ހުޅުމާލޭގައި ފަތުރުވެރިއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލައިފިއެވެ. މިހާދިސާގައި ޒަހަމްވެފައި ވަނީ ރާއްޖޭގައި މަސައްކަތް ކުރާ ތުރުކީގެ ރައްޔިތަކަށް ކަމަށާއި އޭނާގެ ހަށިގަނޑުގެ 3 ތަނަކަށް ހަމަލާދީފައި ވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ހަމަލާ ދީފައިވަނީ ވާއަތްފަރަތުން މެޔަށާއި، ކޮލުގެ އިތުރުން ކޮނޑު މައްޗައް ކަމަށެވެ. މިހަމަލާގައި ޒަހަމްވި މީހައަށް ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދާއިރު، އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް ވަނީ އެނގިފައެވެ.

ފުލުހުން ބުނީ މިރޭގެ ހަމަލާ ދީފައިވަނި ހުޅުމާލޭ ނިރޮޅުމަގާއި ބޮކަރުމާ ހިނގުމުގެ ކަންމަތިން ކަމަށެވެ. ހަމަލާ ދިން ސަބަބު އަދި ސާފު ނުވާ އިރު ބައެއް މަސްދަރުތަކުން ބުނެފައިވަނީ ހަމަލާ ދީފައި ވަނީ އޭނާ ހިނގާފައި ދަނިކޮށް ކަމަށެވެ. އަދި ހަމަލާ ދިން މީހުން ދިޔައީ ސައިކަލުގައި ކަމަށާއި ސައިކަލުގައި ދެމީހަކު ތިބިކަމަށްވެސް މައުލޫމަތު ލިބެއެވެ.

މިރޭ މާލޭގައި ވެސް ވަނީ ބިދޭސީން ތަކެއްގެ ދެމެދުގައި ހަމަނުޖެހުންތަކެއް ހިނގާ މާރާމާރީއެއް ހިންގާ ތޫނު އެއްޗަކުން އެކަކު ޒަހަމް ކޮށްލާފައެވެ. މީގެ އިތުރުން ރޭ ދަންވަރު މީހެއްގެ އަތުން ފޭރެން އުޅެ، އެމީހާގެ އަތަށް ތޫނު އެއްޗަކުން ހަމަލާ ދީ ވަނީ ޒަހަމް ކޮށްލާފައި ވެއެވެ.