ގައުމުގެ ސުލްހަ މަސަލަސްކަމާއި އަމަންއަމާން ކަމަށް ބުރޫއަރާފަދަ ކަމަކާ ކުރިމަތިވާނެ ކަމަށް ބެލެވުން ނުވަތަ އެފަދަ މައުލޫމާތެއް ލިބުމުން ގައުމީ ދިފާއީ ބާރު އެމްއެންޑީއެފްގެ އެލާޓް ސްޓޭޓަސް "ޔެލޯ 2" މުޅި ރާއްޖެއަށް ނެރެފައި ވާއިރު އެލާޓުގެ ދަރަޖަ ދަށް ނުކުރާކަމަށް އެމްއެމްއެންޑީއެފުން ބުނެފިއެވެ.
އެލާޓް ސްޓޭޓަސް އާއި ގުޅޭގޮތުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސާ މޭޖާ އިބްރާހީމް އާޒިމް ވިދާޅުވީ އެލާޓް ކުރިޔަށް ގެންދިޔުމަށް ޕްލޭންކޮށްފައިވާ ގޮތަށް އެލާޓުގެ ކަންކަން ކުރިޔަށްދާ ކަަމަށެވެ.
އެލާޓް ނިމުމަކަށް އަންނާނެ ދުވަހަކާ ގުޅޭގޮތުން ސުވާލު ކުރުމުން އާޒިމް ވިދާޅުވީ އެލާޓް އަދި ހުއްޓުމެއްނެތި ކުރިޔަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ ކަަމަށެވެ.
24 ޑިސެންބަރު 2019 ވީ އަންގާރަ ދުވަހުގެ 19:00 ން ފެށިގެން ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ އެލާޓް ސްޓޭޓަސް މައްޗަށް ޖައްސާ "ޔެލޯ 2" އަށް ވަނީ ބަދަލު ކޮށްފައެވެ. އެހެންކަމާއިއެކު ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ސިފައިން ހަތިޔާރާއިއެކު ހަރަކާތްތެރިވާނެކަމަށާއި މިގޮތުން ކަނޑުމަތީގެ އުޅަނދުފަހަރު ހުއްޓުވައި ޗެކްކުރަމުން ގެންދެވޭނެކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ
މި މަސައްކަތަށް ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުން އަންނަކަމަށް އެމްއެންޑީއެފުން ވަނީ ފާހަގަކުރައްވާފައެވެ.
އެމްއެންޑީއެފްގެ އެލާޓް ސްޓޭޓަސް "ޔެލޯ 2" އަށް ބަދަލުކުރަނީ ގައުމުގެ ސުލްހަ މަސަލަސްކަމާއި އަމަންއަމާންކަމަށް ބުރޫއަރާފަދަ ކަމަކާ ކުރިމަތިވާނެ ކަމަށް ބެލެވުން ނުވަތަ އެފަދަ މައުލޫމާތެއް ލިބުމުންނެވެ.