ފަތުރުވެރިކަމުގެ މަންފާ އެންމެ އެކަށީގެންވާ ގޮތުގައި ލިބުމަށްޓަކައި އެންމެ ފުރަތަމަ ބަދަލުވާން ޖެހޭ ކަމަކީ ރިސޯޓު މުވައްޒަފުންގެ މުސާރަ އާއި ސާވިސް ޗާޖު ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތުގެ ފުރިހަމަ މަންފާ ރާއްޖެއަށް ލިބުމަށްޓަކައި އެންމެ މުހިއްމު ކަމަކީ އާމްދަނީ ރައްޔިތުންނަށް ބެހިގެން ދިޔުން ކަމަށެވެ.

އަދި ފަތުރުވެރިކަމުގެ ސިނާއަތް ވަރުގަދަކުރުމަށް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ކުރައްވަމުން ގެންދަވާ މަސައްކަތްތައް ވަރަށް ކައިރިން ފެނިލައްވާ ކަމަށް މިނިސްޓަރު އިމްރާން ވަނީ ވިދާޅުވެފައެވެ.

ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރާއްޖޭގައި ޓޫރިޒަމްގެ ހިދުމަތްދޭ ފާހަގަކޮށްލެވޭ ކުންފުނިތަކުން ސާވިސް ޗާޖު ދޭ ގޮތް ރަނގަޅު ކަމަށް ވިދާޅުވުމާ ގުޅިގެން ޓޫރިޒަމްގެ ސިނާއަތުގައި މަސައްކަތް ކުރާ ބައެއް މީހުންގެ ފާޑުކިޔުން އަލީ ވަހީދަށް ވަނީ އަމާޒުވެފައެވެ.

މިނިސްޓަރު އަލީ ވަހީދު މިހެން ވިދާޅުވެފައި ވާއިރު، ސޯޝަލް މީޑިއާގައި ދަނީ ޓުއަރިޒަމް މިނިސްޓަރު އިސްތިއުފާއަށް ގޮވާލައި ބޮޑު ކެމްޕޭނެއް ވެސް ކުރަމުންނެވެ. އެގޮތުން، 'ރިސޯޓް ބޯއިސް މޯލްޑިވްސް' ގެ ނަމުގައި ފޭސްބުކްގައި ހިންގާ ޕޭޖަކުން މިނިސްޓަރު އިސްތިއުފާއަށް ގޮވާލާފައިވާ ޕޯސްޓަކަށް ވަނީ 5 ގަޑިއިރުގެ ތެރޭގައި 900 އެއްހާ ޝެއާސް ލިބިފައެވެ.