އެގޮތުން، 'ރިސޯޓް ބޯއިސް މޯލްޑިވްސް' ގެ ނަމުގައި ފޭސްބުކްގައި ހިންގާ ޕޭޖަކުން މިނިސްޓަރު އިސްތިއުފާއަށް ގޮވާލާފައިވާ ޕޯސްޓަކަށް ވަނީ 5 ގަޑިއިރުގެ ތެރޭގައި 900 އެއްހާ ޝެއާސް ލިބިފައެވެ.