ރާއްޖޭގައި "ބްރީތަލައިޒާ" ބޭނުންކުރަން ފުލުހުން ނިންމައިފައި ވާކަން އެނގިއްޖެއެވެ.

ބަނގުރާ ބޯ މީހުން އާންމު ތަންތަނުން އަތުލައިގަތުމަށް ދުނިޔޭގެ ގިނަ ގައުމުތަކުގައި ފުލުހުން ބޭނުންކުރަމުން އަންނަ "ބްރީތަލައިޒާ" ރާއްޖޭގައި އާންމުކޮށް ބޭނުންކުރަން ނިންމާފައި ވާކަން ފުލުހުންގެ މީޑިއާއިން ޔަގީން ކޮށެއް ނުދެއެވެ. ނަމަވެސް ބައެއް މަސްދަރުތަކުން އެނގިފައިވަނީ މިރެއިން ފެށިގެން ފުލުހުން ބޭނުން ކުރަމުން ދާނެ ކަމަށެވެ.

ބްރީތަލައިޒާއަކީ ހަށިގަނޑުގައި ރަލުގެ މިންވަރު ހުރި ވަރު ބެލުމަށް ބޭނުންކުރާ ވަސީލަތެކެވެ.

މި ވަސީލަތުގެ ސަބަބުން "އަލްކަހޯލް ޓެސްޓް" ހަދަން ތަނަކަށް ދިއުމުގެ ބަދަލުގައި އެ ތަނެއްގައި ހުރެގެން ފަސޭހައިން ދެނެގަނެ ވޭނެއެވެ. އަދި އެ ފަދަ މީހުން މަސްތުވެގެން ހުރިކަން ނުވަތަ ނޫންކަން މި ވަސީލަތުގެ އެހީގައި ދެނެގަނެވޭނެ ކަމަށް ބޭރުގެ މާހިރުން ބުނެއެވެ.